އެގްރޯ ޓޫރިޒަމް ފެށުމަށް ގާނޫނީ ބަދަލުތައް ބޭނުންވޭ: ފިޝަރީޒް މިނިސްޓަރު

ޔޫއެންޑަބްލިއުޓީއޯ ގްލޯބަލް ސަމިޓް އޮން ކޮމިއުނިޓީ ބޭސްޑް ޓޫރިޒަމްގައި ފިޝަރީޒް މިނިސްޓަރު ޑރ. ޙުސައިން ރަޝީދު ހަސަން ވާހަކަދައްކަވަނީ ---

ރާއްޖޭގައި އެގްރޯ ޓޫރިޒަމް ފެށުމަށް ކަމާ ގުޅޭ ގާނޫނުތަކަށް ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. ޙުސައިން ރަޝީދު ޙަސަން މިއަދު ވިދާޅުވެއްޖެއެވެ.

ޔޫއެންޑަބްލިއުޓީއޯ ގްލޯބަލް ސަމިޓް އޮން ކޮމިއުނިޓީ ބޭސްޑް ޓޫރިޒަމްގައި މިއަދު އެގްރޯ ޓޫރިޒަމަށް ހާއްސަކޮށްގެން ބޭއްވި ސެޝަންގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި އެގްރިކަލްޗާ ސިނާއަށް އިތުރަށް ސިންދަފާތުކުރަން ޖެހޭ ކަމަށާއި، އެގްރޯ ޓޫރިޒަމަކީ އެގޮތުން އިހްތިޔާރު ކުރެވިދާނެ ދާއިރާއެއް ކަމަށެވެ.

"އެގްރިކަލްޗާ ސިނާއަތަށް އެގްރޯ ޓޫރިޒަމް ތައާރަފުކޮށްގެން އަޅުގަނޑުމެންނަށް އިތުރު ވަޒީފާތައް އުފެއްދޭނެ. އިތުރު ޒުވާނުން މި ސިނާއަތުގައި ބައިވެރި ކުރެވޭނެ،" މިނިސްޓަރު ވިދާޅުވިއެވެ.

ޔޫއެންޑަބްލިއުޓީއޯ ގްލޯބަލް ސަމިޓް އޮން ކޮމިއުނިޓީ ބޭސްޑް ޓޫރިޒަމްގެ ތެރެއިން ---

ޑރ. ހުސައިން ރަޝީދު ވިދާޅުވީ ކަމާ ގުޅޭ ގާނޫނުތައް މިހާރު ހުރި ގޮތުން އެގްރޯ ޓޫރިޒަމް ތައާރަފުކުރުމަށް ދަތިތަކެއް އެބަހުރި ކަމަށާއި، އެ މަސައްކަތް ރާއްޖޭގައި ފަށަން ބޭނުންވާނަމަ އެ ގަވާއިދުތައް ބަދަލުކުރަން ޖެހޭ ކަމަށެވެ.

"އަޅުގަނޑުމެން އެބަޖެހޭ ގާނޫނީ އަދި ސިޔާސީ އޮނިގަނޑުތައް ބަދަލުކުރަން އޯވަނައިޓް ސްޓޭ އަދި ކޮންޓްރެކްޓް ބޭސްޑް ސްޓޭ ހުއްދަކުރާ ގޮތަށް އަދި ދަނޑުވެރިކަމަށް ދޫކުރެވިފައިވާ ރަށްތައް ޓޫރިސްޓުންނަށް އާދެވޭގޮތަށް ދިގު މުއްދަތަށް ދޫކުރަން" މިނިސްޓަރު ވިދާޅުވިއެވެ.

ޔޫއެންޑަބްލިއުޓީއޯ ގްލޯބަލް ސަމިޓް އޮން ކޮމިއުނިޓީ ބޭސްޑް ޓޫރިޒަމަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ރަންޔޫބީލްގެ މުނާސަބަތުގައި ބާއްވާ ބައިނަލްއަގުވާމީ ސަމިޓެކެވެ. މި ސަމިޓުގައި އެގްރޯ ޓޫރިޒަމްގެ އިތުރުން، ކޮމިއުނިޓީ ބޭސްޑް އަދި ގެސްޓްރޮނިމީ ޓޫރިޒަމަށް ހާއްސަ ސެޝަންތަކެއް އަންނަނީ ކުރިއަށް ގެންދަމުންނެވެ.

comment ކޮމެންޓް