އިންޑިއާއިން ގެނައި މުދާ ޝިޕްމަންޓްގައި ހުރީ 15.5 ކިލޯގެ ހަޝިޝް އޮއިލް

ކަސްޓަމްސްއިން މީގެކުރިން އަތުލައިގަތް މަސްތުވާތަކެތި--- ފޮޓޯ/ ކަސްޓަމަސް

މިދިޔަ މަހުގެ 29ވަނަ ދުވަހު އިންޑިއާއިން ގެނައި މުދާ ޝިޕްމަންޓުން އަތުލައިގަތީ 15.5 ކިލޯގެ ހަޝިޝް އޮއިލް ކަމަށް ކަސްޓަމްސްއިން ބުނެފިއެވެ.

އެކަމާ ގުޅިގެން ކަސްޓަމްސްއިން ނެރުނު ބަޔާނެއްގައި ވަނީ އިންޑިއާގެ ޓުޓިކޮރިން އިން ކަނޑުމަގުން ރާއްޖެ ގެނެސްފައިވާ މުދާ ޝިޕްމަންޓެއްގައި ގާނޫނާއި ގަވާއިދާ ޚިލާފު އެއްޗެއް ހުރިކަމަށް ޝައްކު ކުރެވިގެން، މިމަހުގެ ނުވަވަނަ ދުވަހުން 11ވަނަ ދުވަހާ ހަމައަށް ފުލުހުންނާއި ކަސްޓަމްސް ގުޅިގެން ޚާއްސަ އޮޕަރޭޝަނެއް ހިންގާފައިވާނެކަމަށެވެ.

އަދި އެ އޮޕަރޭޝަންގައި މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ ހަޝިޝް އޮއިލްގެ 15.5 ކިލޯ އަތުލައިގަނެވިފައިވާކަމަށް ކަސްޓަމްސްއިން ބުންޏެވެ.

އެ މައްސަލަ ތަހުގީގު ކުރުމަށްޓަކައި އެތަކެތި ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށް ވެސް ކަސްޓަމްސް އިން ބުންޏެވެ.

މިދިޔަ މަހުގެ 30ވަނަ ދުވަހު ވެސް ކަސްޓަމްސްއިން ވަނީ ދިރުވާލައިގެން ރާއްޖެ އެތެރެ ކުރަން އުޅުނު 800 ގްރާމްގެ މަސްތުވާތަކެތި އަތުލައިގެންފައެވެ.

މަސްތުވާތަކެތި ރާއްޖެ އެތެރެ ކުރުން ހުއްޓުވުމަށްޓަކައި ކުރާ މަސައްކަތް އިތުރަށް ހަރުދަނާކޮށް ފުޅާކުރުމަށްޓަކައި މިދިޔަ ޖެނުއަރީ މަހުގައި ވަނީ ސްޕެޝަލް އޮޕަރޭޝަންގެ ޓެކްނިކަލް ޓީމެއް، މާލެއާ ރީޖަނަލް ކަސްޓަމްސްތަކުގައި ހަރަކާތްތެރިވާން ފަށާފައެވެ.

comment ކޮމެންޓް