ޕަރުވޭޒް މުޝައްރަފުގެ ސިއްހީ ހާލުކޮޅު ގޯސްވެ ދުބާއިގެ ހޮސްޕިޓަލެއްގައި އެނދުމަތިކޮށްފި

ޕާކިސްތާނުގެ ކުރީގެ އަސްކަރީ ވެރިޔާ އަދި ރައީސް ޖެނެރަލް ޕަރުވޭޒް މުޝައްރަފު

އިސްލާމް އާބާދު (15 ޖޫން 2022): ޕާކިސްތާނުގެ ކުރީގެ ރައީސް ރިޓަޔާޑް ޖެނެރަލް ޕަރުވޭޒް މުޝައްރަފުގެ ސިއްހީ ހާލުކޮޅު ގޯސްވެ ދުބާއިގެ ހޮސްޕިޓަލެއްގައި އޭނާ އެނދުމަތިކޮށްފިއެވެ.

މުޝައްރަފުގެ އާއިލާއިން ހާމަކުރިގޮތުގައި އޭނާއަށް ކުރިމަތިވެފައިވަނީ "އެމީލޮއިޑޮސިސް" ނަމަކަށް ކިޔާ ބައްޔެކެވެ. މިއީ އެމީލޮއިޑް ނަމަކަށް ކިޔާ ޕްރޮޓީންއެއްގެ ސަބަބުން ޖެހޭ ބައްޔެކެވެ. މިބަލި ޖެހުމުން ހަށިގަނޑުގައިވާ މަސްތަކުގެ ޓީޝޫތައް ހަލާކުކޮށްލައެވެ. ނަތީޖާއަކަށްވަނީ ހަށިގަނޑުގެ ގުނަވަންތައް ރަނގަނޅަށް މަސައްކަތް ނުކޮށް ސިއްހީ ގޮތުން ނުރައްކާތެރި ހާލަތަކަށް ދިޔުމެވެ.

މުޝައްރަފަށް ކުރިމަތިވެފައިވަނީ މިބަލީގެ ވަރަށް ސީރިއަސް ހާލަތެއްކަމަށް އޭނާގެ އާއިލާއިން މައުލޫމާތު ދީފައިވެއެއެވެ. މުޝައްރަފުގެ އާއިލާއިން ނެރުނު ބަޔާނެއް ބުނާގޮތުން މުޝައްރަފުގެ ހަށިގަނޑުގެ ބައެއް ގުނަވަންތައް މިހާރު ރަނގަޅަށް މަސައްކަތެއް ނުކުރެއެވެ. އަދި މުޝައްރަފުވަނީ "އެމީލޮއިޑޮސިސް" ބަލީގައި ވަރަށް ނުރައްކާތެރި ހާލަތަކަށް ގޮސްފައެވެ.

އުމުރުން 78 އަހަރުގެ މުޝައްރަފު ޕާކިސްތާނުގެ ވެރިކަމަށް ވަޑައިގެންނެވީ 1999 ވަނަ އަހަރު ޕާކިސްތާނުގެ ބޮޑުވަޒީރުކަމުގައި ހުންނެވި ނަވާޒް ޝަރީފުގެ ވެރިކަން އަސްކަރީ ބަޣާވާތަކުން ވައްޓާލުމަށްފަހުއެވެ. އޭރު މުޝައްރަފު ހުންނެވީ ޕާކިސްތާން ސިފައިންގެ ވެރިޔާ ނުވަތަ އާމީ ޗީފް އޮފް ސްޓާފްސްގެ މަގާމުގައެވެ.

މުޝައްރަފު ހޮސްޕިޓަލުގައި އެނދުމަތިކޮށްފައި

އަސްކަރީ ބަޣާވާތަށްފަހު އިންގިލާބީ ލީޑަރުގެ ގޮތުގައި ދުވަސްކޮޅަކު ހުންނެވިއެވެ. ޕާކިސްތާނުގެ ރައީސަކަށް އޭނާ ވެވަޑައިގަތީ 2001 ވަނައަ ހަރުގެ ޖޫންމަހުގެ ތެރޭގައެވެ.

މުޝައްރަފުގެ ވެރިކަން 2008 ވަނަ އަހަރާ ހަމައަށް ދިގުދެމިގެން ދިޔައެވެ. އޭނާ ވެރިކަން ކުރައްވާފައިވަނީ ދައުލަތުގެ ހުރިހާ މުއައްސަސާއަކަށް ބާރުހިންގަވާ ބާރުގަދަ އަސްކަރީ ވެރިއެއްގެ ގޮތުގައެވެ.

މުޝައްރަފުގެ ވެރިކަން ބަލިކަށިވާގޮތްވީ ޕާކިސްތާނުގެ އޭރުގެ އުއްތަމަ ފަޑިޔާރު އިފްތިޚާރު ޗައުދަރީ މަގާމުން ދުރުކުރެއްވުމުންނެވެ. ދެހާސް ހަތް ވަނަ އަހަރު މުޝައްރަފު މިކަން ކުރެއްވީ ގާނޫނުން ބޭރުންނެވެ. ބާރާއި ނުފޫޒު ބޭނުންކުރައްވައިގެންނެވެ.

މިކަމުގެ ސަބަބުން ޕާކިސްތާނުގައި މުޝައްރަފާ ދެކޮޅަށް ބޮޑެތި މުޒާހަރާތަކެއް ފެށިގެންގޮސް އޭނާގެ އިސްތިއުފާއަށް ގޮވާލާ އަޑުތައް ގަދަވެގެން ދިޔައެވެ. އެއަށްފަހު ދުވަހެއް ދުވަހަކަށް ދިޔައީ މުޝައްރަފުގެ ވެރިކަން ބަލިކަށިވެ އޭނާއަށް ގޮންޖެހުންތައް ކުރިމަތިވަމުންނެވެ.

އެންމެ ފަހުން 2008 ވަނަ އަހަރު އަހަރުގެ އޮގަސްޓް މަހު މުޝައްރަފަށް ޖެހިވަޑައިގަތީ މަގާމުން އިސްތިއުފާ ދެއްވާށެވެ. އެއީ އޭނާ މަގާމުން ދުރުކުރުމުގެ މަސައްކަތް ޕާލަމެންޓްގެ ތެރެއިން ފެށުމުންނެވެ.

ރައީސްކަމުން އިސްތިއުފާ ދެއްވުމަށްފަހު މުޝައްރަފު ޕާކިސްތާން ދޫކުރައްވައި ވަޑައިގެންނެވީ ޔުނައިޓެޑް އަރަބް އިމަރޭޓްސްގެ ދުބާއި އަށެވެ. އެދުވަސްވަރު އާއިލާއާއެކު ދުބާއިގައި މުޝައްރަފު ދިރިއުޅުއްވަމުން ގެންދެވިނަމަވެސް ޕާކިސްތާނުގެ ކޯޓުތަކުގައި އޭނާގެ މައްޗަށް ދިޔައީ އެތައް ޝަރީއަތެއް ހިނގަމުންނެވެ.

އޭގެ ތެރޭގައި ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރެއްކަމަށްވާ ބޭނަޒީރު ބުއްޓޫގެ މަރުގެ ހާދިސާއާއި އެހެން މީހެއްގެ މަރުގެ ހާދިސާގައި މުޝައްރަފުގެ އަތެއްވާކަމަށް ކުރެވޭ ތުހުމަތުތަކާއި އެނޫންވެސް ބައެއް މައްސަލަތަކާ ގުޅިގެންނެވެ. މި ޝަރީއަތްތަކާއެކުވެސް އެދުވަސްވަރު މުޝައްރަފު ގެންދެވީ ޕާކިސްތާނުގެ ވެރިކަން އަލުން ހޯދުމަށް މަސައްކަތް ކުރައްވަމުންނެވެ.

ވެރިކަން ހޯދުމުގެ މަސައްކަތްތަކުގެ ދަށުން 2013 ވަނަ އަހަރު މުޝައްރަފު ޕާކިސްތާނަށް އެނބުރި ވަޑައިގެންނެވިއެވެ. އެއީ އެދުވަސްވަރު ބޭއްވި އިންތިޚާބުގައި ބައިވެރިވެ ވަޑައިގަތުމަށެވެ. ނަމަވެސް ކޯޓުތަކުގައި މުޝައްރަފުގެ މައްޗަށް ކުރިޔަށްދިޔަ ގާނޫނީ މައްސަލަތަކުގެ ސަބަބުން އޭނާއަށް އިންތިޚާބުގައި ބައިވެރިވެވޭގޮތެއް ނުވިއެވެ. އެއީ އޭނާ އިންތިޚާބަށް ކުރިމަތިލުން ކޯޓުން މަނާކުރުމުންނެވެ.

މިއާއެކު ޕާކިސްތާނުން ފުރުން މުޝައްރަފަށް މަނާކުރުމުގެ އަމުރެއް ވެސް އެދުވަސްވަރު ކޯޓުން ނެރުނެވެ. ދެހާސް ސޯޅަ ވަނަ އަހަރު ކޯޓުން އެ އަމުރު އުވާލުމުން މުޝައްރަފު އަލުން ދުބާއިއަށް އެނބުރި ވަޑައިގެން އެތަނުގައި ދިރިއުޅުއްވަން އަލުން ފެއްޓެވިއެވެ. އޭރުއްސުރެ މުޝައްރަފު ދިރިއުޅުއްވަމުން ގެންދަވަނީ ދުބާއިގައެވެ.

ޖެނެރަލް މުޝައްރަފަކީ ސިނގިރެޓާއި ސުއްޓާ ބައްލަވާ ބޭފުޅެކެވެ. އަދި އޭނާ ވަރަށް ގިނައިން ބަނގުރާވެސް ބޭނުންކުރާކަމަށް ރިޕޯޓްތައް ބުނެއެވެ.

comment ކޮމެންޓް