އެމެރިކާގެ ކުރީގެ ރައީސް ރޭގަންއަށް ހަމަލާ ދިން މީހާ 41 އަހަރު ފަހުން މިނިވަންކޮށްފި

ރޮނަލްޑް ރޭގަންއަށް ބަޑިން ހަމަލާ ދިން ޖޯން ހިންކްލީ -- ފޮޓޯ/ ރޮއިޓާސް

އެމެރިކާގެ ކުރީގެ ރައީސް ރޮނަލްޑް ރޭގަންއަށް ބަޑިން ހަމަލާ ދިން ޖޯން ހިންކްލީ ހައްޔަރުކުރިތާ 41 އަހަރު ފަހުން އެއްވެސް ޝަރުތަކާ ނުލާ މިނިވަންކޮށްފިއެވެ.

ހިންކްލީ މިނިވަން ކުރަން ކޯޓުން އަމުރުކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. އެ އަމުރުގައި ވަނީ ހިންކްލީގެ ފަރާތުން ކަންބޮޑުވާން ޖެހޭ ކަމެއް ނުފެންނަ ނަމަ މި މަހުގެ 15އިން ފެށިގެން، އެއްވެސް ޝަރުތަކާ ނުލާ އޭނާއަށް މިނިވަންކޮށް އުޅެވޭނެ ކަމަށެވެ.

ހިންކްލީގެ މިނިވަންވިކަން ޔަގީންވުމާއެކު އޭނާ ވަނީ އުފާ ފާޅުކޮށް، ޓްވީޓެއްކޮށްފައެވެ.

"ސާޅީސްއެއް އަހަރާއި ދެ މަހާއި 15 ދުވަހަށް ފަހު އެންމެ ފަހުން މިނިވަންކަން!" އޭނާގެ ޓްވީޓުގައިވެއެވެ.

ހިންކްލީ، ރޭގަންއަށް ހަމަލާ ދިނީ 1981 ވަނަ އަހަރުގެ މާޗް މަހުގެ 30 ވަނަ ދުވަހެވެ. އެ ހާދިސާގައި ރޭގަންއާއި އޭރުގެ ވައިޓް ހައުސް ޕްރެސް ސެކްރެޓަރީ ޖޭމްސް ބްރޭޑީއާއި ސީކްރެޓް ސާވިސް އޭޖެންޓަކާއި ފުލުހަކަށް އަނިޔާވިއެވެ.

އެ ހަމަލާއިން ރޭގަން ސަލާމަތްވި ނަމަވެސް އޭނާއަށް ސީރިއަސް އަނިޔާތަކެއް ލިބުނެވެ. އަދި ބްރޭޑީގެ ސިކުނޑިއަށް ގެއްލުންވެ، އޭނާގެ ހަށިގަނޑުގެ ބޮޑު ބަޔަކުން ވާގި ނެތުނެވެ.

އެ މައްސަލާގައި ހިންކްލީގެ މައްޗަށް 13 ދައުވާއެއް ކުރި ނަމަވެސް ކޯޓުން ނިންމީ އޭނާގެ ސިކުނޑީގެ އުނިކަމެއް ހުރުމުން އޭނާގެ މައްޗަށް ދައުވާ ސާބިތުނުވާ ކަމަށެވެ. އެއާއެކު ކޯޓުން ނިންމީ އޭނާއަށް ނަފްސާނީ ފަރުވާ ދިނުމަށް، ދައުލަތުން ހިންގި ހޮސްޕިޓަލެއްގައި ބެހެއްޓުމަށެވެ.

ހިންކްލީ އެ ހޮސްޕިޓަލުގައި ގިނަ އަހަރުތަކެއް ހޭދަ ކުރި ފަހުން، 2003 ވަނަ އަހަރު ކޯޓުން އޭނާއަށް ލުއިތަކެއް ދޭން ފެށިއެވެ. އަދި އޭނާއަކީ އަމިއްލަ ނަފްސަށާއި އެހެން މީހަކަށް ވެސް ނުރައްކަލެއް ނޫން ކަމަށް ކަނޑައަޅައި، ހަރުކަށި ޝަރުތުތަކާއެކު އޭނާއަށް އެހެން މީހުންނާއެކު ދިރިއުޅުމަށް ފުރުސަތު ދިނުމަށް 2016 ވަނަ އަހަރު ކޯޓުން ނިންމިއެވެ.

ހިންކްލީގެ ވަކީލު ވަނީ އޭނާ މިނިވަން ކުރުމަކީ "ނަފްސާނީ ސިއްހަތު"ގެ ދާއިރާއަށް ލިބުނު ކާމިޔާބީއެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. އަދި އެ ހަމަލާ ދިނީތީ ހިންކްލީ ހިތާމަ ކުރާ ކަމަށާއި މާފަށް އެދޭ ކަމަށް ވެސް ވަކީލު ވިދާޅުވިއެވެ.

ނަމަވެސް ރޭގަންގެ އާއިލާއިން ވަނީ އެ ހަމަލާއާ ގުޅިގެން ހިންކްލީ އެއްވެސް ވަރަކަށް ހިތާމަ ކުރާ ކަމަށް ގަބޫލު ނުކުރާ ކަމަށް ބުނެ، އޭނާ މިނިވަންކުރުމާ ދެކޮޅަށް ވާހަކަދައްކާފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް