ކުޅިވަރުތަކަށް ހަމަހަމަ ފުރުސަތު ދިނުމަށް ކުރާ މަސައްކަތުގައި ރަނގަޅު ހިސާބަކަށް އާދެވިއްޖެ: ރައީސް

ރައީސުލްޖުމްހޫރިއްޔާ، ޤައުމީ ރާޒުވާ ޓީމާ ބައްދަލުކުރެއްވުން -- ފޮޓޯ/ ރައީސް އޮފީސް

ހުރިހާ ކުޅިވަރަކަަށް ހަމަހަމަ ފުރުސަތު ދިނުމަށް ޓަކައި ސަރުކާރުން ކުރާ މަސައްކަތުގައި ރަނގަޅު ހިސާބަކަށް އާދެވިފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މިހެން ވިދާޅުވީ އއ. އުކުޅަހުގައި މިއަދު ފަށާ ވެސްޓާން އޭޝިއަން ޖޫނިއާ ޗެސް ޗެންޕިއަންޝިޕުގައި ބައިވެރިވުމަށް މާލެއިން ފުރާ ދިވެހި ރާޒުވާ ކުޅުންތެރިންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސުލްޖުމްހޫރިއްޔާ، ޤައުމީ ރާޒުވާ ޓީމާ ބައްދަލުކުރެއްވުން -- ފޮޓޯ/ ރައީސް އޮފީސް

މިއަދުގެ ބައްދަލުކުރެއްވުމުގައި ރައީސް، ދެއްކެވި ވާހަކަފުޅުގައި، އެކި އުމުރުފުރައިގެ މީހުންނަށް ކުޅެވޭ އެކިއެކި ކުޅިވަރުގެ ފުރުސަތުތައް ފަހިކޮށްދީ އެ ކުޅިވަރުތައް ތަރައްޤީ ކުރުމަށް ޓަކައި ހުރިހާ ކުޅިވަރަކަަށް ހަމަހަމަ ފުރުސަތު ދިނުމަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތުގެ ތެރެއިން ގެންގުޅޭ އެއް ސިޔާސަތަކީ ރާއްޖޭގައި ބައިނަލްއަޤުވާމީ ކުޅިވަރު މުބާރާތްތައް ބޭއްވުން ކަމުގައި ވިދާޅުވިއެވެ.

ޤައުމީ ރާޒުވާ ޓީމުގެ ކުޅުންތެރީން -- ފޮޓޯ/ ރައީސް އޮފީސް

އެގޮތުން ރާއްޖޭގައި ބޭރުގެ ކުޅިވަރު މުބާރާތްތައް ބޭއްވުމަކީ ދިވެހި ކުޅުންތެރިންނަށް އޭގެ ފައިދާ ކުރާނެ އަދި ރާއްޖޭގައި އެ ކުޅިވަރެއް ތަރައްޤީ ކުރުމަށް ލިބޭނެ ކުރިއެރުމެއްގެ ގޮތުގައި އެ މަނިކުފާނުގެ ވާހަކަފުޅުގައި ސިފަކުރެއްވިއެވެ.

ވެސްޓާން އޭޝިއަން ޖޫނިއާ ޗެސް ޗެންޕިއަންޝިޕުގައި ނުވަ ޤައުމަކުން އަށް އަހަރާ 18 އަހަރާ ދެމެދުގެ 160 ރާޒުވާ ކުޅުންތެރިން ބައިވެރިވާނެއެވެ.

މި މުބާރާތުގައި ބައިވެރިވުމަށް މާލެއިން 30 ކުއްޖަކު އުކުޅަހަށް ފުރުމަށް ހަމަޖެހިފައިވާއިރު އުކުޅަހުން ވެސް ރާޒުވާކުޅޭ 30 ދިވެހި ކުޅުންތެރިން ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި މޯލްޑިވްސް ޗެސް އެސޯސިއޭޝަންގެ ފަރާތުން ވަނީ މި މުބާރާތުގައި ބޭނުންކުރާ ދިވެހި ޓީމުގެ ޖާޒީއެއް ރައީސަށް ވެދުމަށް އަރުވާފައެވެ.

comment ކޮމެންޓް