ޒަރޫރަތުގެ ހާލަތާމެދު ދީން ބުނަނީ ކީކޭ؟

ހައިހޫނުކަމުގައިވާ ބަޔަކު، ކާއެއްޗެއް ލިބޭތޯ އަތް ދިއްކޮށްގެން -- ފޮޓޯ: ލެބްނައު

ޒަރޫރަތަކީ ނުރައްކާތެރިކަމެއް ނުވަތަ ވަރުގަދަ ދަތި އުނދަގޫކަމެއް މީހަކަށް ކުރިމަތިވުމެވެ. އަދި އޭގެ ސަބަބުން އޭނާގެ ނަފުސު ނުވަތަ ގުނަވަނެއް ހަލާކުގެތެރެއަށް ހިނގައިދާނެ ކަމުގެ ބިރުވެރިކަން އުފެދުމެވެ. ބައެއް އިލްމުވެރިން މާނަކުރައްވާ ގޮތުގައި ޒަރޫރަތަކީ މީހެއްގެ ނަފުސު ނުވަތަ މުދާ ހަލާކުވެދާނެ ފަދަ ހާލަތެއް ކުރިމަތިވުމެވެ.

ޒަރޫރީ ހާލަތެއް މީހަކަށް ކުރިމަތިވެއްޖެނަމަ އެކަމުން ސަލާމަތްވުމަށްޓަކައި، ޝަރުޢުގައި ހުއްދަނޫން ބައެއް ކަންތައްތައް ހުއްދަވެގެންދެއެވެ. ހަމަ މިއާއެކު، ކިތަންމެ ވަރުގަދަ ޒަރޫރަތެއް ކުރިމަތިވިޔަސް އެއްގޮތަކަށްވެސް ހުއްދަނުވާ ކަންކަންވެސް ހުރެއެވެ. މަޖުބޫރީ ހާލަތުގައި ކަންތައްތައް ހުއްދަވެގެން ދަނީ ޝަރުތުތަކަކާއި ޤައިދު (ހިފެހެއްޓުން) ތަކަކާ އެކުގައެވެ. މިފަދަ ހާލަތުގައި ކަންތައްތައް ހުއްދަވެގެން ދިއުމާބެހޭގޮތުން އޮންނަ ފިޤުހީ ޤާޢިދާ އަކީ الضَّرُوْرَاتُ تُبِيْحُ الْمَحْظُوْرَاتِ "ޒަރޫރަތްތައް، މަނާކަންތައްތައް ހުއްދަކުރެއެވެ." މިއެވެ. ޒަރޫރަތުގެ ސަބަބުން، މަނާ ކަންތައްތައް ހުއްދަވުމާއި ނުވުން އޮންނަނީ އަންނަނިވި ފަދައިންނެވެ.

ފުރަތަމައީ ޒަރޫރަތު ދެމި އޮތްހައި ހިނދެއްގައި، އެ ޒަރޫރަތުގެ ސަބަބުން ހުއްދަ ވެގެންދާ ކަންތައް ހުއްދަ ކަމެއްގެ ގޮތުގައި ދެމި އޮތުމެވެ. މީގެ މިސާލަކީ؛ ބަނޑު ފުރާނަ މުއްތި ކުރުމަށްޓަކައި މުޅަ މަސް ނުވަތަ މަސް ކެއުން ޙަރާމް ޖަނަވާރެއްގެ މަސް ކާން ޖެހުމެވެ. މި ހާލަތުގައި (ޒަރޫރަތު ކުރިމަތިވެފައިވާ މީހާއަށްޓަކައި) މަނާ ކަންތަކުގެ ޙަރާމްކަން ނުވަތަ މަނާކަން މުޅީން ފިލައިގެން ދާނެއެވެ.(ބަޤަރާ: 173، އަންޢާމު: 119) އަދި މި ލިބިފައިވާ ހުއްދައިގެ ބޭނުން ނުކުރުމުގެ ސަބަބުން އޭނާ ހަލާކުވެއްޖެނަމަ އޭނާ ފާފަވެރިވާނެއެވެ. ވީމާ، މިއީ ޒަރޫރީ ހާލަތާ ގުޅިގެން ޝަރުޢީ ގޮތުން ލިބިދޭ ރުޚުޞާ (ލުއިފަސޭހަކަން) ބޭނުން ކުރުން ވާޖިބުވާ ހާލަތެވެ.

