ވީހާވެސް ގިނަ މީހުން، ކުދިން ފޯސްޓާ ކުރުމަށް ސީއެފްޕީއެސް އެދިއްޖެ

ވިލިނިގިލީގައި ހުންނަ ކުޑަކުދިންގެ ހިޔާ (ފިޔަވަތީ)ގައި ދިރިއުޅޭ ކުދިންނަށް އާކުން ބޭއްވި ރޯދަވީއްލުމުގެެ ތެރެއިން-- ފޮޓޯ: އާކް

ވީހާވެސް ގިނަ މީހުން ކުދިން ފޯސްޓާ ކުރުމަށް، ޗައިލްޑް އެންޑް ފެމެލީ ޕްރޮޓެކްޝަން ސާވިސް(ސީއެފްޕީއެސް) އިން އެދެފިއެވެ.

މިވަގުތު ދައުލަތުގެ ބެލުމުގެ ދަށުގައި 203 ކުދިން އެބަތިއްބެވެ.

ކުދިން ފޯސްޓާ ކުރުމާ ބެހޭގޮތުން ރާއްޖެޓީވީގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން، ޗައިލްޑް އެންޑް ފެމެލީ ޕްރޮޓެކްޝަން ސާވިސްގެ ޑިރެކްޓާ ޖެނެރަލް ރިޝްމީ އާމިރު ވިދާޅުވީ، މިވަގުތު ފޯސްޓާ ކުރުމަށް ހުށަހަޅާފައިވާ ހުރިހާ ފޯމުތަކުގެ މަސައްކަތް ޕްރޮސެސް ކުރަން ފޮނުވާފައިވާ ކަމަށާއި، ދައުލަތުގެ ބެލުމުގެ ދަށުގައި ގިނަ އަދަދަކަށް ކުދިން ތިބިއިރު، އާއިލީ ވެއްޓެއްގައި އެކުދިން ބޮޑު ކުރުމަށްޓަކައި ވީހާވެސް ގިނަ ބަޔަކު ކުދިން ފޯސްޓާ ކުރުމަށް އެދޭ ކަމަށެވެ.

ކުދިން ފޯސްޓާ ކުރުމަކީ ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންގެ ބެލެނިވެރިކަން، ދައުލަތުގެ ފަރާތުން އާއިލާ ނޫން އެހެން ފަރާތްތަކަށް ހަވާލުކުރުމެވެ.

ފޯސްޓާ ކުރަން ގިނައިން ލިބެނީ ހަ މަހުން ދަށުގެ ކުދިން ނަމަވެސް، މި އަހަރު ތަންކޮޅެއް ބޮޑެތި ކުދިންވެސް ފޯސްޓާ ކުރަން ހުށައަޅާ ކަމަށް ރިޝްމީގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ.

މި އަހަރު މިހާތަނަށް، ފޯސްޓާ ކުރުމަށް ހަތް ފަރާތަކުން ފޯމު ހުށަހަޅާފައި ވާ ކަމަށާއި ހަތަރު ކުދިން ހަވާލު ކުރެވިފައި ވާކަމަށް ރިޝްމީ ވިދާޅުވިއެވެ.

އޭގެ އިތުރުން އެއް ކުއްޖެއްގެ މައްސަލަ ކޯޓު މަރުހަލާގައި އުޅޭއިރު، ތިން ކުއްޖެގެ މައްސަލަ، ފޯސްޓާ ކުރަން ކޮމިޓީއިން ނިންމާ، މިހާރު ވަނީ ކޯޓަށް ފޮނުވުމުގެ މަރުހަލާގައި ކަމަށް ރިޝްމީ ވިދާޅުވިއެވެ.

އެ ސާވިސަސްއިން އެކި އަހަރު 71 ކުއްޖަކު މިހާތަނަށް ވަނީ ފޯސްޓާ ޕޭރެންޓުންނާ ހަވާލު ކޮށްފައެވެ. އޭގެ ތެރެއިން އަނބުރާ ދައުލަތަށް ގެންދަން ޖެހުނީ ތިން ކުދިންނެވެ.

ފޯސްޓާ ކުރެވޭ ހަތަރު ބައެއް ވެއެވެ. އަދި ފޯސްޓާ ކުރެވެނީ ދެ ބާވަތަކަށެވެ. އެއީ ވަގުތީ ގޮތުންނާއި ދާއިމީގޮތުންނެވެ. ނަމަވެސް ދާއިމީގޮތުން ހަވާލު ކުރަނީ 18 އަހަރު ވަންދެންނެވެ.

ފޯސްޓާ ކުރެވޭ ކެޓެގަރީތަކަކީ:

  • ކުއްޖާއަކީ ޔަތީމު ނޫނީ މިސްކީނު ކުއްޖަކަށް ވެފައި، ކުއްޖާ ބަލަހައްޓާ ނުވަތަ ބަލަދުވެރިކަން އަރާ އެއްވެސް ފަރާތެއް ނެތުން.
  • ކުދިންގެ ޝަރުއީ ބަލަދުވެރިން ދުނިޔޭގައި ތިބެ، އެކުދިންނާ އެއްވެސް ވަރަކަށް ގުޅުން ނެތުން.
  • އާއިލާގެ ހާލަތު ހުރިގޮތުން، އެ ކުދިން އަނބުރާ އާއިލާއަށް ފޮނުވޭނެ އެއްވެސް ގޮތެއް ނެތުން.
  • އާއިލާގެ ހާލަތު ހުރިގޮތުން އެއްވެސް ހާލެއްގައި އާއިލާއަށް ރުޖޫއަ ވެވޭނެގޮތެއް ނެތުން.

ފޯސްޓާ ކުރުމުގައި ހަތަރު މަރުހަލާއެއްވެއެވެ. އެގޮތުން އެކަމަށް އެދި އެންމެ ފުރަތަމަ ޖެހޭނީ ފޯމު ހުށައަޅާށެވެ. އެ ފޯމު މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

އެއަށްފަހު ފޯމު ހުށައަޅާ މީހާގެ ޝަރުތު ހަމަވޭތޯ ބެލުމަށްފަހު އެސެސްމަންޓެއް ހަދާނެއެވެ.

ފޯސްޓާ ކުރަން ހުށައަޅާ މީހަކީ ދިވެއްސަކަށް ވާން ޖެހެއެވެ. އަދި ކައިވެނި ކޮށްގެން އުޅޭ މީހަކަށް ވެސް ވާން ޖެހެއެވެ. ނަމަވެސް ސިންގަލް ޕޭރެންޓަކަށް ވެސް، ގަވާއިދުގައިވާ އެހެން ހުރިހާ ޝަރުތު ހަމަވާނަމަ ފުރުސަތު އެބައޮތް ކަމަށް ޗައިލްޑް އެންޑް ފެމެލީ ޕްރޮޓެކްޝަން ސާވިސްއިން މައުލޫމާތުދެއެވެ.

މީގެ އިތުރުން، ފޯސްޓާ ކުރާ މީހަކީ 25 އަހަރާ 65 އަހަރާ ދެމެދުގެ، އާއިލާ ބެލެހެއްޓޭ ފެންވަރުގެ މީހަކަށް ވާންޖެހެއެވެ. އާއިލާ ބެލެހެއްޓޭ ފެންވަރު ބަލާނީ އެސެސްމަންޓަށްފަހުގައެވެ.

އެސެސްމަންޓް ހެދުމައި، ޝަރުތު ހަމަވޭތޯ ބެލުމާއި އަދި އިތުރު މައުލޫމާތު ހޯދުމަށް މަހެއް ނުވަތަ ދޮޅުމަސް ހޭދަވާނެ ކަމަށް ޗައިލްޑް އެންޑް ފެމެލީ ޕްރޮޓެކްޝަން ސާވިސްއިން މައުލޫމާތުދެއެވެ.

comment ކޮމެންޓް