މިންޖު... 02 (ފަހުބައި)

ނާމާން ކަމާއި ބިރުވެރިކަން ފެށުނެވެ. ފާޑުފާޑުގެ ބިރުވެރި އަޑުތައް އިވެންފެށިއެވެ. އަހަރެންގެ މުޅި ގައިން ދިލަ ނަގަން ފެށިއެވެ. ހީވީ ތޫނު އެއްޗަކުން ގައިގެ ތަންތަން ކަފަން ފެށި ހެންނެވެ. ބައެއް ފަހަރު ވަކިއަޅާހެން ހީވެއެވެ. ގުގުރާ ވިދަން ފެށިއެވެ. ވިދުވަރުގެ އައްޔާއިއެކު، ބިރުވެރި ސޫރައިގައި ތިބޭ އެއްޗެހި ފެންނަން ފެށިއެވެ. ރަތް ދެލޮލުން އެ އެއްޗެހި ތިބެނީ އަހަންނަށް ބަލަހައްޓައިގެންނެވެ. އެއީ ބިރުން ހުރުމުން އަހަންނަށް ހީވާ ގޮތް ހެއްޔެވެ؟ ނޫނީ، މީހުން ބުނާ ފަދައިން ހަމަ އަސްލުގައިވެސް އެއީ ނާމާން ގެއަކީ ހެއްޔެވެ؟ އެއީ ތެދަކަށްވާނަމަ، އަހަންނަށް އެ ގެއިން ސަލާމަތަކުން ނިކުމެވިދާނެ ހެއްޔެވެ؟ އަހަރެންގެ ހަތަރު އުދަރެސް ފެނުޖެހުނެވެ. ގޮތް ހުސްވިއެވެ. ކުރެވޭނެ އެއްވެސް ކަމެއް ނެތެވެ.

**********

ފަނޑު އަލިކަމެއް މުޅި ތަނަށް ވެރިވިއެވެ. އަހަރެން އިނީ ފަރާތެއް ބަލައިލަންވެސް ނުކެރިފައެވެ. ހިތަށް އެރިއެވެ. ކަމެއް ނުކޮށް އިނދެގެންވެސް ވާނީ މަރެވެ. ސަލާމަތްވެވޭނީވެސް މަސައްކަތް ކޮށްގެންނެވެ. މިއީ ސަލާމަތްވުމަށް ލިބޭނެ ރަނުގެ ފުރުސަތެކެވެ. ލިބުނު ފުރުސަތުގެ ބޭނުން އަހަރެން ހިފާނަމެވެ. ވަށައިގެން ހޯދައިލުމާއިއެކު އަހަންނަށް ލިބުނީ އިތުރު ހައިރާންކަމެކެވެ. އަހަރެން ހުރީ ގެއެއްގެ ތެރޭގައެއް ނޫނެވެ. ވަށައިގެން ފެންނަމުން ދިޔައީ ގަސްތަކެވެ. އަހަރެން ހުރީ، މޫތަކެއްގެ ތެރޭގައި ހައްޔަރުވެފައެވެ. އެހެންވާނީ ކިހިނެތް ހެއްޔެވެ؟ ދެންމެ އަހަރެން ހުރީ، ހަތަރު ފާރުގެ އެތެރޭގައެވެ.

"ހަނާ..." އަހަރެންގެ ކަންފަތް ކައިރިން ވައި އަޑެއް އިވުނެވެ.

ކުއްލިއަކަށް އަހަރެންގެ މޫނާއި ދިމާއަށް އިސްތަށިގަނޑެއް އެޅުނެވެ. މުޅި ހަށިގަނޑު ހީވީ، މޫތަކުގެ ތެރޭގައި ފިއްތައިލި ހެންނެވެ. މަޑުމަޑުން މައްޗަށް ބަލައިލިއިރު ފެނުނު މަންޒަރުން އަހަންނަށް ބާރަށް ހަޅޭއްލަވައިގަނެވުނެވެ. އެއާއިއެކު، އަހަރެން ހޭނެތިގެން ވެއްޓުނީއެވެ.

