ތަހުގީގުގައި ގޯސްތަކެއް، މަސްތުވާތަކެތި އެތެރެކުރިކަން ސާބިތެއް ނުވި

ފެބްރުއަރީ 15، 2021: ކްރިމިނަލް ކޯޓު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ވެލަނާ އިންޓަނޭޝަނަލް އެއާޕޯޓުން ދިވެއްސަކު ގެނައި ފޮށިން އެއް ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި ފެނުން މައްސަލަ އެމީހާގެ މައްޗަށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

އެ ދައުވާއަކީ ސްރީ ލަންކަން އެއާލައިންސްގެ ފްލައިޓަކުން 2019 ވަނަ އަހަރުގެ އޮގަސްޓު 16 ވަނަ ދުވަހު މާލެ އައި މީހަކު ގެނައި ފޮށިގަނޑަކުން 1،475.8 ގްރާމްގެ ޑައިފޯމިން ފެނުނު މައްސަލާގައި ކުރި ދައުވާއެކެވެ.

އެ މައްސަލާގައި ދައުލަތުން އެމީހާގެ މައްޗަށް ކޮށްފައިވަނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމުގެ ކުށުގެ ދައުވާއެވެ.

މިކަމާ ގުޅިގެން ކްރިމިނަލް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ކުރި ހުކުމުގައި ވަނީ މަސްތުވާތަކެތި ފެނުނު ފޮއްޓަކީ އެހެން މީހަކު އެމީހާއާ ހަވާލުކުރި ފޮއްޓެއް ކަމަށާއި އޭގައި މަސްތުވާތަކެތި ހުރިކަން އޭނާއަށް ނޭނގޭ ކަމަށް ދިފާއުގައި ބުނެފައިވާ ކަމަށެވެ.

އެ ފޮށިގަނޑު ރާއްޖެ ގެނައީ އޭގައި މަސްތުވާތަކެތި ހުރިކަން އޭނާއަށް އެނގިހުރެ ކަން ދައުލަތަށް ސާބިތުނުކޮށްދެވޭ ކަމަށް އެ ހުކުމުގައި ބުނެފައިވެއެވެ.

މީގެއިތުރުން ތަހުގީގު މަރުހަލާގައި ގޯސްތަކެއް ހަދާފައިވާ ކަމަށް އެ ހުކުމްގައި ފާހަގަކޮށްފައިވެއެވެ. އެގޮތުން މަސްތުވާތަކެތި ލާފައިވާ އެވިޑެންސް ބޭގްގައި ޗެއިން އޮފް ކަސްޓަޑީ އެޓޭޗުކޮށްފައި ނެތް ކަމަށް އެ ހުކުމްގައިވެއެވެ.

ޗެއިން އޮފް ކަސްޓަޑީގައި ނަން ނެތް މީހަކު އެވިޑެންސްތައް ގެންގުޅުނު ކަމަށް ފުލުހުން ކޯޓުގައި ބުނެފައިވާ ކަމަށް ވެސް އެ ހުކުމްގައިވެއެވެ. އެވިޑެންސް ބޭގް ބަދަލުވެފައިވާ ކަމަށް ޝައްކު ކުރެވޭ ކަންކަން ހުރުމުގެ އިތުރުން ޗެއިން އޮފް ކަސްޓަޑީގެ ސައްހަކަން ގެއްލި ޗެއިންގެ ސިލްސިލާ ބްރޭކް ވެފައިވާ ކަމަށް ވެސް އެ ހުކުމްގައިވެއެވެ.

އެ ހުރިހާ ކަމަކަށް ރިއާއަތްކޮށް މައްސަލަ ބެއްލެވި ގާޒީ އާދަމް މުހައްމަދު ކުރެއްވި ހުކުމުގައި ވަނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރިކަމުގެ ކުށް އެމީހާގެ މައްޗަށް ސާބިތުނުވާ ކަމަށެވެ.

comment ކޮމެންޓް