ބާ އިމްތިހާނާ ގުޅިގެން އުފެދިފައިވާ އޮޅުންބޮޅުން ހައްލުކުރުމަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

ވިލިމާލެ ދާއިރާގެ މެންބަރު އަހްމަދު އުޝާމް: އޭނާ ވަނީ ބާ އިމްތިހާނާ ގުޅިގެން އުފެދިފައިވާ އޮޅުންބޮޅުން ހައްލުކުރުމަށް ގާނޫނަށް އިސްލާހު ހުށަހަޅުއްވާފައި --- ފޮޓޯ/ މަޖިލިސް

ބާ އިމްތިހާނާ ގުޅިގެން އުފެދިފައިވާ އޮޅުންބޮޅުން ހައްލުކުރުމަށް ރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނަށް ބަދަލު ގެނައުމަށް ވިލިމާލެ ދާއިރާގެ މެންބަރު އަޙްމަދު އުޝާމް އިއްޔެ ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފިއެވެ.

އެކަމާ ގުޅިގެން އުޝާމް ނިސްބަތްވާ، އެމްއެންޕީން ނެރުނު ބަޔާނެއްގައި ބުނީ އެ ބިލުގެ ބޭނުމަކީ ބާ އިމްތިހާނާ ގުޅިގެން ގާނޫނުގައި ހުރި ފުށުއެރުންތައް ހައްލު ކުރުން ކަމަށެވެ.

އުޝާމް އިސްލާހު ހުށަހެޅުއްވީ ރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނުގައިވާ ގާނޫނީ ވަކީލުކަމުގެ ހުވާކޮށްފައިވާ މީހުންނަށް ދޫކޮށްފައިވާ ހުއްދައަކީ "ބާ ކައުންސިލް އިން އެންމެ ފުރަތަމަ ބާއްވާ ބާ އިމްތިހާން"ގައި ބައިވެރިވުމަށް ޝަރުތުކޮށް ދީފައިވާ ހުއްދައެއްކަމަށް މާނަ ކުރުމަށެވެ.

އެ ބަޔާނުގައި ވަނީ ގާނޫނީ ވަކީލުކަމުގެ ހުވާ އާ ކުރުމަށްޓަކައި ބާ އިމްތިހާން ހެދުމަކީ ގާނޫނުން އުފައްދާފައިވާ ހަމަނުޖެހޭ އިލްތިޒާމެއް ކަމަށެވެ. އެހެންކަމުން މި ގާނޫނުގެ ސަބަބުން 25 ޖޫންއަށް ތާވަލުކުރެވިފައިވާ ބާ އިމްތިހާނުގައި ބައިވެރި ނުވެއްޖެނަމަ، 2020ވަނަ އަހަރު ބާ ކައުންސިލުން ވަކީލުކަމުގެ ހުއްދަ ދީފައިވާ ގިނަ އަދަދެއްގެ ވަކީލުންގެ އަތުން އެ ހުއްދަ ބާތިލުވެދާނެ ހާލަތެއް ކުރިމަތި ވެދާނެކަމަށް އެ ބަޔާނުގައިވެއެވެ.

އެމްއެންޕީން ބުނީ މިހާރު ގާނޫނުގައި ވާގޮތުން ފުރަތަމަ ބާ އިމްތިހާނުގައި ބައިވެރި ނުވުމަކީ ގާނޫނާ ޚިލާފުކަމެއް ކަމަށް މާނަކުރެވޭ ކަމަށެވެ. އެހެންކަމުން އެ ގާނޫނަކީ އޮޅުން ބޮޅުން ވެފައިވާ ގާނޫނެއްކަމަށް އެ ބަޔާނުގައި ވެއެވެ.

މީގެ އިތުރުން އެ ބަޔާނުގައިވަނީ ގާނޫނު ފާސްކުރިއިރު، ކިޔަވައިނިމި ހުއްދަ ލިބިފައި ނެތް ދަރިވަރުންނަށާއި، ގާނޫނީ ވަކީލުކަން ކުރުމަށް އޭރު ކިޔަވަމުންދިޔަ ދަރިވަރުންގެ މައްޗަށް ފުރިހަމަ ކުރަންޖެހޭ ބާ އިމްތިހާނާއި، ތަމްރީނުގެ ފުރުސަތުތައް ލާޒިމްކުރުމަކީ ހަމަޖެހޭ ކަމަކަށް ނުވާތީ އެ ގާނޫނު އިސްލާހުކުރަން އުޝާމް ހުށަހެޅުއްވީ ކަމަށެވެ.

ދާދި ފަހުން ބާ ކައުންސިލްގެ އިންތިޚާބީ ރައީސް އިސްމާއީލް ވިޝަމާއި ނައިބު ރައީސް މިޒްނާ އަޙްމަދު ވަނީ މިމަހުގެ 25ވަނަ ދުވަހަށް ތާވަލްކޮށްފައިވާ ބާ އިމްތިހާނު ލަސްކޮށްދިނުމަށް އެދި ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީއަށް ސިޓީއެއްވެސް ހުށަހަޅާފައެވެ.

އެ ސިޓީގައި ވަނީ އެ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީއަށް އަލަށް އިންތިޚާބުވި މެމްބަރުންގެ ވައުދުތަކުތެރޭގައި މިމަހު ބާއްވަން ހަމަޖެހިފައިވާ ބާ އިމްތިހާނަށް އަސަރުކުރާނެ ކަންތައްތަކެއް ހިމެނޭކަމަށެވެ.

comment ކޮމެންޓް