ހޭއެރުމާއިއެކު އަހަންނަށް ފުންމައިގެން ތެދުވެވުނެވެ. ކައިރީގައި މީޒާ އިނެވެ. އޭނާ އިނީ އިސްޖަހާލައިގެންނެވެ. މީޒާ ފެނުމުން އަހަންނަށް ލިބުނު ހަމަޖެހުން ބުނެދޭންވެސް ނޭނގުނެވެ. އަވަސް އަވަހަށް ތެދުވެ ވަށައިގެން ނަޒަރު ހިންގައިލީމެވެ. ވަށައިގެން ފެންނަމުން ދިޔައީ ގަސްތަކެވެ. މުޅި ތަނަށް ވެރިވެފައިވީ، ފަނޑު އަލިކަމެކެވެ. އެއީ އިރު އޮއްސެން އުޅޭކަމުގެ ރަތް ސިގުނަލެވެ. އަވަހަށް ވަލުން ނުނުކުމެވިއްޖެނަމަ، މުޅި ތަން އަނދިރިވެ، ވަލުތެރޭގައި ތާށިވާނެއެވެ.

"މީޒާ... ކޮބާ ފާތި؟..." އަހަންނަށް ވަށައިގެން ހޯދައިލެވުނެވެ. ފާތިނާ ފެންނާކަށް ނެތެވެ. އަހަރެން ލަސްވެގެން އޭނާ ދިޔައީ ހެއްޔެވެ؟

މީޒާ އަނގަޔަކުން ނުބުންޏެވެ. ގުޑިވެސް ނުލިއެވެ. އަހަރެން ތެދުވުމުންވެސް ޖެހި ބުދެއްހެން އޭނާ އިނީއެވެ.

"ހިނގާ އަވަހަށް މިތަނުން ދާން..." މީޒާގެ އަތުގައި ހިފަމުން އަހަރެން ބުނީމެވެ.

މީޒާ ހޭން ފެށިއެވެ. އެވަރުންވެސް އޭނާ އިންތަނުން ގުޑާވެސް ނުލިއެވެ. ނަގަން އުޅެއުޅެ ނުވެސް ނެގުނެވެ. އަހަރެން ހުރީ ވާނުވާ ނޭނގިފައެވެ. އަނެއްކާ އެ ހުރިހާ ކަމަކީ މީޒާ ކުރި ސަމާސާއެއް ހެއްޔެވެ؟

"މަޖަލެއް ނޫނޭ..." އަހަރެން ކުޑަކޮށް ހިތްހަމަނުޖެހިފައި ބުނީމެވެ.

"މަޖާވެގެންނު ކަލޭ މިތަނަށް ތިއައީ..." މީޒާ ހަޅޭއްލަވައިގަތެވެ.

އެއީ މީޒާގެ އަޑެއް ނޫނެވެ. އިންސާނެއްގެ އަޑެއްވެސް ނޫނެވެ. އެތައް ބައެއްގެ އަޑު އެކުވެގެން އައި އެ އަޑު ބިރުވެރިއެވެ. ވަގުތުން މީޒާގެ އަތުން ދޫކޮށްލެވުނެވެ. ފަހަތަށް ޖެހިލެވުނެވެ. އެއީ މީޒާއެއް ނޫނެވެ. އެއީ މީޒާގެ ސިފަ ޖެހިގެން އިން ކޮންމެވެސް އެހެން މަހުލޫގެކެވެ. މީޒާ އިސް އުފުލައިލިއެވެ. އޭނާ އަހަންނަށް ބަލައިލިގޮތުން އަހަރެންގެ ހިތް ހީވީ ހުއްޓުނު ހެންނެވެ. އަހަރެންގެ ކުރިމަތީގައި އިން މަހުލޫގުގެ ލޮލެއް ނެތެވެ. މޫނުގެ ކޮންމެ ގުނަވަނެއް ހުންނަ ދިމާގައި ވަނީ ހުސް ޖާގައެކެވެ. ކަޅު އަނދިރިގަނޑެއް ފަދައެވެ. އެ މަހުލޫގު އިންގޮތަށް އިނދެ ކަރު އަނބުރައިލިއެވެ. ކަރު ދިގުވެގެން އަހަންނާއި ދިމާއަށް އަންނަން ފެށިއެވެ. އޭރު މުޅި ތަނުގައި ފާޑެއްގެ ބިރުވެރި އަޑުފައްގަނޑެއް ގުގުމާލާފައި ވިއެވެ. ބައެއް ފަހަރު އެއްޗެހިތަކެއް ވިރިގެން ފައިބާ އަޑެވެ. އަނެއްބައި ފަހަރަށް ރުއިމާއި ހުނުން އެކުލެވޭ ބިރުވެރި އަޑުފަށްގަނޑެކެވެ.

