ހުޅުމާލޭގައި އަރަބި ބަހުން ކިޔަވައިދޭ ސްކޫލެއް އިމާރަތް ކުރަނީ

ނައިބު ރައީސް ފައިސަލް ނަސީމް --- ފޮޓޯ/ ރައީސް އޮފީސް

ހުޅުމާލޭގައި އަރަބި ބަހުން ކިޔަވައިދޭ ސްކޫލެއްގެ ބިންގާ އަޅައިފިއެވެ.

ކުވައިތުގެ އަލްޖެރީ ހޯލްޑިން ގުރޫޕުން ހުޅުމާލޭގައި އަޅާ އެ ސުކޫލުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ނައިބު ރައީސް ފައިސަލް ނަސީމު ބައިވެރިވެވަޑައިގަތެވެ.

އަޖިއަލް ބައިލިންގުއަލް ސްކޫލަކީ އެންމެ ފަހުގެ ޒަމާނީ ވަސީލަތްތަކާއެކު ކިޔަވައިދެވޭނެ ގޮތަށް ގާއިމްކޮށްގެން، އިނގިރޭސި މީޑިއަމް އާއި އަރަބި މީޑިއަމްއަށް ކިޔަވައިދޭނެ ސްކޫލެކެވެ. އަދި އެ ސްކޫލަކީ ޕްރީސްކޫލުން ފެށިގެން ގްރޭޑް 12އާ ހަމައަށް ކިޔަވައިދޭ ގޮތަށް ހަމަޖައްސާފައިވާ އިންޓަނޭޝަނަލް ސްކޫލެކެވެ.

އަލްޖެރީ ހޯލްޑިން ގުރޫޕުން އެ ސްކޫލު ތަރައްޤީ ކުރާނީ ދެ ފިޔަވައްސަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ ފިޔަވަހީގެ ދަށުން ސްކޫލު ހުޅުވާއިރު ފުރަތަމަ ކިޔައިވައިދޭން ފެށުމަށް ހަމަޖައްސާފައި ވަނީ ޕްރީ ސްކޫލާއި ޕްރައިމަރީ ގްރޭޑްތަކަށެވެ.

މި ރަސްމިއްޔާތު ޝަރަފުވެރި ކުރައްވާ ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި ތަޢުލީމީ ދާއިރާގެ ކުރިއެރުމަށާއި ދަރިވަރުންނަށް އުނގެނުމުގެ ތަޖުރިބާތައް އިތުރުކޮށްދީ، ވަށައިޖެހޭ ފެންވަރުގެ ރަނގަޅު ތަޢުލީމެއް ފޯރުކޮށް ދިިނުމަށްޓަކައި ސަރުކާރުން އަލްޖެރީ ހޯލްޑިން ގުރޫޕާއެކު މިއަދު ކުރިއަށް އެޅީ ވަރަށް މުހިންމު ފިޔަވަޅެއްގެ ގޮތުގައި ފާހަގަކުރެއްވިއެވެ.

ނައިބު ރައީސް ވިދާޅުވީ ކިޔަވައިދޭ ސްކޫލުތަކަކީ ކުދިންނަށް ސަލާމަތްތެރި އަދި ރައްކާތެރި މާހައުލަކަށް ހަދަން ޖެހޭ ކަމަށާއި ސްކޫލާއި އެހެނިހެން ތަންތަނަކީވެސް ކުދިންނަށް އެކަށީގެންވާ ރައްކާތެރި މާހައުލަކަށް ހަދައި ދިނުމަކީ ސަރުކާރާއި ސިޔާސަތުތައް ކަނޑައަޅާފަރާތްތަކާއި ބެލެނިވެރިންނާއި ބަލަދުވެރިންގެ އިތުރުން މުޖުތަމައުގެ ޒިންމާއެއް ކަމަށެވެ.

"އަޅުގަނޑުމެންގެ ދަރިންނަށް ތައުލީމު ދިނުމުގައި ނުރަނގަޅުކަންކަމުގެ ތެރެއަށް ކުދިން ހުށައެޅިގެން ދިޔަ ނުދިނުމާއި ދިރިއުޅުމުގެ ޙައްގުތައް ކަށަވަރުކޮށްދިނުމާއި ހުރިހާ ބާވަތެއްގެ އަނިޔާއިން ކުދިން ސަލާމަތްކުރުމަކީ މުހިންމު ކަމެއް. ހުރިހާ ބާވަތެއްގެ ނުރައްކަލަކުން އަޅުގަނޑުމެންގެ ދަރިން ރައްކާތެރިކުރެވެން އޮތް އެންމެ ރަނގަޅު މަގަކީ އެންމެ ފުރިހަމަގޮތުގައި ކުދީންނަށް ތައުލީމާއި ތަރުބިއްޔަތު ދިނުން،" ނައިބު ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ޞާލިޙުގެ އިސްނެންގެވުމާއި އިރުޝާދުގެ ދަށުން ސަރުކާރުން ތައުލީމީ ދާއިރާއިން ރާއްޖެއާއި ރާއްޖޭން ބޭރުގެ ފަރާތްތަކާއެކު ގުޅުން ބަދަހިކުރުމުގެ މަސައްކަތް ކުރިއަށް ގެންދަވާނެ ކަމުގެ ޔަގީންކަން ފައިސަލް ދެއްވިއެވެ.

މިއަދު ބިންގާ އެޅުނު ސުކޫލުގެ އިތުރުން ހުޅުމާލޭގައި ކިޔަވާ ކުދިންގެ އާބާދީ އިތުރުވަމުންދާ ނިސްބަތަށް ބަލައި އިތުރު ސްކޫލުތައް ތަރައްގީކުރުމުގެ މަސައްކަތް މިހާރު ކުރެވެމުންދާކަން ނައިބު ރައީސް ފާހަގަކުރެއްވިއެވެ.

comment ކޮމެންޓް