މި އަހަރު ނިމުމުގެ ކުރިން ފޯނާއި ބޭންކް ކާޑު ޖައްސާލައިގެން ބަސް ދަތުރު ކުރެވޭނެ: އާޒިމް

އެމްޓީސީސީގެ ރާއްޖެ ޓްރާންސްޕޯޓް ލިންކަށް އަލަށް ގެނައި ބަސްތައް، 15 އާ ބަހާއެކު އެމްޓީސީސީގެ ބަހުގެ ފްލީޓުގެ އަދަދަކީ މިހާރު 46 --- ސަންފޮޓޯ/ ނާއިލް ހުސައިން

މި އަހަރު ނިމުމުގެ ކުރިން ބޭންކް ކާޑު އަދި ސްމާޓް ފޯނު ޖައްސާލައިގެން ޕަބްލިކް ޓްރާންސްޕޯޓުން ޚިދުމަތް ހޯދޭނެ ގޮތް ހަމަޖެހިގެން ދާނެ ކަމަށް، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ މެނޭޖިންގް ޑިރެކްޓަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

ހުޅުމާލޭ ދެވަނަ ފިޔަވައްސަށް އެމްޓީސީސީގެ އާރުޓީއެލް ބަސް ދަތުރުތައް ފެށުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އާޒިމް ވިދާޅުވީ ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ރައްޔިތުންނަށް ފަސޭހަ ކަމާއިއެކު ޚިދުމަތް ލިބިގަނެވޭނެ ގޮތަށް ކަންކަން ހަމަޖެއްސުމަށް އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުންދާ ކަމަށެވެ.

އާޒިމް ވިދާޅުވީ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް އިތުރު މުވައްޒަފުންތަކެއް ތަމްރީނު ކުރެވިފައިވާ ކަމަށެވެ. އަދި އަލަށް ގެނެވުނު ބަސްތަކާއެކު ބަސް ސްޓޮޕްތަކުގައި ގިނައިރު މަޑުކުރަންޖެހޭ މައްސަލައަށް ހައްލެއް ލިބިގެން ދާނެ ކަމަށް ވިދާޅުވިއެވެ.

ހުޅުމާލޭ ދެވަނަ ފިޔަވައްސަށް ދަތުރުކުރަން ގެނައި 15 ބަހާއެކު، އެމްޓީސީސީގެ ބަސް ފްލީޓްގައި ހިމެނޭ ބަހުގެ އަދަދު ވަނީ 46 އަކަށް އިތުރުކޮށްފައެވެ.

އެ ފަނަރަ ބަހާއެކު، މާލެ ސަރަހައްދުގައި އާ ދެ މަގަކުން އެމްޓީސީސީން ބަހުގެ ދަތުރުތައް ފެށުމަށް ހަމަޖެހިފައިވެެއެވެ. އެއީ ކާނިވާ ސަރަހައްދުންނާއި، ހުޅުލެއިން، ހުޅުމާލޭ ދެވަނަ ފިޔަވައްސަށް ސީދާ ދަތުރުކުރާ ދެ މަގެވެ.

މީގެ އިތުރުން، ވެސްޓް ޕާކުން ހުޅުމާލޭ ދެވަނަ ފިޔަވައްސަށް ކުރާ ސީދާ ދަތުރުތައް އިތުރުކުރުމަށް ވެސް އެ ކުންފުނިން ވަނީ ނިންމާފައެވެ.

އާ ބަސްތަކާއެކު ކާނިވާ އަދި ވެސްޓް ޕާކުން ހުޅުމާލޭ ދެވަނަ ފިޔައްސަށް ބަސް ދަތުރު ބާއްވަން ހަމަޖެހިފައިވަނީ ފަތިހު 05:30ން ފެށިގެން ރޭގަނޑު 23:30އާ ހަމައަށެވެ. ބަހުގެ ދެ ދަތުރު ދޭތެރޭ ގިނަވެގެން 20 މިނެޓު ހޭދަވާއިރު، ބާރުބޮޑު ގަޑިތަކުގައި އެ ވަގުތު ގިނަވެގެން 15 މިނެޓަށް ކުޑަވާނެއެވެ.

އެއާޕޯޓުން ހުޅުމާލޭ ދެވަނަ ފިޔަވައްސަށް ކޮންމެ ގަޑިއިރަކުން ދަތުރެއް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

comment ކޮމެންޓް