ރަނގަބީލުގެ އަޑު އިވުނެވެ. ކުރަން އިން މަސައްކަތް ނުނިމެނީސް ފޮތް ލައްޕައިލީމެވެ. ދެވަނަ ފަހަރަށް ރަނގަބީލުގެ އަޑު އިވުމާއިއެކު، ފޮތްތައް ދަބަހަށް އަޅައި، ދަބަސް ކޮނޑުގައި އަޅުވައިލީމެވެ. ބޯޑު ކައިރީގައި ހުރެފައި ޓީޗަރު އަހަންނަށް ގޮވައިލިއެވެ.

"މި ދިޔައީ މިއަދުގެ ދުވަސް..." އަހަންނަށް ހިތާއިހިތުން ބުނެވުނެވެ.

ފޫހިގޮތަކަށް ހިނގާލާފައި ޓީޗަރާއި ދިމާއަށް ދިޔައީމެވެ. އަހަރެންގެ ދެ އެކުވެރިން ކަމުގައިވާ މީޒާ އާއި ފާތިނާވެސް އަހަންނާއިއެކީ ޓީޗަރުގެ ކައިރިއަށް ދިޔައެވެ.

"ބޯޑު ފުހެލަބަލަ..." ޓީޗަރު އެދުނެވެ.

ވީ ފޫއްސެއްގެ ބޮޑުކަމުން ދޫކޮށްލެވުނީ ފުން ނޭވާއެކެވެ. އެވަރުންވެސް ޓީޗަރު އެދުނު ކަންތައް ކޮށް ނިންމީމެވެ. ދެން ޖެހުނީ މޭޒުމަތީގައި ހުރި ފޮތްތައް ސްޓާފްރޫމަށް ގެންދާށެވެ. އެކަންވެސް ނިންމީމެވެ.

"ހަނާއަށް އިނގޭތަ މީ ހަނާގެ ފަހު އަހަރު ކަން؟..." ފޮތްތައް ލާފައި އައުމުން، ޓީޗަރު ކުޑަކޮށް ނުރުހިފައި ބުންޏެވެ. "އޯލެވެލް އިމްތިހާނު ފެށެން މާ ގިނަ ދުވަހެއް ނެތް... މިސް އެންމެ އުއްމީދުކުރާ ކުދިންގެ ތެރޭ ހިމެނޭ ކުއްޖެއް ހަނާ ތީ... އެކަމަކު މިހާރަކަށް އައިސް ހަނާގެ ފަރާތުން ކިޔެވުމުގެ ކަމަކާ މާ ބޮޑަށް އުޅޭ ތަނެއް ނުފެނޭ..."

"މިސް ހާސްނުވޭ... މިސްގެ މާއްދާއިން އޭ ޕްލަސްއެއް ގެންނާނަން..." އަހަރެން ވަގުތުން ޖަވާބު ދިނީމެވެ.

އަހަރެންގެ ވާހަކައިން ރުޅި އައީ ކަމެއް ނޫނީ އުފަލުން ކަމެއް ނޭނގެއެވެ. ދިޔަސް އެންމެ ރަނގަޅު ކަމުގައި ޓީޗަރު ބުނެލިއެވެ. ތިން މީހުން ހެމުން އިސްކޫލުން ނުކުތީމެވެ.

"ކޮބާ، މިއަދުގެ ޕްލޭން ކިހިނެތް އޮތީ؟..." މީޒާ އަހަންނާއި އެއްވަރުކޮށްފައި، ކޮނޑުމަތީގައި އަތް ބާއްވައިލިއެވެ. "ހަމަ ކުރާގޮތަށް؟..."

"ކިހިނެއްތަ އޮންނާނީ... މީޒާއަށް ހީވޭތަ އަހަރެން ކުރަން ދިމާކޮށްލައިފި ކަމެއް ނުކޮށް ހުއްޓާނެހެން؟..." އަހަރެން ފޮނިކަނޑައިލީމެވެ.

އަހަންނަކީ ބުނާ ބަހުގައި ހިފަހައްޓާ މީހަކީމެވެ. ގަދަބަހެއް ބުނެވިއްޖެނަމަ، ކޮންމެ ގޮތަކުންވެސް އެކަމެއް ކުރެވޭތޯ އަހަރެން ބަލަމެވެ.

