ހއ. އަތޮޅު ތިން ރަށެއްގައި ސައިބާ ސެކިއުރިޓީ ކެންޕޭނެއް ބާއްވައިފި

"ސައިބާ ރައްކާ"ގެ ނަމުގައި ހއ. ހޯރަފުށީގައި ބޭއްވުނު ކެންޕޭނެއްގެ ތެރެއިން --- ފޮޓޯ/ އުރީދޫ

އުރީދޫ އިން މޯލްޑިވްސް ޕޮލިސް ސާވިސް އާއި ވުމެން އިންޓެކްއާ ގުޅިގެން ހއ. އަތޮޅުގެ ތިން ރަށެއްގައި "ސައިބާ ރައްކާ"ގެ ނަމުގައި ސައިބާ ސެކިއުރިޓީ ކެންޕޭނެއް ބާއްވައިފިއެވެ.

މި ކެންޕޭނު މިހާތަނަށް ހިންގާފައިވަނީ ހއ. އުލިގަމާއި ތުރާކުނު އަދި ހޯރަފުށީގައެވެ.

އުރީދޫ އިން ބުނީ އިންޓަނެޓުގެ ޚިދުމަތް ފަސޭހަކަމާއިއެކު ހޯދުމުގެ މަގުފަހި ކޮށްދިނުމަށް އެ ކުންފުނިން ކުރަމުންދާ ގިނަގުނަ މަސައްކަތާއެކު އިންޓަނެޓު ރައްކާތެރިކަމާއި ޒިންމާދާރުކަމާއި އެކު ބޭނުންކުރާނެ ގޮތުގެ މައުލޫމާތު ފޯރުކޮށްދިނުމަށް އިންޓަނެޓް ސޭފްޓީ ކެމްޕެއިންގެ މަސައްކަތުގައިވެސް ދަނީ ހަރަކާތްތެރިވަމުން ކަމަށެވެ.

އެގޮތުން އެ ޕްރޮގްރާމު މެދުވެރިކޮށް ސައިބާ ސޭފްޓީގެ މުހިއްމުކަމާއި ހުށިޔާރުވާން ޖެހޭ ކަންކަމާއި ސައިބަ ސޭފްޓީ ޓޫލްތައް އަދި އިންޓަނެޓް ބޭނުންކުރުމުގައި ދަމަހައްޓަންޖެހޭ މިންގަނޑުތަކާއި ބެހޭ މައުލޫމާތު ފޯރުކޮށްދޭނެއެވެ.

މީގެ އިތުރުން ދަރިވަރުންނާއި މައިންބަފައިން އަދި ދުވަސްވީ މީހުންނަށް ހާއްސަކޮށްގެން މައުލޫމާތު އިތުރުކޮށްދީ ތަމްރީންތައް ކުރިއަށްގެންދާނެއެވެ.

އެ ޕްރޮގްރާމްގެ އަމާޒަކީ ޑިޖިޓަލް ދުނިޔޭގެ އެންމެހާ މަންފާތައް ހޯދުމުގައި ދިވެހި އާއިލާތަކަށް އަމާން، ރައްކާތެރި އަދި އުފާވެރި މާހައުލެއް ގާއިމްކޮށްދިނުން ކަމަށް އުރީދޫ އިން ބުންޏެވެ.

ސައިބާ ސެކިއުރިޓީ ކެންޕޭނުތަކެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގުމަށް ރާވާފައިވާކަމަށް އުރީދޫ އިން ބުނެއެވެ.

comment ކޮމެންޓް