ޗައިނާއާއި ރަޝިއާ އެއްގަމު މަގުން ގުޅާލައި ވިޔަފާރީގެ މުއާމަލާތްތައް "މެކުހަށް" ޖަހައިފި

ރަޝިއާއާއި ޗައިނާ އެއްގަމުން ގުޅާލުމަށް ބިނާކުރި ބުރިޖު

ޗައިނާއާއި ރަޝިއާއާ ދެމެދު އިގްތިސާދީ އަދި ވިޔަފާރީގެ ގުޅުންތައް ބަދަހިކުރުމަށްޓަކައި އެދެގައުމު މިހާރުވަނީ ބްރިޖަކުން ގުޅާލައި ބްރިޖާ ގުޅޭގޮތަށް ހައިވޭތަކަކާއި މަގުތަކެއްް ބިނާކޮށްފައެވެ.

މި ބުރިޖު ބިނާކޮށްފައިވަނީ ރަޝިއާގެ އިރުމަތީގެ ރަށެއްކަމަށްވާ ބިލަޔުވިޗިޝިންކް އާއި ޗައިނާގެ އުތުރުގެ ރަށެއްކަމަށްވާ ވިހިހީ އާ ދެމެދުގައެވެ. ރަޝިއާގެ "ސްޕޮޓްނިކް" ނޫސްއެޖެންސީ ބުނާގޮތުން މި ބުރިޖު ރަސްމީކޮށް ހުޅުވާފައިވަނީ ރަޝިއާއާއި ޗައިނާގެ މަސްއޫލުވެރިންގެ ހާޒިރުގައި މިޖޫން މަހުގެ 10ގައެވެ.

މި ބުރިޖަކީ ކުރިންވެސް ބިނާކުރަން މަސައްކަތް ކުރި ބްރިޖެކެވެ. ނަމަވެސް މިކަން އަވަސްވެގެން ދިޔައީ އަދި މިބްރިޖާ ގުޅޭ މަގުތަކާއި ހައިވޭތައް ބިނާކޮށްފައި މިވަނީ ރަޝިއާއިން ޔުކްރޭނާ ދެކޮޅަށް ފެށި ހަނގުރާމައާއެކު ހުޅަނގުގެ ގައުމުތަކުން ރަޝިއާއާ ދެކޮޅަށް އެޅި ދަތިކުރުމުގެ ފިޔަވަޅުތަކާ ގުޅިގެން ރަޝިއާއާއި ޗައިނާގެ އިގްތިސާދީ ގުޅުންތައް ހަރުދަނާކުރުމަށް އެދެގައުމުން ކުރާ މަސައްކަތްތަކުގެ ދަށުންނެވެ.

ޔުކްރެން ހަނގުރާމައާއެކު އެމެރިކާއާއި ޔޫރަޕް ވަނީ ރަޝިއާ އިނދަ ޖައްސާލުމަށްޓަކައި ފުލުފުލުގައި ދަތިކުރުމުގެ އެތައް ހާސް ފިޔަވަޅުތަކެއް އެގައުމާ ދެކޮޅަށް އަޅާފައެވެ. މިކަމުގެ ބޭނުމަކީ ހަނގުރާމަ ހުއްޓާލަން ރަޝިއާއަށް މަޖުބޫރުވާ މިންވަރަށް ރަޝިއާ އިގްތިސާދީ ގޮތުން އިނދަޖައްސާލުން ކަމަށް އެމެރިކާގެ މަސްއޫލުވެރިން ފާޅުގައި ވިދާޅުވެފައިވެއެވެ.

ރަޝިއާއާއި ޗައިނާ އާ ދެމެދު ބިނާކުރި ބުރިޖު

ނަމަވެސް ޔުކްރެއިން ހަނގުރާމައަށް ހަތަރުމަސްވާން ކައިރިވެފައިވާއިރުވެސް ރަޝިއާ އިނދަޖެހިގެން ދިޔަތަނެއް ނުފެނުނެވެ. އަދި ހަނގުރާމަ ހުއްޓާލަން ޖެހޭވަރުގެ އިގްތިސާދީ ދަތިތަކެއްވެސް ރަޝިއާއަށް ކުރިމައްޗެއް ނުވެއެވެ. ނަމަވެސް މީގެ މާނައަކީ އެމެރިކާއާއި ޔޫރަޕްގެ 60 ހާހަށްވުރެ ގިނަ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ބައެއް ދަތިތަކެއް ރަޝިއާއަށް ކުރިމަތިނުވާ ވާހަކައެއް ނޫނެވެ.