މީޒާ ހީގަތެވެ. ތިން މީހުން އެކުގައި އިސްކޫލުން ނުކުތްއިރު، އުޑުމަތި އޮތީ ކޮންމެވެސް ވަރަކަށް ބަނަކޮށްލާފައެވެ. އަހަރެން މާ ވަރަކަށް އުޑުމައްޗަށް ބަލަން ފެށުމުން، މީޒާ ދިމާކުރަން ފެށިއެވެ.

"ބަހަނާއެއް ހޯދަނީތަ؟... ހަނާ ބޭނުމިއްޔާ އަދިވެސް އެކަން ހުއްޓާލެވިދާނެ އިނގޭ... ދޯ ފާތީ..." މީޒާ ފާތިނާއަށް ބަލައިލަމުން މޫނަށް ވައްތަރެއް ޖައްސައިލިއެވެ.

"ނޫނޭ މިއަދު އެކަން ކޮއްފަ ނޫނީ ނުހުއްޓާނަން..." އަހަރެން ޔަގީންކަމާއި އެކުގައި ބުނީމެވެ.

ގެއަށް ދިޔުމުގެ ބަދަލުގައި ތިން މީހުން ހިނގައިގަތީ ރަށުގެ ފުއްޓަރު ފަރާތާއި ދިމާއަށެވެ. އެއީ އަހަރެމެން ރޭވި ގޮތެވެ. ރަށަކީ ބޮޑު ރަށެއް ކަމުން އެހިސާބަށް ދާން ފުދޭ ވަރަކަށް ވަގުތު ނަގައެވެ. އަހަރެމެންގެ މަންޒިލަކީ ފުއްޓަރު ވަލޭ ކިޔުނު ޖަންގަލީގައި ހުންނަ ފަޅުގެއެވެ. ރަށުގެ މީހުން ބުނާގޮތުންނަމަ، އެ ގެ ފަޅުވެފައި ހުންނަތާ އެތައް އަހަރެއް ވެއްޖެއެވެ. އެގެއަށް ވަންނަ މީހަކު ސަލާމަތުން އެގެއިން ނެރެވޭ ކަމަކަށް ނުވެއެވެ. އެއްބަޔަކު މަރުވަނީއެވެ. އަނެއްބަޔަކު ވަނީ މޮޔައެވެ. އަނެއް ބަޔަކު ވާނުވާ ނޭނގި ގެއްލެނީއެވެ. އެ ހުރިހާ ހާދިސާތަކަކަށްފަހު، އެއްވެސް މީހަކަށް އެ ގެއަށް ވަންނާކަށް ނުކެރެއެވެ.

އަހަންނަކީ ކަންކަމާއި ކުރިމަތިލާންކެރޭ ބިރުކުޑަ މީހެކެވެ. ފަޅުގެއާއި ބެހޭގޮތުން ތުންތުންމަތިން ދެކެވިފައިވާ ވާހަކަތައް އަހަރެން ގަބޫލެއް ނުކުރަމެވެ. އަހަރެން ގަބޫލުކުރީ އެއީ ފުލޯކު ވާހަކަތަކެއް ކަމުގައެވެ. ފޫޅުދިގު ހަންޑިއާއި ސަފަރުކަތްދަގެ ވާހަކައަކީވެސް އެފަދައިން ކުޑަކުދިން ބިރުގެންނެވުމުގެ ގޮތުން ކިޔައިދީ އުޅުނު ވާހަކަތަކެވެ.

"އެންމެފަހުން އެގެއަށް ވަނީ ފާތިނާގެ މާމަ ދޯ؟..." އެއްޗެއް ހަނދާންކޮށްލާ ފަދައިން މީޒާ ބުނެލިއެވެ.

