ތިމަރަފުށީ ހައުސިން ޔުނިޓުތައް އޮގަސްޓް މަހު ނިމޭނެ: މިނިސްޓަރު

ޕްލޭނިންގް މިނިސްޓަރު މުޙައްމަދު އަސްލަމް ރައްޔިތުންގެ މަޖިލީހުގައި ވާހަކަދައްކަވަނީ--- ފޮޓޯ/ މަޖިލިސް

ތ. ތިމަރަފުށީގައި ހަދަމުންދާ 100 ހައުސިން ޔުނިޓުގެ މަސައްކަތް އޮގަސްޓް މަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް، ހައުސިން މިނިސްޓަރު މުޙައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެއެވެ.

މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ތިމަރަފުށީ ދާއިރާގެ މެންބަރު ޢަބްދުﷲ ރިޔާޒް ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ 2020 ވަނަ އަހަރުގެ ފެބްރުއަރީ 3 ގައި 364 ދުވަހުގެ ތެރޭގައި އެ މަސައްކަތް ކުރުމަށް ބަޔަކާ ހަވާލު ކުރެވުނު ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ އެ މުއްދަތު މި އަހަރުގެ އޮގަސްޓް މަހަށް އިތުރު ކޮށްދިނީ ކޮވިޑާ ގުޅިގެން ދިމާވި އެކިއެކި ދަތިތަކާއެކު މަސައްކަތް ނުކުރެވި ލަސްވުމުން ކަމަށެވެ.

ކަނޑައަޅާފައިވާ މުއްދަތަށް ނިމޭނެ ކަމަށާއި މަސައްކަތުގެ 73 އިންސައްތަ މިހާރު ނިމިފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ. އަދި މަސައްކަތް ނިމޭއިރު ފެނާ، ނަރުދަމާ އަދި ކަރަންޓުގެ މަސައްކަތް ވެސް ނިމޭނެ ކަމަށް ވިދާޅުވިއެވެ.

މި މަޝްރޫގެ ދަށުން އަޅާ ހައުސިން ޔުނިޓްތަކަކީ ތިން ކޮޓަރިއާއި ތިން ފާހަނާ އަދި ސިޓިން ރޫމާއި ލޯންޑްރީގެ އިތުރުން ފްރޮންޓްުޔާޑު ހިމެނޭހެން ޑިޒައިން ކޮށްފައިވާ ހައުސިން ޔުނިޓުތަކެކެވެ.

comment ކޮމެންޓް