ހުޅަނގުގެ ދަތިކުރުމުގެ ފިޔަވަޅުތަކާއެކު ރަޝިއާއިން ޗައިނާއާއެކު ކުރާ އިގްތިސާދީ މުއާމަލާތްތަކާއި ރަޝިއާއިން އިންޑިއާއެކު އަދި ރަޝިއާއިން އީރާނާއެކު ކުރާ ވިޔަފާރީގެ މުއާމަލާތްތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. މި މުއާމަލާތްތަކުގެ ބޮޑުބައެއް ކުރަމުން ގެންދަނީ އެމެރިކާ ޑޮލަރުގެ ބަދަލުގައި އެހަތަރު ގައުމުގެ ފައިސާ މެދުވެރިކޮށް ކަމަށްވާތީ އެ ހަތަރު ގައުމުގެ މެދުގައި ކުރިން ނުއުފެދޭ އިގްތިސާދީ އަދި ވިޔަފާރީގެ ސްޓްރެޓީޖިކް ގުޅުންތަކެއް މިހާރުވަނީ އުފެދިފައެވެ.

ހުޅަނގުގެ ދަތިކުރުމުގެ ފިޔަވަޅުތަކާއެކު ރަޝިއާ އާއި ޗައިނާއާ ދެމެދު ބްރިޖު އަޅައި އެބުރިޖާ ގުޅިފައިވާ ހައިވޭތައް ބިނާކޮށްފައިވާއިރު އެއްގަމު މަގުން އީރާން ހުރަސްކޮށް ރަޝިއާއާއި އިންޑިއާއާ ދެމެދުވެސް ވަނީ އިންޕޯޓްކޮށް އެކްސްޕޯޓް ކުރުމުގެ މަސައްކަތްތައް ދާދިފަހުން ފަށާފައެވެ.

އެއްގަމު މަގުން އީރާނުގެ ބިން ހުރަސްކޮށް ރަޝިއާއާއި ޗައިނާއިން ހުޅުވި އިންޕޯޓްކޮށް އެކްސްޕޯޓް ކުރުމުގެ މި ކޮރިޑޯގައި އަފްޣާނިސްތާނާއި އިރާގު އަދި މެދުތެރޭ އޭޝިއާގެ ގައުމުތައް ލަސްތަކެއް ނުވެ ބައިވެރިވާނެކަމަށް ރިޕޯޓްތައް ބުނެއެވެ. މި ކޮރިޑޯ ހުރަސްކޮށް އިންޑިއާއާއި ޗައިނާއަށް އިތުރަށް ތެޔޮވިއްކޭނެ މަގު އީރާނަށްވެސް ވަނީ ތަނަވަސްވެފައެވެ.

އީރާން ބުނާގޮތުން އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތައް އޮއްވައި މިހާރު އެގައުމުވަނީ ދަތިކުރުމުގެ ފިޔަވަޅުތައް ނެތް ދުވަސްވަރު އެކްސްޕޯޓް ކުރި މިންވަރަށް ތެލާއި ގޭސް އެކްސްޕޯޓް ކުރަންފަށާފައެވެ. އެއީ ތެލަށް ބަލާއިރު ދުވާލެއްގެ 3.5 މިލިޔަން ފީފާގެ ތެލެވެ. މިކަމުގެ ސަބަބުން އެމެރިކާގެ ދަތިކުރުމުގެ ފިޔަޅުތަކުގެ އަސަރު އީރާނަށްވަނީ ކުރިއާ އަޅާބަލާއިރު ކުޑަވެފައެވެ.

އެމެރިކާއާއި ޔޫރަޕުން ރަޝިއާއާ ދެކޮޅަށް އެޅި ފިޔަވަޅުތަކުގެ ފައިދާ ނަގައިގެން ޗައިނާ އާއި އިންޑިއާ ވަނީ ބާޒާރު އަގަށްވުރެ ތަންކޮޅެއް ހެޔޮއަގެއްގައި ރަޝިއާއިން ތެލާއި ގޭސް ކުރިޔަށްވުރެ ގިނައިން އިންޕޯޓް ކުރުުމުގެ މަސައްކަތް ފަށާފައެވެ. ޔޫރަޕުން ރަޝިއާގެ ތެލާދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް އެޅިނަމަވެސް ޔޫރަޕްގެ ގައުމުތައް ގެންދަނީ ފަރުދާގެ އަނެއް ފަރާތުން ރަޝިއާގެ ތެޔޮ ގަންނަމުނެވެ.