"މަންމަ ބުނީ، މާމަ މޮޔަވީ އެ ފަޅުގެއަށް ވަނީމައޭ... އެއް ދުވަހު ފަން ހޮވަން ދިޔަ ގޮތަށް މާމަގެ ހަބަރެއް ނުވެގެން ހޯދަނިކޮށް، ތިން ދުވަސް ފަހުން ފެނުނީ އެ ގެ ކައިރިއަށް ވެއްޓިފަ އޮއްވަޔޯ... އޭގެ ފަހުންނޯ މާމަ މޮޔަ ވާހަކަ ދައްކަން ފެށީ..." ފާތިނާ ތަފުސީލް ދިނެވެ.

"އާނ!... އަދި ހަނދާންނެތިފައޭ މިހުރީ..." އަހަރެންގެ ހަނދާނަށް އައީ، އިސްކޫލުގައި ކުއްޖަކު ދެއްކި ވާހަކައެކެވެ. އެއީ ފާތިނާގެ މާމަ ނިޔާވި ދުވަހު އެކުއްޖާ ދެއްކި ވާހަކައެކެވެ.

"އެގޭގަ ވަރަށް ސަޅި ޖިންނި ބިޓެއް އުޅޭޔޯ... ފާތިގެ މާމަ ސަލާމަތްކޮށްދިނީ އޭނަޔޯ..." އަހަންނަށްވުރެ ކުރިން މީޒާ ބުނެލިއެވެ.

"މިފަހަރު ވާނެ އޭނަ ސެޓުކުރަން..." އަހަންނަށް މަޖާވިއެވެ.

ހިނދެއްހިނދަކަށް ދުނިޔެމަތި އަނދިރި ކުރަމުން ދިޔައެވެ. ދެންމެ ދެންމެ ވާރޭ ވެހިގަންނަން އުޅޭ ކަހަލައެވެ. ދެފަރާތުގައި ބޯކޮށް ވިނަ ފަޅާފައިވާ މަގުގެ ކުރީގައި ހުރީ އަހަންނެވެ. އަހަރެންގެ ފަހަތުގައި ތިބީ މީޒާ އާއި ފާތިނާއެވެ. ހަނި މަގުގެ ދެފަރާތުގައި ހެދިފައިވާ ބިޔަ ގަސްތަކުން އުޑުމަތި އޮތީ ބެދިފައެވެ.

މަންޒިލާއި ހިސާބަށް ދެވުނުއިރު އަހަރެމެން ތިބީ މާނޭވާ ލެވޭވަރު ވެފައެވެ. ބޯކެޔޮ ގިނަކަމުން މުޅި ގައިގައި ކަށި އެޅި، ލޭ ހިލުނެވެ. ޖަންގަލި އަހަރެމެން ހީކުރި ވަރަށްވުރެވެސް ބޮޑެވެ. އޭގެ ކުރިން ދުވަހަކުވެސް އައިސްފައިވާ ހިސާބަކަށްނުވާތީ، އަންނަންޖެހޭ ދުރުމިން ލަފާކޮށްލަން އެކަކަށްވެސް ނޭނގުނީއެވެ.

"އިރުއޮއްސެންވާއިރަށް ވާނެ ކޮންމެހެންވެސް ރަށުތެރެއަށް އެރޭތޯ ބަލަން..." ފާތިނާ ބުންޏެވެ.

އަހަންނާއި މީޒާ އެކަކު އަނެކަކަށް ބަލައިލުމާއިއެކު ދެމީހުންނަށްވެސް ހެވިއްޖެއެވެ.

"އަދި ތިއުޅެނީ ގެވެސް ނުފެނިގެން... އެހާ އަވަހަށް ދާ ވާހަކަ..." އަހަރެން ފާތިނާއާއި ދިމާކޮށްލީމެވެ.

ގަސްތަކުގެ ފަތްތައް ދުރުކުރަމުން ކުރިއަށް ހިނގަމުން ދަނިކޮށް، މީޒާ އަހަރެންގެ ގައިގައި ކޮއްޓައިލިއެވެ. މީޒާ އިޝާރާތްކުރި ދިމާއަށް އަހަރެން ބަލައިލީމެވެ. ހޯދަން އުޅުނު ފަޅުގެ ހުރީ އަހަރެމެންގެ ކުރިމަތީގައެވެ.

