ސްކުއިޑް ގޭމް ރިއާލިޓީ ޝޯއެއް، މޮޅުވާ މީހަކަށް 4.56 މިލިއަން ޑޮލަރު

މިދިޔަ އަހަރު ގިނަ ބައެއްގެ ތަރުހީބު ލިބުނު ނެޓްފްލިކްސްގެ ޝޯއެއް ކަމަށްވާ ސްކުއިޑް ގޭމްއާ ގުޅުވައިގެން އުފައްދާ ރިއާލިޓީ ޝޯއެއްގައި ބައިވެރިވާނެ މީހުން ހޯދަން އިއުލާންކޮށްފިއެވެ.

"ސްކުއިޑް ގޭމް: ދަ ޗެލެންޖް"ގެ ނަމުގައި ތައްޔާރު ކުރާ ރިއާލިޓީ ޝޯގައި 456 މީހުން ބައިވެރިކުރަން ހަމަޖެހިފައިވެއެވެ. އެއީ ސްކުއިޑް ގޭމް ޝޯގައިވެސް ބައިވެރިވި މީހުންގެ އަދަދެވެ.

އެ ޗެލެންޖުން މޮޅުވާ މީހަކަށް 4.56 މިލިއަން ޑޮލަރުގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. ނެޓްފްލިކްސްއިން އަންގާރަ ދުވަހު ނެރެފައިވާ ޕްރެސް ރިލީޒްއެއްގައި ވާގޮތުން މި ރިއަލިޓީ ޝޯގައި ދޭ އިނާމު ވެގެން ދާނީ ރިިއާލިޓީ ޝޯއަކުން މިހާތަނަށް ދޭނެ އެންމެ ބޮޑު ފައިސާގެ އިނާމަށެވެ.

އެ ޗެލެންޖުގައި ބައިވެރިވެވޭނީ 21 އަހަރުން މަތީގެ، އިނގިރޭސި ބަހުން ވާހަކަދައްކަން އެނގޭ މީހުންނަށެވެ. އެ ޝޯ ދެމިގެންދާނީ 10 އެޕިސޯޑަށެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ނެޓްފްލިކްސްއިން ރިލީޒްކުރި "ސްކުއިޑް ގޭމް"އަކީ މާލީ ދަތިތަކާ ކުރިމަތިވެފައިވާ 456 މީހަކު ތަފާތު ގޭމްތައް ކުޅެގެން، 36 މިލިއަން ޑޮލަރު ހޯދަން މަސައްކަތް ކުރާ މަންޒަރު ފެނިގެންދާ ސީރީޒްއެކެވެ.

"ސްކުއިޑް ގޭމް"އަކީ ނެޓްފްލިކްސްގެ ތާރީހުގައި ވެސް އެންމެ ކާމިޔާބު ސީރީޒްއެވެ. އެގޮތުން އެ ސީރީޒް ދައްކަން ފެށި ފަހުން، ފުރަތަމަ ހަތަރު ހަފްތާ ތެރޭގައި އެކަނިވެސް 142 މިލިއަނަށް ވުރެ ގިނަ ގޭބިސީން އެ ސީރީޒް ބެލިއެވެ.

ސްކުއިޑް ގޭމްގެ ދެވަނަ ސީޒަނެއް އުފައްދާނެކަން މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި ވަނީ އިއުލާންކޮށްފައެވެ.

comment ކޮމެންޓް