ޔޫރަޕްގެ ގައުމުތައް ރަޝިއާގެ ތެޔޮގަންނަނީ ތެޔޮވިއްކުމަށް ދުނިޔޭގެ މާކަނޑުތަކަށް ނުކުންނަ ރަޝިއާގެ ތެޔޮޓޭންކަރު ތަކުންނެވެ. އެޓޭންކަރުތައް ކައިރިއަށް ޔޫރަޕުން ކުދި ބޯޓްތައް ފޮނުވައިގެންނެވެ. އެހެންކަމުން ރަޝިއާއާ ދެކޮޅަށް އެޅި ދަތިކުރުމުގެ ފިޔަވަޅުތަކުން ރަޝިއާއަށް ލިބޭވަރަށް ވުރެ ބޮޑުގެއްލުމެއް އެފިޔަވަޅުތައް އެޅި އެމެރިކާއަށާއި ޔޫރަޕްގެ ގައުމުތަކަށް މިހާރު ލިބޭކަމަށް ރިޕޯޓްތައް ބުނެއެވެ.

އެމެރިކާއާއި ޔޫރަޕަށް މިގެއްލުން ލިބެނީ ދަތިކުރުމުގެ ފިޔަވަޅުތަކާއެކު ތެލުގެ އަގު ބޮޑުވުމާ އަދި ތަކެތީގެ އަގުތައްވެސް ބޮޑުވެ ބައެއް ތަކެތި ލިބުން ދަތިވުމާ އަދި އިންފްލޭޝަން އާދަޔާ ޚިލާފަށް މައްޗަށް ދިޔުމުގެ ސަބަބުންނެވެ. ދަތިކުރުމުގެ ފިޔަވަޅުތަކާ ގުޅިގެން ދަށަށްދިޔަ ރަޝިއާގެ ފައިސާގެ އަގު ހިފެހެއްޓުމަށްޓަކައި ރަޝިއާ ވަނީ އެފައިސާ ބޭނުންކޮށްގެން ޔޫރަޕަށް ގޭސްވިއްކަން ފަށާފައެވެ. މިކަމުގެ ސަބަބުން ރަޝިއާގެ ފައިސާގެ ޑިމާންޑް ބޮޑުވެ އެފައިސާގެ އަގު މިހާރުވަނީ ފާއިތު 14 އަހަރުވެސް މައްޗަށް ނުދާމިންވަރަށް މައްޗަށް ގޮސްފައެވެ.

އަނެއްކޮޅުން ދުނިޔޭގެ މާކަނޑުތަކަށް ނުކުންނަ ރަޝިއާގެ ތެޔޮ ޓޭންކަރުތަކުން ޔޫރަޕްގެ ކުންފުނިތައް ފަރުދާގެ އަނެއް ފަރާތުން ނުވަތަ ކަޅުބާޒާރުގައި ތެޔޮ ގަންނަމުން ދާތީ ރަޝިއާއަށް ލިބޭ ބޭރު ފައިސާ (އެމެރިކާ ޑޮލަރާއި ޔޫރޯވެސް) މިހާރު ވަނީ ހަނގުރާމައިގެ ކުރީގެ ދުވަސްވަރަށްވުރެ އިތުރުވެފައެވެ.

ޔުކްރޭން ހަނގުރާމަ ފެށުނު ފަހުން ތެލާއި ގޭސް ވިއްކައިގެން ރަޝިއާއަށް 98 ބިލިޔަން ޑޮލަރުގެ ނަފާއެއް ލިބިފައިވާ ކަމަށް ހަކަތައިގެ ވިޔަފާރިއާ ބެހޭ ރިޕޯޓްތައް ބުނެއެވެ. ޔުކްރޭން ހަނގުރާމައިގެ ކުރިން ތިން މަސްތެރޭގައި މިވަރުގެ ބޮޑު ފައިދާއެއް ރަޝިއާއަށް ލިބިފައިނުވާކަމަށް އެ ރިޕޯޓްތަކުން ހާމަވެއެވެ.

ރަޝިއާގެ ސްޕޮޓްނިކް ނޫސް އެޖެންސީ ބުނާގޮތުން މިދިޔަ ޖަނަވަރީން ފެށިގެން މިދިޔަ މޭމަހުގެ ނިޔަލަށް ރަޝިއާއާއި ޗައިނާވަނީ 80 ބިލިޔަން ޑޮލަރަށް ވާވަރުގެ ވިޔަފާރީގެ މުއާމަލާތްތައް ހިންގާފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި އެދެގައުމުގެ ދެމެދުގައި ހިންގި ވިޔަފާރީގެ މުއާމަލާތްތަކަށްވުރެ 25.9 އިންސައްތަ އިތުރު މިންވަރެކެވެ.

ގުޅޭ ޓެގު
comment ކޮމެންޓް