ގެ ހުރީ ދެ ފުރާޅަކަށް ވާހެން ހިޔާކޮށްފައެވެ. ހިޔާކޮށްފައި އޮތީ ކޮން އެއްޗަކުން ކަމެއް އެނގޭ ވަރެއް ނުވިއެވެ. ގޭގެ ވަށައިގެން ހެދިފައިވާ ބިޔަ ގަސްތަކުގެ އޮފިތަކުން ފުރާޅުމަތި އޮތީ ބައްދައިލާފައެވެ. ގެ ރާނާފައި ވަނީ ތެޅިގަލުންނާއި ހިރިންނެވެ. ގިނަ ދުވަސްވުމުގެ ސަބަބުން ފާރުތަކުގައި ފެހި ޖަހައި ފެންނަން ހުރީ ވީރާނާގޮތަކަށެވެ. ގޭގެ ދެފަރާތުގައި ހުރި ގަސްތަކުގެ ގިނަ އޮފިތައް ހިކިފައިވާއިރު، އެ ސަރަހައްދުވެސް ވީރާނާވެފައިވާ ކަހަލައެވެ. ބިންމަތީގައިވާ ފަތްތައް ވަނީ ހިކިވެ މުރަނަވެފައެވެ. ގެއަށް ވަދެވެން ހުރީ އެންމެ ދޮރެކެވެ. ދޮރުގެ އެއްފަރާތުގައި ތިން ކުޑަދޮރު ހުއްޓެވެ. ކުޑަދޮރުތައް ހުރީ މަކުނުވަލުން ބެދިފައެވެ. މަތީގައި ދެ ދޮރާއި ތިރީގައި އެއް ދޮރު ހުރުމުން ސިފަކުރެވުނީ ދެލޮލާއި އަނގައެއް ހެންނެވެ.

"އަހަންނަކަށް ލާހިކެއް ނޫން ވަންނާކަށް..." ފާތިނާ ފަހަތަށް ޖެހިލިއެވެ.

ކޮނޑުގައި އަޅުވާފައިވާ ދަބަސް ނަގައި މީޒާގެ އަތަށް ލައިދިނީމެވެ. އޭގެ ތެރެއިން ކުޑަ ބައްތިއަކާއި މާސްކެއް ނެގީމެވެ. ޖެހިލުންވުމުގެ އަސަރެއް ނުދައްކައިވޭތޯ އަހަރެން މަސައްކަތް ކުރީމެވެ. ހަގީގަތަކީވެސް އަހަރެން ބިރު ނުގަންނަކަމެވެ. ފާތިނާ މާ ބިރުން އުޅުމުންވެސް އަހަންނަށް ވީ ބޮޑު ޖޯކަކަށެވެ.

"ތި ދެމީހުން ތިބޭ ވީޑިޔޯކުރަން.. އަހަރެން މި ވަންނަނީ އެތެރެއަށް..." އަހަރެން ހިނގައިގަތީމެވެ.

ނިޔަފަތިގަނޑުގައި ދަތްއަޅާލައިގެން ފާތިނާ ހުއްޓެވެ. ފަހުވަގުތު ހިޔާލު ބަދަލުވެގެން އަހަރެން ހުއްޓުވަން އޭނާ އުޅުނެވެ. އެނބުރި ދިޔުމަށް އެދުނެވެ. އަހަރެން ހުއްޓޭނެ ހެއްޔެވެ؟ އެއަށްވުރެ އަހަންނަކީ އަޒުމު ވަރުގަދަ މީހެކެވެ.

މުރަނަ ފަތްތަކުގެ މަތިން ހިނގަމުން ގޮސް ގެއަށް ވަދެވެން ހުރި ދޮރުމަތީގައި ހުއްޓިލީމެވެ. އާދަޔާ ހިލާފު ފިނިކަމެއް އިހުސާސް ކުރެވިގެން ދިޔައެވެ. ހީވީ ގެއަށް ވަންނަން އަހަންނަށް މަރުހަބާ ކިޔައިލި ހެންނެވެ.