ދެވަނައީ ނަހީ ކުރެވިފައިވާ ކަންތަކުގެ ތަބީޢަތަށް އެއްވެސް ބަދަލެއް ނާންނަ، އެހެންނަމަވެސް ޒަރޫރަތުގެ ހާލަތުގައިވާ މީހާއަށް، އެ ނަހީ ކުރައްވާފައިވާ ކަންތައް ކުރުމާއި ނުކުރުމުގެ އިޚުތިޔާރު ދެއްވާފައިވުމެވެ. މިސާލަކަށް؛ މަޖުބޫރީ ހާލަތުގައި އަމިއްލަ ފުރާނަ ސަލާމަތް ކުރުމަށްޓަކައި، އީމާންކަން ހިތުގައި ބޭއްވުމާއެކު ކުފުރުގެ ބަހެއް ބުނުމެވެ.(ނަޙްލު: 106) މިފަދަ ހުރިހާ ހާލަތެއްގައިވެސް މިކަންކަމުގެ އަސްލު ޙުކުމް ކަމުގައިވާ ޙަރާމް ކަމަށް ބަދަލެއްނާދެއެވެ. އެކަމަކު ޒަރޫރީ ހާލަތު ކުރިމަތިވުމުން އެކަން ކުރުމުގެ ރުޚުޞާއެއް ދިނީއެވެ.

ތިންވަނައީ ކިތަންމެ ވަރުގަދަ ޒަރޫރަތެއް ކުރިމަތި ވިޔަސް އެކަންތައްތަކަށް އެއްވެސް ރުޚުޞާއެއް ނޯންނަ ދަރަޖައަށް ޙަރާމްވެގެންވާ ކަންތައްތަކެވެ. އެއީ ﷲ ޙުރުމަތްތެރިކުރައްވާފައިވާ ނަފުސެއްކަމުގައިވާ އާދަމުގެ ދަރިޔާ މެރުމާއި، ޒިނޭ ކުރުމާއި އަދި މަންމަ ނުވަތަ ބައްޕަގެ ގައިގައި ތެޅުން ނުވަތަ އަނިޔާ ކުރުމެވެ.

ޒަރޫރީ ހާލަތެއްގައިވިޔަސް، ﷲ ޙުރުމަތްތެރި ކުރައްވާފައިވާ ނަފުސެއް މަރައިލުން ޙަރާމް ކުރައްވާފައި އޮތްނަމަވެސް، އެފަދަ ހާލަތެއްގައި ނަފުސު ނުވަތަ މުދަލުގެ ދިފާޢުގައި މަސައްކަތް ކުރުން ހުއްދައެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހަށް މީހަކު އައިސް ދެންނެވިއެވެ. ނިކަން ޚަބަރު ދެއްވަ ބައްލަވާށެވެ. މީހަކު އައިސް އަޅުގަނޑުގެ މުދާ އަތުލައިގަންނަން އުޅެފިނަމަ އަޅުގަނޑު ކަންތައްކުރަންވީ ކޮންފަދައަކުންތޯއެވެ؟ ހަދީސް ކުރެއްވިއެވެ. "އޭނާއަށް ތިބާގެ މުދާ ނުދޭހުށިކަމެވެ." މިމީހާ ދެންނެވިއެވެ. އެމީހަކު އަޅުގަނޑާ ހަނގުރާމަ ކޮށްފިނަމަ ދެން ހަދަންވީ ކިހިނަކުންތޯއެވެ؟ ހަދީސް ކުރެއްވިއެވެ. "އެމީހަކާ ތިބާވެސް ހަނގުރާމަ ކުރާހުށިކަމެވެ." މިމީހާ ދެންނެވިއެވެ. އޭނާ އަޅުގަނޑު ގަތުލުކޮށްފިނަމަ ވާނީ ކިހިނަކުންތޯއެވެ؟ ހަދީސް ކުރެއްވިއެވެ. "ތިބާއަކީ ޝަހީދެކެވެ." މިމީހާ ދެންނެވިއެވެ. އަޅުގަނޑު އެމީހާ ގަތުލު ކޮށްފިނަމަ ދެންވާނީ ކިހިނަކުންތޯއެވެ؟ ހަދީސް ކުރެއްވިއެވެ. "އޭނާ ވާނީ ނަރަކައިގައެވެ." (މުސްލިމް)

އަސްލުގައި ޙަރާމް ބައެއް ކަންކަން، ޒަރޫރީ ހާލަތުގައިވާ މީހާއަށް ހުއްދަވާކަމުގެ ކިތަންމެ ދަލީލެއް ވެއެވެ. أنس ގެފާނު ވިދާޅުވިއެވެ. "عبد الرحمن بن عوف އާއި الزبير بن العوام ގެ ގައިކޮޅުގައިވާ ކެހުން މެދުވެރިކުރުވާ ބައްޔެއްގެ ސަބަބުން، ފަށުވި ގަމީސް ތުރުކުރެއްވުމުގެ ރުޚުޞާ އެދެބޭފުޅުންނަށް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ދެއްވިއެވެ." ފިރިހެނުން ފަށުވި ފޭރާން ލުމަކީ އަސްލުގައި ޙަރާމްކަމެކެވެ.(متفق عليه)

أبوواقدالليثى (رضى الله عنه) ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައާ ސުވާލުކުރެއްވިއެވެ. އަޅުގަނޑުމެން މިތިބި ބިމަކީ އެތަނުގައި އަޅުގަނޑުމެންނަށް ބަނޑުހައިހޫނުކަން ކުރިމަތިވާ ތަނެކެވެ. ވީމާ މަރުވެފައިވާ ޖަނަވާރުގެ މަހުން އަޅުގަނޑުމެންނަށް ހަލާލުވެ ހުއްދަވާނީ ކޮންމިންވަރެއްތޯއެވެ؟ ދެން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޖަވާބުގައި ހަދީސް ކުރެއްވިއެވެ. "ދުވާލުގެ ކުރީކޮޅު ހެނދުނުގެ ވަގުތުގައި ބުއިމަށް ކިރުފޮދެއް ނުލިބުނުނަމަ އަދި ދުވާލުގެ ފަހުބައިގައިވެސް ބުއިމަށް ކިރުފޮދެއް ނުލިބުނުނަމަ އަދި އޭގެފަހުން އެއްވެސް ބާވަތެއްގެ ތަރުކާރީއެއްފަދަ ފަތްޕިލާވެލީގެ ބާވަތެއްވެސް ކާންނުލިބުނުނަމަ ފަހެ ތިޔަބައިމީހުންނަށް މުޅަމަސް ހަލާލުވެއްޖެއެވެ."(އަޙްމަދު)

