ވިނިޝިއަސް ކޮންޓްރެކްޓު އާކުރުމާ ގާތަށް، 2026 ގެ ނިޔަލަށް ޓީމުގައި މަޑުކުރާނެ

ވިނީޝިއަސް ޖޫނިއާ ޗެމްޕިއަންސް ލީގު ތަށްޓާއެކު----

ރެއާލްގެ ޒުވާން ފޯވާޑް ވިނީޝިއަސް ޖޫނިއާ ރެއާލްއާކު ހަދާފައިވާ ކޮންޓްރެކްޓު އާކޮށް އެ ޓީމުގައި މަޑުކުރަން ތައްޔާރުވެއްޖެއެވެ.

ސްޕެއިންގެ ކުޅިވަރު ނޫސް މާސާއިން ބުނާ ގޮތުގައި އޭނާ ރެއާލްއާކު އާ އެއްބަސްވުމުގައި ވަރަށް އަވަހަށް ސޮއި ކުރާނެއެވެ.

މީގެއިތުރުން އެ ނޫހުން ބުނެފައިވަނީ އެ ޓީމާއެކު ވާ އާއެއްބަސްވުމާއެކު އޭނާގެ ރިލީސް ކަލައުސް 300 މިލިއަނުން 870 މިލިއަން ޕައުންޑަށް އިތުރުވާނެއެވެ. އަދި މިހާރު ތިން މިލިއަން ޕައުންޑުގެ މުސާރައެއްގައި ހުރި ވިނީޝިއަސްއަށް އާ ކޮންޓްރެކްޓާއެކު އަށް މިލިއަން ޕައުންޑު ލިބޭނެކަމަށް ވެސް މާސާ ރިޕޯޓުކުރެއެވެ.

ކުޅިވަރުގެ މަޝްހޫރު ނޫސްވެރިޔާ ފަބްރީޒިއޯ ރޮމާނޯ ބުނާ ގޮތުގައި އާ އެއްބަސްވުމާއެކު 2026 ވަނަ އަހަރާ ހަމައަށް ރެއާލްގައި ވިނިޝިއަސް މަޑުކުރާނެއެވެ.

އުމުރުން 21 އަހަރުގެ ވިނީޝިއަސް އަކީ 38 މިލިއަން ޕައުންޑަށް 2018 ވަނަ އަހަރު ބްރެޒިލްގެ ފްލެމިންގޯއިން ރެއާލަށް ގެނައި ކުޅުންތެރިއެކެވެ.

މިއަހަރު ރެއާލް މެޑްރިޑުން ލަލީގާއާއި، ޗެމްޕިއަންސް ލީގު ކާމިޔާބުކުރިއިރު އެ ކާމިޔާބީގެ ފަހަތުގައި އޭނާ ހިއްސާ ވަރަށް ބޮޑެވެ. ވިނިޝިއަސް ވަނީ ނިމިދިޔަ ސީޒަނުގައި 52 މެޗުކުޅެ 22 ގޯލުޖަހައި 20 ގޯލު ޖެހުމަށް އެހީތެރިވެދީފައެވެ.

ނިމިދިޔަ ޗެމްޕިއަންސް ލީގު ފައިނަލުގައި ރެއާލުން ލިވަޕޫލާ ދެކޮޅަށް ކުޅުނު މެޗުގައި އެ ޓީމު މޮޅުކޮށްދިނުމަށް ޖަހައިދިން ހަމައެކަނި ގޯލު ވެސް ޖަހައިފައިވަނީ ވިނީޝިއަސްއެވެ.

comment ކޮމެންޓް