އަހަރެންގެ ފަހަތުން ފޯނުން ވީޑިޔޯ ކުރަމުން މީޒާ އައެވެ. ދޮރާއި ހަމައިން އޭނާ ހުއްޓުނެވެ. ފާތިނާ ހުރީ މީޒާގެ ފަހަތުގައެވެ. އަހަރެން ހައިރާންވީ، ކުޑަދޮރުތައް މަކުނުވަލުން ފުރިފައިވީނަމަވެސް، ގެއަށް ވަންނަ ދޮރުގައި މަކުނުވަލުގެ އަސަރެއްވެސް ނެތުމުންނެވެ. އާއްމުކޮށް މީހުން ވަދެ ނުހަދާނަމަ، މަކުނުވާ ހުންނާނެކަން ގައިމެވެ.

"ބަލާބަލަ... އެއްވެސް މަކުނުވަލެއް މިތާކު ނެތެއްނު... އޭގެ މާނައަކީ، މިތަނަށް މީހުން ވަދެ ނުކުމެ ހަދަނީއޭ..." މީޒާގެ އަތުގައި އޮތް ފޯނުގެ ކެމެރާއަށް ބަލަން ހުރެ އަހަރެން ތަފްސީލު ދިނީމެވެ. "މީން އެނގޭ އެއްޗަކީ، ކޮންމެސް ބަޔަކު މިތަން އެބަ ބޭނުންކުރާކަން..."

"މީޒް... ހަނާ... ހިނގާ ދާން..." ފާތިނާ ގޮވައިލި އަޑު އިވުނެވެ. އަހަރެން އެ އަޑު އިވޭ ކަމަކަށް ނުހަދަމެވެ.

އޯކޭ... މިހާރު މި ވަންނަނީ އެތެރެއަށް..." ފާތިނާއަށް އިވޭ ވަރަށް ބުނެލީމެވެ.

މީޒާގެ އަތުން ފޯނު އަތުލައިގެން އަހަރެން އެތެރެއަށް ވަނީމެވެ. ގޭތެރެ އަނދިރިއެވެ. ކަޅުފޮއެ ރޭގަނޑެއްގެ ކަނު އަނދިރިކަން ފަދައެވެ. ބައްތިއެއް ގެނެވުނުކަން އެއީ ނަސީބެކޭ ހިތަށް އެރިއެވެ. އަހަރެންގެ އެއް އަތުގައި އޮތީ ފޯނެވެ. އަނެއް އަތުގައި ބައްތިއެވެ. ފުރަތަމަ އަލިކޮށްލީ ބިންމައްޗަށެވެ. ތަޅުމެއް ނެތެވެ. އޮތީ ވެލިގަނޑެކެވެ. އެއީ ކަޅުކަންގަދަ ވެއްޔެކެވެ. ބިންގަނޑު ސާފެވެ. ފަތެއްހާ ހިސާބުވެސް ނެތެވެ. ދެން އަލިކޮށްލީ މައްޗަށެވެ. ހައިރާންވެގެން އަހަރެންގެ ދެލޯ ބޮޑުވިއެވެ. ގޭގެ ފުރާޅެއް ނެތެވެ. އެއާއި ހިލާފަށް ފެންނަން އޮތީ ހާމަ އުޑެވެ. ގަހެއްގެ އޮފިގަނޑެއްހާ ހިސާބުވެސް ފެންނާކަށް ނެތެވެ. އަހަރެން އެންމެ ހައިރާންވީ، އުޑުގައި ރަސްކަން ކުރަމުންދިޔަ ހަނދު ފެނުމުންނެވެ. އުޑުމަތި ފުރާލާފައިވީ ތަރިތަކެވެ.

އެހާ އަވަހަށް އިރު އޮއްސުނީ ހެއްޔެވެ؟ އެކަމަކު، އަހަރެން އެގެއަށް ވަންއިރުވެސް އިރެއް ނުއޮއްސެއެވެ. އަހަރެން އިސްކޫލުން ނުކުތީ މެންދުރު ނުވަނީހެވެ. ނުކުތްއިރު އުޑުމަތި އޮތީ ބަނަކޮށެވެ. ކަޅު ވިލާތަކުން އުޑުމަތި އޮތީ ބައްދާލާފައެވެ. ވީއިރު، ތަރިތައް ފެންނަންވީ ކީއްވެ ހެއްޔެވެ؟

ފޯނުން ގަޑި ބަލައިލަން އުޅުނީމެވެ. އިސްކްރީން އޮތީ ކަޅުވެފައެވެ. ފޯނު ނިވުނީ ހެއްޔެވެ؟ އެކަމަކު، އެއީ ދެތިން ދުވަހު ޗާޖު ހިފަހައްޓާ ފޯނެކެވެ. އެގެއަށް އަންނަން ފޯނު ޗާޖުކުރީވެސް އިސްކޫލަށް ދަމުންނެވެ.