ޒަރޫރީ ހާލަތުގައި، މަނާ ކަންކަން ހުއްދަވުމަށްޓަކައި ފުރިހަމަވާންޖެހޭ ޝަރުތުތަކެއް ހުރެއެވެ. ފުރަތަމަ ޝަރުތަކީ: އެ ޒަރޫރަތަކީ މިހާރުވެސް ގާއިމުވެ އޮތް ޒަރޫރަތަކަށް ވާންޖެހޭނެއެވެ. މިހާރު ގާއިމުވެފައި ނެތް، އެކަމަކު މުސްތަގުބަލުގައި އުފެދިދާނެކަމަށް ބެލެވޭ ޒަރޫރަތަކީ މަނާ އެއްވެސްކަމެއް ހުއްދަކުރާ ޒަރޫރަތެއްނޫނެވެ. ދެވަނަ ޝަރުތަކީ: ކުރިމަތިވެފައިވާ ޒަރޫރަތުގެ ހާލަތުން ސަލާމަތްވުމަށްޓަކައި، މަނާކުރެވިފައިވާ ކަންތަކަށް އަރައިގަތުންނޫން އެހެން އެއްވެސް ގޮތެއް ނެތް ހާލަތަކަށް ވާންޖެހޭނެއެވެ. މަނާ ކުރެވިފައިވާ ކަންތަކަށް އަރައި ނުގަނެ ފަރުޖެހޭނެ އެހެން ގޮތެއް އޮތްނަމަ، އެ މަނާ ކަންތައް ހުއްދައެއް ނުވާނެއެވެ. ތިންވަނަ ޝަރުތަކީ: އެ ޒަރޫރަތަކީ ހަގީގީ ޒަރޫރަތަކަށްވެފައި އެކަމުން ދުރުހެލިވުމަށްޓަކައި އަރައިގަންނަންޖެހޭ މަނާ ކަންތަކަށް އަރައިނުގެންފިނަމަ ފަސް ޒަރޫރިއްޔާތުގެ ތެރެއިން ކަމަކަށް ސީރިޔަސް ގެއްލުމެއް ލިބުމުގެ ހަގީގީ ބިރުއޮތުމެވެ. ހަތަރުވަނަ ޝަރުތަކީ: ޒަރޫރަތުން ސަލާމަތްވުމަށްޓަކައި އަރައިގަންނަންޖެހޭ މަނާ ކަންތަކަށް އަރައިގަތުމުގައި އެ ޒަރޫރަތުގެ ހާލަތުން ސަލާމަތްކޮށްދޭނޭ އެންމެ ކުޑަ މިންވަރަށް އެކަމަކަށް އަރައިގަނެ ހައްދުފަހަނައަޅައި ނުދިއުމެވެ.

ފަސްވަނަ ޝަރުތަކީ: ޒަރޫރަތުން ސަލާމަތްވުމަށްޓަކައި މަނާކަމަކަށް އަރައިގަންނައިރުވެސް އިސްލާމީ ޝަރީޢަތުގެ މަބްދައުތަކާ ޚިލާފުނުވެ އެކަންކުރުމެވެ. ވީމާ ޢަދުލުވެރިވުން، އެހެންމީހަކަށް ތިމާގެ ފުށުން ގެއްލުމެއް ނުފޯރުވުން، އަމާނާތްތައް އަދާކުރުން އަދި އިސްލާމީ ޢަޤީދާއަށް ރައްކާތެރިވުންފަދަ ޝަރުޢީ މަބްދައުތަކަށް ރައްކާތެރިވެ އެއަށް އިހުތިރާމު ކުރުމަކީ ޒަރޫރަތުގެ ހާލަތުގައިވެސް މުސްލިމުންނަށް ވާޖިބުކަމެކެވެ.

ހަގީގީ ޒަރޫރީ ހާލަތެއް ކުރިމަތިވެފައިވާ މީހާއަށްޓަކައި ޚާއްޞަ ޙުކުމްތަކެއް ހުރުމުން، އިންސާނާގެ ތަބީއަތަށް އިސްލާމް ދީނުގައި ދެއްވަވާފައިވާ އިނާޔަތްތެރިކަން ފެނިގެން ދެއެވެ. އެންމެ ދަތި އުނދަގޫ ހާލަތްތަކުގައިވެސް ކުރެވޭނެ ކަންތައްތަކާއި ނުކުރެވޭނެ ކަންކަން ބަޔާންވެގެން ވުމުން، މި ދީނުގެ ތަޢުލީމާތުގެ ފުރިހަމަކަން ހާމަކޮށްދެއެވެ. އަދި އިސްލާމްދީނަކީ ހުރިހާ ހާލަތަކަށް ފެތޭ، އަމަލު ކުރަން އެންމެ ފަސޭހަ ދީންކަން ކަށަވަރު ވެގެންދެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް