ވަޒީރުންގެ ކާރުކޮޅުގައި "އިންޑިއާ އައުޓް" ޖެހި މީހާގެ ބަންދަށް ފަސް ދުވަސް

ވަޒީރެއްގެ ކާރުކޮޅުގައި އިންޑިއާ އައުޓް ސްޕްރޭ ކޮށްފައި

މިދިޔަ އާދިއްތަ ދުވަހު ދައުލަތުގެ ތިން ވަޒީރެއްގެ ކާރުކޮޅުގައި "އިންޑިއާ އައުޓް" ސްޕްރޭކުރި މައްސަލައިގައި ހައްޔަރުކުރި މީހާގެ ބަންދަށް މިއަދު ފަސް ދުވަސް ޖަހައިފިއެވެ.

މިކަމާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ވަޒީރުންގެ ކާރުކޮޅުގައި "އިންޑިއާ އައުޓް" ސްޕްރޭ ކުރި މައްސަލައިގައި 30 އަހަރުގެ ދިވެހި ފިރިހެނަކު ރޭ ހައްޔަރުކޮށްފައިވާކަމަށެވެ.

އަދި އޭނާގެ ބަންދާމެދު ގޮތެއް ނިންމަން މިއަދު ކޯޓަށް ހާޒިރުކުރުމުން ބަންދަށް ފަސް ދުވަސް ޖަހާފައިވާކަމަށް ބުންޏެވެ.

ފުލުހުން ބުނީ މިމައްސަލައިގެ ތަހުގީގު އަދިވެސް ކުރިއަށްދާކަމަށެވެ.

ވެލާނާގޭ ޕާކިން ޒޯނުގައި އޮއްވާ ނޫކުލައިގެ ސްޕްރޭއިން 'އިންޑިއާ އައުޓް' ޖަހާފައިވަނީ, އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލްގެ ކާރުކޮޅުގެ އިތުރުން ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަންގެ ކާރުކޮޅުގައެވެ.

އެ ތިން ކާރުގެ އިތުރުން ރައްޔިތުންގެ މަޖިލިސް ކައިރީގައި އޮންނަ ޕާކިން ޒޯނުގައި އޮތް އަމިއްލަ މީހެއްގެ ކާރުގައި މިއަދު ވަނީ "އިންޑިއާ އައުޓް" ޖަހާފައެވެ.

އެ މައްސަލަތައް ތަހުގީގު ކުރަމުން އަންނަނީ މުދަލަށް ގެއްލުން ދިން މައްސަލަތަކެއްގެ ގޮތުގައި ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މާލޭގެ އެކި ގެތަކުގައި ވެސް "އިންޑިއާ އައުޓް" ބެނާތައް ނަގާފައިވެއެވެ. ނަމަވެސް ފުލުހުން ވަނީ ކޯޓް އަމުރެއްގެ ދަށުން އެގެތަކަށް ވަދެ އެ ބެނާތައް ނަގައިފައެވެ.

މީގެއިތުރުން މާލޭގެ އެކި ފާރުތަކުގައި "އިންޑިއާ އައުޓް" ސްޕްރޭކޮށްފައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އާއިލީ ގެކޮޅު, ގ. ކެނެރީގޭ ފާރުގައި ވެސް ދާދި ފަހުން ވަނީ އެ ސްލޯގަން ސްޕްރޭކޮށްފައެވެ.

comment ކޮމެންޓް