ޚާންޖީ ރެސްޓޯރަންޓުގެ ވެއިޓަރު މަރާލި މައްސަލާގައި ކައްކާގެ މައްޗަށް ދައުވާކޮށްފި

ޚާންޖީ ރެސްޓޯރެންޓްގައި މަސައްކަތްކުރި ޕާކިސްތާނު ކައްކާ، މުޙައްމަދު އާބިދު -- ސަން ފައިލް ފޮޓޯ

ހުޅުމާލޭ ޚާންޖީ ރެސްޓޯރެންޓުގެ ވެއިޓަރު މަރާލި މައްސަލާގައި އެ ރެސްޓޯރެންޓްގެ ޕާކިސްތާނުގެ ކައްކާ، މުޙައްމަދު އާބިދުގެ މައްޗަށް މީހަކު މެރުމުގެ ދައުވާކޮށްފިއެވެ.

އޭނާގެ މައްޗަށް އުފުލާފައި ވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ.

ޕީޖީ އޮފީހުން ބުނީ އޭނާއަށް ދައުވާކުރުމަށް ކްރިމިނަލް ކޯޓަށް ހުށަހަޅާފައި ވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.

މިދިޔަ މަހުގެ 16 ވަނަ ދުވަހުގެ އިރު އޮއްސުނު ވަގުތު، ޚާންޖީ ކެފޭތެރޭގައި މަރާލީ ބަންގްލަދޭޝަށް ނިސްބަތްވާ އެމްޑީ ޝަމީމެވެ.

އޭނާ މަރުވީ ހަމަލާއަށް ފަހު ހުޅުމާލޭ ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށެވެ. އޭނާގެ ކަރަށާއި ބޮލަށާއި އަދި ފަޔަށް ވަޅިން ހަމަލާދީފައިވާ ކަމަށް މަންޒަރު ދުށް ބައެއް މީހުން ބުންޏެވެ.

އޭނާއަށް ހަމަލާ ދިނުމަށް ފަހު އާބިދު ފިލައިގެން އުޅެނިކޮށް ހައްޔަރުކުރީ އެ ރޭ، މެންދަމުން އަލިވެ، 02:30 ހާއިރު، ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އަތިރިމަތިންނެވެ.

comment ކޮމެންޓް