ރެކޯޑުއަގެއްގައި އާސެނަލުން އެންކުންކޫ ހޯދުމަށް މަސައްކަތްކުރަނީ

ލެއިޕްޒިގްގެ އެންކުންކޫ---

ލެއިޕްޒިގަށް ކުޅޭ ޒުވާން މިޑްފީލްޑަރު ކްރިސްޓޮފާ އެންކުންކޫ ހޯދުމަށް އާސެނަލުން މަސައްކަތް ފަށައިފިއެވެ.

ކުޅިވަރުގެ މަޝްހޫރު ނޫސް ސްކައި ސްޕޯޓްސްއިން ރިޕޯޓުކޮށްފައިވާގޮތުގައި އާސެނަލުން މަސައްކަތް ކުރަނީ އެ ޓީމުގެ ތާރީޚްގައި އެންމެ އަގު ބޮޑު ކުޅުންތެރިޔާގެ ގޮތުގައި އެންކުންކޫ އެ ޓީމަށް ގެނައުމަށެވެ.

އާސެނަލްގެ މިހާރު އެންމެ އަގުބޮޑު ކުޅުންތެެރިއަކީ 2019 ވަނަ އަހަރު އެ ޓީމަށް ގެނައި ނިކޮލަސް ޕެޕޭއެވެ. އޭނާ އެ އަހަރު އެ ޓީމަށް ގެނައީ 72 މިލިއަން ޕައުންޑުގެ އަގަކަށެވެ. ނަމަވެސް މިހާރު އެންކުންކޫ އެ ޓީމަށް ގެނައުމަށް އެ ޓީމުން އެއަށްވުރެ ބޮޑު އަގެއް ހުށަހަޅަން ތައްޔާރަށް ތިބިކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

އާސެނަލުން އެންކުންކޫ ހޯދުމަށް މަސައްކަތްކުރާއިރު އޭނާ ހޯދުމަށް އާސެނަލަކަށް ފަސޭހައެއްނުވާނެއެވެ. ނިމިދިޔަ ސީޒަނުގައި އެންކުންކޫގެ މޮޅު ކުޅުމާއެކު ބޮޑެތި ގިނަ ކުލަބު ތަކަކުން އެންކުންކޫ ހޯދުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.

އެގޮތުން އިނގިރޭސި ޕްރިމިއާލީގުގެ މެންޗެސްޓާ ޔުނައިޓެޑުގެ އިތުރުން ލިވަޕޫލާއި ޗެލްސީން ދަނީ އޭނާ އަށް ފާރަލަމުންނެވެ. މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި އޭނާ ގެންދިއުމަށް ޓީމުތަކުން 100 މިލިއަން ޕައުންޑަށް ވުރެ ބޮޑު އަގެއް ލެއިޕްޒިގްއަށް ހުށަހަޅަން ޖެހެއެވެ.

އުމުރުން 24 އަހަރުގެ އެންކުންކޫ ބަޔާން މިއުނިކްގެ ރޮބާޓް ލެވަންޑޯސްކީ އާއި ޑޯޓްމަންޑުގެ އާލިން ބްރައުޓް ހާލަންޑާ ވާދަކޮށް ނިމިދިޔަ ސީޒަނުގައި ޖަރުމަނު ބޮންޑަސްލީގާގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު އޭނާ ވަނީ ހޯދާފައެވެ.

މި ސީޒަނުގައި އޭނާ ވަނީ ލެއިޕްޒިގާއެކު 34 މެޗު ކުޅެފައެވެ. އަދި އޭނާ ވަނީ އެ ޓީމަށް 20 ގޯލު ޖަހައިދީ، 13 އެސިސްޓު ހަދާފައެވެ. މި ސީޒަން ލެއިޕްޒިގް ނިންމާލީ ލީގުގެ ހަތަރު ވަނަ މަގާމުގައި އޮވެއެވެ. އެއީ 34 މެޗުން 58 ޕޮއިންޓު ހޯދައިގެންނެވެ.

comment ކޮމެންޓް