އާސަންދައަށް ބަޖެޓުުކުރި ވަރަށްވުރެ އިތުރަށް ޚަރަދުވެއްޖެ

އާސަންދަ އޮފީސް --- ސަން ފައިލް ފޮޓޯ

މި އަހަރުގެ ބަޖެޓުގައި އާސަންދައަށް ޚަރަދުކުރުމަށް ކަނޑައަޅާފައިވާ މިންވަރަށް ވުރެ، އިތުރަށް ޚަރަދުވެއްޖެއެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން މިމަހުގެ ނުވަވަނަ ދުވަހާ ހަމައަށް 795 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުވެފައިވެއެވެ. އާސަންދަ އަށް މި އަހަރު ބަޖެޓުކޮށްފައިވަނީ 730 މިލިއަން ރުފިޔާއެވެ.

މިދިޔަ އަހަރުގެ އެ މުއްދަތުގައި 658 މިލިއަން ރުފިޔާ އާސަންދައަށް ޚަރަދުވެފައިވެއެވެ.

މީގެ އިތުރުން، މިއަހަރު ސަރުކާރުން ފޯރުކޮށްދޭ ސަބްސިޑީއަށް 1.44 ބިލިއަން ރުފިޔާ ބަޖެޓުކޮށްފައިވާއިރު، މިހާތަނަށް 1.46 ބިލިއަން ރުފިޔާ ޚަރަދުވެފައިވެއެވެ.

ސަބްސިޑީއަށް ސަރުކާރުން ކުރަންޖެހޭ ޚަރަދު އިތުރު ވެފައިވަނީ ތެލާއި އެހެނިހެން އަސާސީ މުދަލުގެ އަގު ދުނިޔޭގެ ބާޒާރުގައި މައްޗަށް ދިއުމުންނެވެ.

ސަރުކާރުގެ ސަބްސިޑީގެ ސިޔާސަތު އަލުން މުރާޖައާ ކުރައްވާ، ޓާގެޓެޑް ސަބްސިޑީއަކާ ދިމާލަކަށް ދިއުމަށް މަސައްކަތް ކުރައްވަމުން އަންނަކަމަށް ރައީސް އިބްރާހީމް މުހައްމަދު ޞާލިޙް އެންމެ ފަހުން ނޫސްވެރިންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވެފައިވެެއެވެ.

"ފުޑް ސަބްސިޑީވިޔަސް، ފިއުލް ސަބްސިޑީވިޔަސް، ޑައިރެކްޓް ސަބްސިޑީއެއް މީގައި ދެވޭނީ ކިހިނެއްތޯ، ފަސޭހައިން ދެވޭނީ ކޮންގޮތެއްތޯ ބަލާފައި، އެކަންވެސް އަޅުގަނޑުމެން ކުރަންޖެހޭނެ" ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ވެސް ދައުލަތުގެ ޚަރަދު ކުޑަ ކުރުމަށް ފިޔަވަޅުތަކެއް އަޅަމުންދާނެ ކަމަށް ސަރުކާރުން އަންނަނީ ބުނަމުންނެވެ.

comment ކޮމެންޓް