ފުނަދޫ ރަށްގިރުމުގެ މައްސަލައަށް ހައްލު ހޯދުމުގެ މަސައްކަތް ވީހާވެސް އަވަހަށް ފަށާނަން: ރައީސް

ފުނަދޫ ސްކޫލަށް 50އަހަރު ފުރުން ފާހަގަ ކުރުމަށް މިރޭ އެ ސްކޫލުގައި ބޭއްވި ރަންޔޫބީލް ޖަލްސާގައރައީސް ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ/ ރައީސް އޮފީސް

ށ. ފުނަދޫ ރަށްގިރުމުގެ މައްސަލައަކީ މިހާރުން މިހާރަށް ހައްލުކުރަން ޖެހިފައިވާ މައްސަލައެއް ކަމަށާއި އެ މައްސަލައަށް ހައްލެއް ހޯދުމުގެ މަސައްކަތް ވީހާވެސް އަވަހަކަށް ފަށާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

ފުނަދޫ ސްކޫލަށް 50 އަހަރު ފުރުން ފާހަގަ ކުރުމަށް މިރޭ އެ ސްކޫލުގައި ބޭއްވި ރަންޔޫބީލް ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ފުނަދޫ ރަށްގިރުމުގެ މައްސަލައަށް ހައްލެއް ހޯދުމަކީ ނުހަނު ބޭނުންތެރި ކަމެއް ކަމަށެވެ. އަދި ފުނަދޫގައި އިތުރުވަމުންދާ އާބާދީއާއެކު އަންނަ އަހަރުގެ ބަޖެޓުން ބިން ހިއްކާ ރަށްރަށުގެ ލިސްޓުގައި ފުނަދޫ ހިމަނާނެކަމަށް ރައީސް ވިދާޅުވިއެވެ.

"އަދި އަޅުގަނޑުމެން މިހާރުން މިހާރަށް ގޮތްތަކެއް ހޯދަން ޖެހިފައިވާ މައްސަލައަކީ ރަށްގިރުމުގެ މައްސަލައަށް ހައްލެއް ހޯދުން. އެއީ އަވަސް ހައްލެއް ހޯދަން ޖެހިފަ އޮތް މައްސަލައެއް ކަމަށް އަޅުގަނޑު ގަބޫލުކުރަން. ލަސްތަކެއް ނުވެ ވީހާވެސް އަވަހަށް އެކަމަށް ހައްލެއް ހޯދުމުގެ މަސައްކަތް އަޅުގަނޑުމެންގެ ސަރުކާރުން ފަށައިދޭނެކަން ވެސް މި ފުރުސަތުގައި އަޅުގަނޑު ދަންނަވަން،" ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ސަރުކާރުން ހިންގާ މަޝްރޫއުތަކުގެ ވަށާޖެހިފައިވާ ސިޔާސަތަކީ އުފެއްދުންތެރި ޖީލެއް ބިނާކުރުންކަމަށެވެ. އަދި އެކަމުގެ އެންމެ މުހިންމު މަސައްކަތްތައް ހިނގަނީ ތައުލީމީ ދާއިރާގެ ތެރޭގައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެހެންކަމުން ސްކޫލުތަކުގެ އުމްރާނީ ތަރައްގީއަށް ރާވާފައިވާ 203 މަޝްރޫއެއް މިހާރުވެސް ކުރިއަށްދާކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި މިހާރު ފުނަދޫ ސްކޫލުގައި ކުރިއަށްދާ 15 ކްލާސްރޫމުގެ މަސައްކަތް ޑިސެމްބަރު މަސް ނިމުމުގެ ކުރިން ނިންމާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"މި ސުކޫލަށް މިވަގުތު އެންމެ ބޭނުން ޖެހިފައިވާ ކަމަކީ ސްޓާފް ރޫމެއް ހިމެނޭ ގޮތަށް އޮފީސް އިމާރާތެއް ބިނާކުރުން. އިރާދަކުރެއްވިއްޔާ އެކަން ވެސް ކުރިއަށް އޮތް އަހަރުގެ ބަޖެޓުގައި ހިމަނައިގެން އަޅުގަނޑުމެން ކުރިއަށްގެންދާނަން،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ސަރުކާރުގެ ވިސްނުމަކީ އެއްވެސް ކުއްޖަކު ބާކީ ނުކުރުންކަމަށެވެ. އެހެންކަމުން ހުރިހާ ކުދިންނަށް ކިޔަވައިދީގެން ހުނަރުވެރި ފަންނުވެރި އަދި ބިނާކުރުވަނިވި ޖީލެއް އުފައްދަން މަސައްކަތްކުރައްވާނެ ކަމުގެ ޔަގީންކަން ރައީސް އެރުއްވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ 50 އަހަރުތެރޭ ފުނަދޫ ސްކޫލުން މުޖުތަމައުއަށް އަގުހުރި މަސައްކަތްތަކެއް ކޮށްދީފަވާކަމަށެވެ.

"އެއީ އިންސާނީ ވަސީލަތްތައް ބިނާކުރުން. ފުނަދޫ ސްކޫލުން ދަރިވަރުވި އެތައް ބަޔަކު މި ރަށާއި މި ސަރަހައްދުގެ އެކި އިދާރާތަކުގެ އިސް މަގާމުތަކެއްގަ މިހާރު ވެސް އެ ދަނީ ޚިދުމަތް ކުރައްވަމުން،" ރައީސް ވިދާޅުވިއެވެ.

ފުނަދޫ ސްކޫލުގެ ދިގު ތާރީޚުގައި އެ ސްކޫލުން ހޯދާފައިވާ ގިނަ ކާމިޔާބީތައް ރައީސް ފާހަގަކުރެއްވިއެވެ. އެގޮތުން ރާއްޖޭގައި އިސްލާމް އަދި ދިވެހި މާއްދާއިން ފާސްވާ ޕަސަންޓޭޖު އެންމެ މަތީ ސްކޫލުގެ ތެރޭގައި ފުނަދޫ ސްކޫލު ހިމެނޭކަމަށް ރައީސް ވިދާޅުވިއެވެ. އަދި ފުނަދޫ ސުކޫލުން ކޮންމެ އަހަރަކު ގަދަ ދިހައެއްގައި ގިނަ ދަރިވަރުން ހިމެނޭކަމަށް ރައީސް ވިދާޅުވިއެވެ.

ފުނަދޫ ރަށްގިރުމުގެ މައްސަލައާ ބެހޭ ގޮތުން އެ ރަށު ކައުންސިލްގެ ރައީސް އަޙްމަދު އިބްރާހީމްފުޅު މީގެ ކުރިން "ސަން"އަށް ވިދާޅުވީ އެރަށުގެ ހުރިހާ ސަރަހައްދުތައް ވެސް ގިރަމުންދާ ކަމަށެވެ.

ނަމަވެސް އެންމެ ބޮޑަށް ގިރަނީ ނަރުދަމާ ނިޒާމު ގާއިމުކޮށްފައިވާ ސަރަހައްދާއި އިޖްތިމާއީ މަރުކަޒު ހުންނަ ސަރަހައްދު ކަމަށް އޭނާ ވިދާޅުވިއެވެ. އެއިން ކޮންމެ ސަރަހައްދަކުން ފާއިތުވި ފަސް އަހަރުގެ ތެރޭގައި ޖުމްލަ 20 ފޫޓުގެ ސަރަހައްދެއް ގިރާފައިވާ ކަމަށް އޭނާ ލަފާކުރެއްވިއެވެ.

އަޙުމަދު ވިދާޅުވީ އެ މައްސަލައަކީ ކައުންސިލަށް ހައްލު ކުރެވޭ ވަރަށް ވުރެ މާ ބޮޑު ކަމަކަށް ވުމުން، އެ މައްސަލަ ހައްލުކޮށްދިނުމަށް ފާއިތުވި ދެ ތިން އަހަރު ކައުންސިލުން ސަރުކާރުގައި އެދިފައިވާ ކަމަށެވެ. އަދި އެ މައްސަލަ ހައްލު ކުރަން ރައީސް އޮފީހުން ޕްލޭނިން މިނިސްޓްރީއަށް އަންގާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ނަމަވެސް މި އަހަރަށް ދައުލަތުން ކަނޑައަޅާފައިވާ ބަޖެޓުގައި ވެސް އެ ކަމަށް އެއްވެސް ފައިސާއެއް ހިމަނާފައި ނުވާ ކަމަށް އަޙްމަދު ވިދާޅުވިއެވެ.

comment ކޮމެންޓް