ފަހަތް ބަލަމުން އަހަރެން ދުވަމުން ދިޔައީމެވެ. ދެވެނީ ކޮންތާކަށް ކަމެއްވެސް ނޭނގެއެވެ. މީޒާގެ ސިފައިގައި އިން އެތީގެ ކިބައިން ސަލާމަތްވާން އަހަރެން ބެލީ ދުވެވޭތޯއެވެ. އިތުރު އެހެން ގޮތެއް ނެތެވެ. މާހައުލަށް އަނދިރިކަން ވެރިވީ އެސްފިޔަ ޖަހާލާހައި މަދު ވަގުތުކޮޅެއްގެ ތެރޭގައެވެ. ގިނައިރުތަކެއްނުވެ، ހަނދުވަރުގެ ރިހި އަލިން މުޅި ތަން ދިއްލައިލިއެވެ.

ދުވެދުވެ ވަރުބަލިވެގެން ހުއްޓައިލީމެވެ. ސަލާމަތްވާނެކަމުގެ އުއްމީދު ގެއްލުނެވެ. ހިތަށް އެރިއެވެ. އަންނަ އެއްޗެއް އައިސް އަހަރެން ކާލާށެވެ. ހިތް އެތައް ހާސް މަރަކުން މަރުވުމަށްވުރެ އެގޮތްވެސް މާ ރަނގަޅުވާނެއެވެ. އެކަމަކު، އޭރުން އަހަންނަށް ވީގޮތް އެކަކަށްވެސް ނޭނގޭނެއެވެ. އަހަރެންދެކެ ލޯބިވާ އެތައް ބަޔަކު އަހަރެންގެ އާއިލާގައި އެބަ ތިއްބެވެ. އެ އެންމެން އަހަރެން ނުފެނިގެން ހޯދާނެއެވެ. މަންމަގެ ދެލޮލުން ކަރުނަ ހުސްނުވާނެއެވެ. ބައްޕަގެ އުއްމީދުތައް ވިއްސި ވިހާލިވާނެއެވެ. އާއިލާގެ ފަހަރަކު މީހެއްގެ މަތިން ހަނދާންވާން ފެށިއެވެ. މަންމަ އާއި ބައްޕައެވެ. މާމަ އާއި ކާފައެވެ. ކޮއްކޮ އާއި ދައްތައެވެ.

އަހަރެންގެ ހިތްވަރު އެލުނެވެ. ރޮވެން ފެށިއެވެ. އިންސާނުންނަކީ އާރެއް ބާރެއް ނެތް ނިކަމެތިން ތަކެއްކަން ވިސްނުނެވެ. ލޮލަށް ނުފެންނަ ނުވަތަ ތަޖުރިބާ ނުކުރެވޭ ކޮންމެ ކަމަކީ ނުވާ ކަމެއް ނޫނެވެ. ނުވަތަ ނޫޅޭނެ އެއްޗެއްސެއް ނޫނެވެ. އަޅުކަމާއި ދުރުވެވިފައިވާވަރު އިހުސާސްކުރެވުނީ ދެނެވެ.

އަހަރެން ނަމާދެއް ނުކުރަމެވެ. ގުރުއާން ކިޔަވަނީ، އިސްކޫލުން ދޭ ފިލާވަޅުތަކާއި ގުޅިގެން، ކޮންމެހެން ކިޔަވާލަން ޖެހިއްޖެ ހިނދެއްގައެވެ. ދެނަމާދު ދޭތެރޭގައި އަހަރެންގެ ކަމަކީ އިސްކޫލުން ދީފައި އޮންނަ ޓެބްލެޓުން ގޭމު ކުޅުމެވެ. މަންމަ އައިސްފިނަމަ، އެއިން ކިޔަވާކަމަށް ހަދައިގެން އިންނަނީއެވެ. ކުރެވިފައިވާ ހުރިހާ ނުބައިކަމެއް އަހަރެންގެ ސިކުނޑިއަށް އަންނަން ފެށިއެވެ. އެކަމާއި ހިތާމަކުރެވުނެވެ. އެހެން ނޫޅެވުނު ނަމައެވެ. ދެވަނަ ފުރުސަތެއް ލިބޭނޭ ނަމައެވެ.

"ހަނާ..." ޖެހިލި ރޯޅި އާއިއެކު އަހަރެންގެ ކަންފަތުގައި ގުގުމައިލީ ބިރުވެރި އަޑެކެވެ.

ވަޔާއިއެކު މުރަނަ ފަތްތައް އުދުހެން ފެށިއެވެ. ރޯޅިއެއްގެ ތެރޭގައި އެނބުރެމުންދިޔަ އެ ފަތްތަކުގެ މިސްރާބު ހުރީ އަހަންނާއި ދިމާއަށެވެ. އެ ފަތްތަކުގެ ތެރެއިން ފިރިހެނެއްގެ ސޫރަ ފެނުނުހެންވެސް ހީވިއެވެ. ހިތްވަރުކޮށްފައި އަނެއްކާވެސް ތެދުވީމެވެ. ދުއްވައިގަތީމެވެ. މިންޖު ވެވޭނޭކަމުގެ އުއްމީދުގައެވެ. ކޮންމެވެސް އެއްޗެއްގައި އަޅައިގަތެވެ. ބަނޑުވަތަށް ވެއްޓުނެވެ. ވީތަދުން ހިރިވެސް ނުލެވުނެވެ.

ކޮންމެވެސް އެއްޗެއް އަހަރެންގެ ގައިގައި އަތްލިކަން ޔަގީންވިއެވެ.

"ހަނާ..." އިވުނީ މީޒާގެ އަޑެވެ.

އަހަރެން ތެދުވެގެން އަނެއްކާވެސް ދުއްވައިގަތީމެވެ. އަހަރެންގެ ފަހަތުން އެއެއްޗެއްވެސް ދުއްވައިގަތެވެ. އަހަރެންގެ ނަމުން ގޮވަމުންނެވެ. އަހަރެން ނުހުއްޓެމެވެ. ދެވޭ ނުދެވޭ މިސްރާބެއް ނޭނގުނު ނަމަވެސް އަހަރެން ބެލީ ދުވެވޭތޯއެވެ. ދުވަމުން ގޮސް އަހަންނަށް ނުކުމެވުނީ އަތިރިމައްޗަށެވެ. ވެލިގަނޑު ހުދުކަމުން، ހީވަނީ މުޅި ސަރަހައްދު އަލިވެފައި އޮތް ހެންނެވެ. ނިވެމުންދިޔަ ހުޅުކޮޅު ދިއްލުނެވެ. ކުޑަ ހަމަޖެހުމެއް ލިބިފައިވެސް އަހަރެންގެ ހިތް މާޔޫސްވިއެވެ. ނޫނެކެވެ. އެއީ ދަޅައެކެވެ. އަހަރެން ތަޅުވަން، އަހަރެން ލޯ ކުރިމައްޗަށް ދައްކާ ދަޅައެކެވެ. މިފަހަރު އެއިން ކަމަކަށް ނުހެއްލޭނަމެވެ.

ވަރުބަލި ފިލުވާލައިގެން އަނެއްކާވެސް ދުއްވައިގަތީމެވެ. މިފަހަރު ދިޔައީ ރާޅުކުރިންނެވެ. ވަލުތެރެއަށް ވަންނަން ނުކެރުނީއެވެ. އެތައް އިރަކު ދުވިފަހުން، މުޅި ތަން އަނދިރިވާން ފެށިއެވެ. އަހަރެންގެ ހަށިގަނޑުން ހަކަތަ ހުސްވާހެން ހީވިއެވެ. ދެފައިން ވަރު ދޫވިއެވެ. ދެލޯ މެރުނެވެ. ދެންވީގޮތެއް ނޭނގުނެވެ.

ހޭއެރިއިރު އަހަރެން އޮތީ، އެނދުގައެވެ. ކައިރީގައި މަންމަ އާއި ބައްޕަގެ އިތުރުން އާއިލާގެ އެންމެން ތިއްބެވެ. ދެ ކުށްވެރިންހެން އިސްޖަހާލައިގެން މީޒާ އާއި ފާތިނާ ތިއްބެވެ. އަނެއްކާ އަނެއް ދަޅައެވެ. އަހަރެންގެ ލޯކުރިމައްޗަށް ފެންނަމުންދިޔައީ ހަގީގަތެއް ނޫނެވެ. އަހަރެން ގަބޫލެއް ނުކުރާނަމެވެ.

"މީ އަސްލެއް ނޫން... ތީ އަސްލު ބައެއް ނޫން... ދޭ، ދޭ، މިތަނުން ދޭ..." އަހަރެން ހަޅޭއްލަވައިގަތީމެވެ.

އަޑު ބޭރުވިކަމެއްވެސް ނޭނގެއެވެ. އެނގުނު އެއްޗަކީ އަހަންނަށް އެއްޗެއް ކިޔުނު ކަމެވެ. ތެޅިގަނެވުނު ކަމެވެ. އަހަރެންގެ އަތްފައި އޮތީ ހައްޔަރުކޮށްފައެވެ. މާބޮޑު ބާރެއް ނުދެއްކުނެވެ. ތެޅިތެޅިފައި އަނެއްކާވެސް އަހަރެންގެ ގައިން ހަކަތަ ހުސްވީއެވެ. ހޭއެރިއިރު، ކައިރީގައި ގުރުއާން ކިޔަވާ އަޑު އިވިއިވި ހުއްޓެވެ.

ގުރުއާނުގެ އަޑު އިވުމުން އަހަރެންގެ ނަފުސަށް ހީވީ ދިރުން ލިބުނު ހެންނެވެ. ދުވަހަކު އަހަންނަށް ނުލިބޭ އުފާވެރިކަމެއް އެވަގުތު އަހަންނަށް ލިބުނެވެ. ކައިރީގައި ފެންކަޅިވެފައި ހުރި މަންމަގެ ގައިގައި ބައްދައިލެވުނެވެ. އެއާއިއެކު އަހަރެންގެ ބަޑި ފަޅައިގެން ދިޔައެވެ.

3 މަސް ފަސް

އިސްކޫލުން ނިމުނުގޮތަށް އަހަރެން ނުކުތީ ގެއަށް ދާށެވެ. އުޑުމަތި ބަނަ ދުވަހެކެވެ. މަގުމައްޗަށް ނުކުތްވަގުތު ތަންކޮޅެއް ދުރުގައި ހެވިފައި ހުރި އަންހެނަކު އަހަރެންގެ ލޮލުގައި އަޅައިގަތެވެ. އަހަރެން އިސްޖަހައިލީއެވެ. މޫނުމަތިން އެއްވެސް އަސަރެއް ނުދައްކަމެވެ. އެކަހަލަ ކިތަންމެ އަންހެނަކު އަހަންނަށް ފެނެއެވެ. އެހެނަސް، ދުރުގައި ބަލަން ހުރުން ފިޔަވާ އިތުރުކަމެއް ނުކުރެއެވެ.

މީޒާއާއި ފާތިނާ އަހަރެންގެ ފަހަތުން އައިސް އެއްވަރުކުރިއެވެ. ދިމާވި ހާދިސާއަށްފަހު އަހަންނަކީ މުޅީން ތަފާތު މީހެކެވެ. ސަކަރާތްޖަހައި މަޖާކުރުމުގެ ބައި ކެނޑުނެވެ. ގަދަބަސްބުނުން ހުއްޓުނެވެ. ދީނީ ކަންކަމަށް ފަރުވާތެރިވީމެވެ. މިހާރު އަހަންނަކީ ޑިޕްރެޝަނަށް ފަރުވާ ހޯދަމުން އަންނަ މީހެކެވެ. އެހެން މީހުންނަށް ނުފެންނަ އެތައް އެއްޗެއް އަހަރެންގެ ސިކުނޑި އަހަންނަށް ދައްކައެވެ. އެއީ ހަގީގަތެއް ކަމެއް، ނުވަތަ ނޫންކަމެއްވެސް އަހަންނަކަށް ނޭނގެއެވެ. އަހަންނަށް އެނގޭކަމަކީ އަހަންނަށް ވަދެވުނު ގެއެއްގެ ސަބަބުން އަހަރެންގެ ދިރިއުޅުން މުޅީން ބަދަލުވެއްޖެކަމެވެ. އަހަރެން ގަބޫލުކުރީ އެއީ ހެޔޮފާލެއްގެ ގޮތުގައެވެ. އަހަންނަށް ހެޔޮމަގު ދައްކަވަން ކުރިމަތިކުރުވި އިންތިހާނެއްގެ ގޮތުގައެވެ. ބިރުވެރި މަންޒަރުތައް ފެނިފެނި، މިއަދު އަހަރެން އެ މަންޒަރުތަކަށް އާދަވެއްޖެއެވެ. ކުރިން ސިހޭ ވަރަށް މިހާރު ނުސިހެއެވެ. ދިމާވި ނުރައްކަލުން އަހަންނަށް މިންޖު ވެވުނީ ދެވަނަ ފުރުސަތެއް ލިބެންވެގެންނެވެ. އެކަމަށް މިއަދު އަހަރެން ޝުކުރުވެރިވަމެވެ. މުޅި އުމުރަށް އަހަރެންގެ ހަނދާނުގައި އެކަން ބަހައްޓާނަމެވެ. މިދުނިޔެ ނޫނަސް އެހެން ދުނިޔެއެއް އެބަ އޮތެވެ. ދީނީ ކަންކަމަށް އިތުރަށް ސަމާލުކަން ދީ، އާހިރަތް ބާއްޖަވެރި ކުރުމަށް ގަދައަޅައި މަސައްކަތް ކުރާނަމެވެ.

(ނިމުނީ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު