ސިންގަޕޫރުގެ ސަފީރުކަމަށް ތަސްމީނު އައްޔަނު ކުރަން ރުހުން ހޯދަނީ

ތަސްމީން އަލީ--- ފޮޓޯ

ރާއްޖެއިން ސިންގަޕޫރަށް ކަނޑައަޅާ ސަފީރު ކަމަށް ޑީއާރުޕީގެ ކުރީގެ ލީޑަރު ތަސްމީން ޢަލީ އައްޔަނު ކުރަން ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފިއެވެ.

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ތަސްމީނު އެ މަގާމަށް އައްޔަން ކުރުމަށް މަޖިލީހުގެ ރުހުން ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ފޮނުއްވާފައިވާ ސިޓީފުޅު މަޖިލީހަށް އިއްވެވީ އަމީންއާމެވެ.

ރައީސްގެ ސިޓީފުޅުގައި ވަނީ ތަސްމީން އެ މަގާމަށް އައްޔަނު ކުރުމަށް އެމަނިކުފާނު ނިންމަވާފައިވާ ކަމަށެވެ. އަދި މަޖިލީހުން އެކަމާ މެދު ގޮތެއް ނިންމުމަށް ވެސް ރައީސްގެ ސިޓީފުޅުގައިވެއެވެ.

ސިންގަޕޫރަށް ސަފީރަކު އައްޔަން ކުރުމުގެ އިތުރުން މެލޭޝިއާއާއި އިންޑިއާއަށް ރާއްޖެއިން ކަނޑަ އަޅާ ސަފީރުންނަށް ރުހުން ހޯދުމަށް ރައީސް ފޮނުއްވާފައިވާ ސިޓީ އަމީންއާމު ވަނީ އިއްވަވާފައެވެ.

މެލޭޝިއާއަށް ރާއްޖެއިން ކަނޑައަޅާ ސަފީރުގެ މަގާމަށް ޢަލީ ހުސެއިން ހަމަޖެއްސެވުމަށް ރައީސް ނިންމަވާފައިވާ ކަމަށާއި އިންޑިއާއަށް ކަނޑައަޅާ ސަފީރުގެ މަގާމުގައި މިހާރު ހުންނެވި ޙުސެއިން ނިޔާޒުގެ ބަދަލުގައި އެ މަގާމަށް، މިހާރު ސިންގަޕޫރުގެ ސަފީރުގެ މަގާމުގައި ހުންނެވި އިބްރާހީމް ޝަހީބް ހަމަޖެއްސުމަށް ރައީސްގެ ސިޓީގައިވެއެވެ.

މެލޭޝިއާގެ ހައި ކޮމިޝަނަރުގެ ގޮތުގައި ދާދި ފަހަކާ ޖެހެންދެން ހުންނެވީ ތަސްމީންގެ އަނބިކަނބަލުން ވިސާމް ޢަލީއެވެ. ދެހާސް ނަވާރަ ވަނަ އަހަރު އެ މަގާމާ ހަވާލުވެވަޑައިގެންނެވި ވިސާމް މިދިޔަ އޭޕްރިލް މަހު އިސްތިއުފާ ދެއްވި އިރު، އިސްތިއުފާ ދެއްވަން ނިންމެވި ސަބަބެއް ހާމަ ނުކުރައްވައެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުޙައްމަދު ނަޝީދު ވަނީ އެ މައްސަލަތައް ދިރާސާ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުވަން ނިންމަވާފައެވެ.

comment ކޮމެންޓް