ޓްވިޓާ ހަދަންވީ ޓިކްޓޮކް ކަހަލަ އެޕަކަށް ކަމަށް މަސްކު ބުނެފި

ބިލިއަނަރު އިލޯކް މަސްކް--

ޓްވިޓާ ހަދަންވީ ޓިކްޓޮކް ކަހަލަ އެޕަކަށް ކަމަށް ބިލިއަނަރު އިލޯން މަސްކް ބުނެފިއެވެ.

ޓްވިޓާގެ މުވައްޒަފުންނާ ބައްދަލުކޮށް ދެއްކި ވާހަކަތަކުގެ ތެރެއިން މަސްކު ބުނީ އެ އެޕް ބޭނުންކުރާ މީހުންގެ އަދަދު އެއް ބިލިއަނަށް އިތުރު ކުރަން ބޭނުން ނަމަ ޓްވިޓާ އަކީ ޓިކްޓޮކާއި ވީޗެޓް ކަހަލަ އެޕަކަށް ބަދަލުކުރަން ޖެހޭނެކަމަށެވެ. އެގޮތުން ޓްވިޓާއިން މުނިފޫހިފިލުވުމަށާއި މައުލޫމާތު ހޯދުމަށް އިތުރު ފަސޭހަ ގޮތްތަކެއް ތައާރަފު ކުރަން ޖެހޭ ކަމަށް މަސްކް ބުންޏެވެ.

މީގެ އިތުރުން މަސްކް ވަނީ ޗައިނާގެ އެޕެއް ކަމަށްވާ ވީޗެޓްއާއި ޓްވިޓާއާ އަޅާކިޔާފައެވެ. އަދި ވީޗެޓް ކަހަލަ އެޕެއް ޗައިނާ ނޫން އެހެން ގައުމެއްގައި އަދި ނެތްކަން ފާހަގަކޮށް އެ އެޕާ އެއްގޮތަށް ޓްވިޓާ ބަދަލުކޮށްލައިފި ނަމަ، ވަރަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށްވެސް އޭނާ ބުނެފައިވެއެވެ.

"ޓްވިޓާއިން ސީރިއަސް މައްސަލަތަކުގެ މައުލޫމާތު ރައްޔިތުންނަށް ދިނުން މާ ބޮޑަށް ވެސް ރަނގަޅު ކުރެވިދާނެ،" މަސްކު ބުނެފައިވެއެވެ.

ޓްވިޓާ ގަންނަން މިހާރު މަސައްކަތް ކުރަމުންދާ މަސްކް، ކުރިއަށް އޮތް ދިހަ އަހަރުގެ ތެރޭގައި އެ އެޕަށް އަންނާނެ ބަދަލުތަކާ ބެހޭ ގޮތުން ވާހަކަދައްކަމުން ބުނީ ޓްވިޓާ ވާނީ މުޖުތަމައަށް ވަރަށް ބޮޑު ފައިދާއެއް ކުރާނެ އެޕަކަށް ކަމަށެވެ. އަދި ޓްވިޓާގައި ވެރިފައިވާ މީހުންގެ އަތުން ފީއެއް ނެގުމުގެ ވިސްނުން ގެންގުޅޭކަން ވެސް މަސްކް ފާހަގަކުރިއެވެ.

ޓްވިޓާ ގަތުމުގެ މަސައްކަތްތައް މަސްކް މަޑުޖައްސާލާފައި ވަނީ އެ ޕްލެޓްފޯމުގައި ހަރަކާތްތެރިވާ ސްޕޭމް ބޮޓްތަކުގެ އަދަދާ ބެހޭ އިތުރު ތަފްސީލު ލިބެންދެން ކަމަށް އޭނާ ވަނީ ބުނެފައެވެ. އަދި ޓްވިޓާ ގަންނަން އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން، ޓްވިޓާގައި ހަރަކާތްތެރިވާ ފޭކް އެކައުންޓްތަކާ ގުޅޭ މައުލޫމާތު ނުދީފި ނަމަ، އެ އެއްބަސްވުމުގައި ސޮއި ނުކުރާނެ ކަމުގެ އިންޒާރު މަސްކް ވަނީ ދީފައެވެ.

comment ކޮމެންޓް