ދަރަނި ރީސްޓްރަކްޗާ ކުރިނަމަ ލޯން ދޭން މީހުން ޖެހިލުންވީސް: މިނިސްޓަރު އަމީރު

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު--- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދިވެހިރާއްޖެއިން ދަރަނި ރީސްޓްރަކްޗާ ކުރިނަމަ ބޭރުގެ ފަރާތްތަކުގެ މެދުގައި ރާއްޖެއަށް އޮތް އިތުބާރު ގެއްލި، ލޯން ދޭން ޖެހިލުންވީސް ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު މިއަދު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ ދަރަނި އަދި ދަރަނި މެނޭޖްކުރުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކާ ގުޅޭގޮތުން، މަޝްވަރާ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއިން ވަނީ މިއަދު މިނިސްޓްރީ އޮފް ފިނޭންސް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އަދި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ބޭފުޅުންނާ ބައްދަލުކުރައްވާފައެވެ.

މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު އަމީރު ވިދާޅުވީ ލޯންގެ އިންޓްރެސްޓް ރޭޓް ދަށް ކުރުމަށް މަސައްކަތް ކުރުމާއެކު ދައްކަން ޖެހޭ ލޯންގެ މުއްދަތު ދިގު ކުރުމަށް މަސައްކަތް ކުރިނަމަ ރާއްޖެއަށް ލޯން ދޭ މީހުން ކުރާ އިތުބާރު ގެއްލޭނެ ކަމަށެވެ.

ސަރުކާރުން މިހާތަށް މަސައްކަތް ކޮށްފައިވަނީ ހިނގަމުންދާ މަޝްރޫއުތަކަށް ބުރޫނާރާނެހެން ކަން ފާހަގަ ކުރައްވާ މިނިސްޓަރު ވިދާޅުވީ މަސައްކަތް ކުރަމުންދަނީ މާކެޓް ފްރެންޑްލީ ގޮތަކަށް ދަރަނި މެނޭޖް ކުރުމަށް ކަމަށެވެ.

އަދި އެނޫން ގޮތަކަށް އެކަން ކޮށްފިނަމަ އޭގެ ނޭދެވޭ އަސަރު ޕްރައިވެޓް ސެކްޓަރުތަކަށް ކުރާނެ ކަމަށާ ރާއްޖޭގެ ގިނަ ކަންކަމަށް އަދި ސަރުކާރަށް ވެސް އޭގެ އަސަރު ކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ކޮވިޑް-19 ގެ ހާލަތާ ގުޅިގެން ސަރުކާރުން ނެގި ދަރަނީގެ ސަބަބުން މިއަދު އިގްތިޞާދީ ދުވެލި ރަނގަޅަށް ކުރިއަށް ދާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ޚާއްސަކޮށް ފަތުރުވެރިކަމުގެ ސިނާއަތުގެ ސަބަބުން ގައުމުގެ ހާލަތު ރަނގަޅު ވަމުންދާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

ޑޮލަރުގެ އާމްދަނީ އިތުރުވަމުން ދިއުމާއެކު، ރާއްޖޭގެ ރިޒާވް މި އަހަރު ނިމޭއިރު ހުންނާނީ ރަނގަޅު މިންވަރެއްގައި ހިފެހެއްޓިފައި ކަމަށް މިނިސްޓަރު ވަނީ މީގެ ކުރިން ވެސް ވިދާޅުވެފައެވެ. އަދި ރާއްޖޭގެ ރިޒާވް ހުސްވެ، ޑީފޯލްޓް ވެދާނެ ކަމަށް ދެކެވޭ ވާހަކައަކީ ހަގީގަތާ ޚިލާފުވާހަަކައެއް ކަމަށް ވިދާޅުވިއެވެ. ކުރުމުއްދަތުގައި ދަރަނި ދެއްކުމަށް އެއްވެސް ގޮންޖެހުމެއް ނެތް ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

comment ކޮމެންޓް