ކައިރިން އެއްޗެއް ހިރިލި އަޑު އިވުނެވެ. އެދިމާއަށް ބައްތި އަޅުވައިލީމެވެ. އެއްޗެއް ފެންނާކަށް ނެތެވެ. ގޭގެ ވަށައިގެން އަލިކުރަން ފެށީމެވެ. ހުސްކަމާއި ފަޅުކަން ފިޔަވާ އިތުރު އެއްޗެއް އެ ގޭގެ ތެރޭގައި ނުވެއެވެ. ވަކި ހިސާބަކަށް ދެވުނުތަނާ، ބިންގަނޑު ތިރިއަށް ދާހެން ހީވިއެވެ. އެކަމަކު ބިންމައްޗަށް އަލިކޮށްލުމުން އެއްވެސް ތަފާތުކަމެއް ފާހަގައެއް ނުވިއެވެ.

ކުއްލިއަކަށް ހީވީ، ކޮންމެވެސް މީހަކު އަހަރެންގެ ކަރުގައި ހިފިހެންނެވެ. އެ އިހުސާސް ކުރެވުނީ ކަރުގެ އެތެރެއިންނެވެ. ނޭވާއަށް އުނދަގޫވިއެވެ. އަހަންނަށް އޮތީ ދެގޮތެވެ. ފޯނު ނުވަތަ ބައްތި ދޫކޮށްލުމެވެ. އަހަންނަށް ދޫކޮށްލެވުނީ ފޯނެވެ. ކަރުގައި އަތްލި އިރު، އެއްވެސް އެއްޗެއްގައި އަތެއް ނުޖެހުނެވެ. ތެޅިގަނެވުނު ގޮތަކުން، ކަރަށް ލުއިވިއެވެ. ނޭވާ ލެވެން ފެށިއެވެ. އަހަރެން ތިރިއަށް އަލިކޮށްލީ ފޯނު ހޯދާށެވެ. ކުއްލިއަކަށް ފައިދަށުން ކަޅުކުލައިގެ ދިގު އެއްޗެއް ދިޔަހެން ހީވިއެވެ. ޒާތެއްގެ ބިރުވެރި ހުނުމެއްގެ އަޑު އިވިގެން ދިޔައީ ދެނެވެ.

"ކާކު؟..." އަހަންނަށް ބުނެވުނެވެ.

މުޅި ތަނަށް އަލިކޮށްގެންވެސް އެއްޗެއް ނުފެނުނެވެ. ފޯނަށްވެސް ވީ އެފަދަ ގޮތެކެވެ. ފޯނު އެރީ ހަވަޔަށް ކަމެއް ނޫނީ ބިންފަޅާފައި އަޑިޔަށް ދިޔައީ ނޫންކަމެއްވެސް ނޭނގުނެވެ. އަނެއްކާވެސް ތޫލި އަޑަކުން ހޭންފެށި ކަހަލަ އަޑެއް އިވުނެވެ. އެ އަޑު ބަރުވާން ފެށިއެވެ. ނުރައްކާތެރިކަމުގެ އިންޒާރެއް ދޭފަދައެވެ. ބައެއް ފަހަރު އަހަރެންގެ ކަންފަތް ކައިރިން އަޑު އަންނަހެންވެސް ހީވިއެވެ. ފަހަރަކު ދިމާއަކަށް އަލިކޮށްކޮށް ހުއްޓައި، އަހަރެންގެ ގައިގައި އެއްޗެއް ޖެހުނު ކަމުގެ އިހުސާސް ކުރެވުނެވެ. އެއީ ކެހެރިގަނޑެއްހާ މަޑު އެއްޗެކެވެ. ހިތް ވަސްވާހުން ފުރެން ފެށިއެވެ. ބިރުވެރިކަން އުފެދުނެވެ. ހިތް ތެޅޭވަރުން އޮބިނޯންނަވަރު ވިއެވެ. ދުލަށް އައިހާ ހެޔޮ އެއްޗެއް ކިޔަން އުޅުނީމެވެ. ބިރުން ހުރުމުން އަހަރެންގެ ހަނދާނަށް އައީ ޝަހާދަތުގެ ދެކަލިމަ އެކަންޏެވެ. ސޫރަތެއް ކީއްކުރަން ބިސްމި ކިޔަން އުޅެވެސް ހަނދާނެއް ނުވިއެވެ. އަޑުވެސް ނުކުތީ ކިރިޔާއެވެ.

