ތިނަދޫގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި ކުއްޖަކަށް އައިސީޔޫގައި ފަރުވާ ދެނީ

ގދ. ތިނަދޫ. (ފޮޓޯ/ސްޓޫޑިއޯ 33)

ގދ. ތިނަދޫގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި ކުއްޖަކަށް އެ ރަށު ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާދޭން ފަށައިފިއެވެ.

ފުލުހުން ބުނީ ތިނަދޫ އުތުރު ފަރާތު ހިއްކި ސަރަހައްދުގައި ހިނގި އެކްސިޑެންޓެއްގައި 16 އަހަރުގެ ފިރިހެން ކުއްޖަކަށް އަނިޔާވެފައިވާ ކަމަށެވެ. އެ ކުއްޖާއަށް މިވަގުތު ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލްގައި ފަރުވާ ދެމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެ ކުއްޖާއަށް އަނިޔާވީ، އޭނާ ދުއްވި ސައިކަލުން ވެއްޓިގެންކަން މިހާތަނަށް ބެލިބެލުމުން އެނގިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ތިނަދޫ ކައުންސިލްގެ މެންބަރު އަޙުމަދު ވަހީދު "ސަން"އަށް ވިދާޅުވީ އެ ކުއްޖާއަށް އަނިޔާވީ، އެ ކުއްޖާގެ މަންމަގެ ސައިކަލު ނަގައިގެން ރައްޓެހިންނާއެކު ދުއްވަން ގޮސް އުޅުމުގެ ތެރޭގައި ކަމަށެވެ. އަދި މިވަގުތު އެކުއްޖާ އޮތީ އައިސީޔޫގައި ކަމަށާއި، ވީހާވެސް އަވަހަކަށް މާލެ ގެންދިއުމުގެ މަސައްކަތް ކުރަމުންދާ ކަަމަށް އަޙުމަދު ވިދާޅުވިއެވެ.

ފުލުހުން ދަނީ އެ ހާދިސާ އިތުރަށް ތަހުގީގު ކުރަމުންނެވެ.

comment ކޮމެންޓް