އަހަރެން ހުރީ ހިރިލަންވެސް ނުކެރިފައެވެ. އިރުއިރުކޮޅުން، ކަންފަތްދަށުގައި ސިއްރުން އެއްޗެއް ބުނެލާހެން ހީވެދާނެއެވެ. އިސްތަށިގަނޑު މައްޗަށް އުފުލޭހެން ހީވެއެވެ. ކަނދުރާގައި ތޫނު ނިޔަފަތި ކަހަލަ އެއްޗަކުން ކޫރު އަޅާހެން ހީވެއެވެ. ކުއްލިއަކަށް ތެޅިގަތީމެވެ. ދެފަޔަށް ލެވުނު ބާރެއް ލާފައި ދުއްވައިގަތީމެވެ. އަނދިރިކަމުން ތަނެއް ދޮރެއް ވަތްކެއް ނުވެއެވެ.

ދޮރު ހުރީ ކޮންތާކު، ކިހާ ހިސާބެއްގައި ކަމެއްވެސް އަހަންނަކަށް ނޭނގުނެވެ. ބައްތިން އަލިކޮށްލާ ކޮންމެ ދިމާއަކުންވެސް ފެންނަމުން ދިޔައީ ބިރުވެރި ގޮތަކަށް ހުރި ފާރެކެވެ. ފާރުތަކުގައި ލޮލާއި އަނގަ ހުރިހެން ހީވިއެވެ. އަހަރެން ކާލަން ތައްޔާރުވެފައިވާ ކަހަލައެވެ.

ނާމާން ކަމާއި ބިރުވެރިކަން ފެށުނެވެ. ފާޑުފާޑުގެ ބިރުވެރި އަޑުތައް އިވެންފެށިއެވެ. އަހަރެންގެ މުޅި ގައިން ދިލަ ނަގަން ފެށިއެވެ. ހީވީ ތޫނު އެއްޗަކުން ގައިގެ ތަންތަން ކަފަން ފެށި ހެންނެވެ. ބައެއް ފަހަރު ވަކިއަޅާހެން ހީވެއެވެ. ގުގުރާ ވިދަން ފެށިއެވެ. ވިދުވަރުގެ އައްޔާއިއެކު، ބިރުވެރި ސޫރައިގައި ތިބޭ އެއްޗެހި ފެންނަން ފެށިއެވެ. ރަތް ދެލޮލުން އެ އެއްޗެހި ތިބެނީ އަހަންނަށް ބަލަހައްޓައިގެންނެވެ. އެއީ ބިރުން ހުރުމުން އަހަންނަށް ހީވާ ގޮތް ހެއްޔެވެ؟ ނޫނީ، މީހުން ބުނާ ފަދައިން ހަމަ އަސްލުގައިވެސް އެއީ ނާމާން ގެއަކީ ހެއްޔެވެ؟ އެއީ ތެދަކަށްވާނަމަ، އަހަންނަށް އެ ގެއިން ސަލާމަތަކުން ނިކުމެވިދާނެ ހެއްޔެވެ؟ އަހަރެންގެ ހަތަރު އުދަރެސް ފެނުޖެހުނެވެ. ގޮތް ހުސްވިއެވެ. ކުރެވޭނެ އެއްވެސް ކަމެއް ނެތެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު