ރާއްޖެ އޮތީ ދަރަނި ނެގޭ ހާލަތުގައި، ދަރަނި ނަގައިގެން އިގްތިޞާދަށް އިންވެސްޓް ކުރަންވީ: ފައްޔާޒް

ދަރަނި މެނޭޖްކުރުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކާ ގުޅޭގޮތުން، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއިން ވަނީ މިއަދު މިނިސްޓްރީ އޮފް ފިނޭންސް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އަދި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ބޭފުޅުންނާ ބައްދަލުކުރައްވާފައި--- ފޮޓޯ/ މަޖިލިސް

ދިވެހިރާއްޖެ އޮތީ އަދިވެސް ދަރަނި ނެގޭ ހާލަތުގައި ކަމަށާ އިތުރަށް ދަރަނި ނަގައިގެން އިގްތިޞާދީ ބޮޑެތި ޕްރޮޖެކްޓުތަކަށް އިންވެސްޓު ކުރަން ޖެހޭ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާޢިލް މިއަދު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ ދަރަނި އަދި ދަރަނި މެނޭޖްކުރުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކާ ގުޅޭގޮތުން، މަޝްވަރާ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއިން ވަނީ މިއަދު މިނިސްޓްރީ އޮފް ފިނޭންސް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އަދި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ބޭފުޅުންނާ ބައްދަލުކުރައްވާފައެވެ.

މި ބައްދަލު ކުރެއްވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ފައްޔާޒު ވިދާޅުވީ އަދިވެސް ބޮޑެތި އެކިއެކި މަޝްރޫއުތަކަށް އިންވެސްޓު ކުރުމަށް ދަރަނި ނަގަން ޖެހޭ ކަމަށެވެ. އަދި މި ގައުމުގެ އިގްތިޞާދީ ދުވެލި ހުރީ ކުރިއަށް ކަމަށް ވިދާޅުވިއެވެ.

"ގޮންޖެހުންތަކާ އެކުވެސް އިގްތިޞާދު ދަނީ ރަނގަޅު މިސްރާބެއްގައި ކުރިއަށް." މިނިސްޓަރު ވިދާޅުވިއެވެ.

ކޮވިޑް-19 ގެ ހާލަތާ، ޔޫކްރެއިން ރަޝިޔާ ހަނގުރާމައިގެ ސަބަބުން ގޮންޖެހުންތަކެއް ހުރި ނަމަވެސް މިއަދު އެންމެ ބޮޑު ގޮންޖެހުމަކީ އަސާސެއް ނެތް ގޮތަށް ގައުމު ބަނގުރޫޓު ވަނީ ކަމަށް ބައެއް ބޭފުޅުން ވިދާޅުވުން ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިތިބީ ދަރަނި ނުދެއްކޭ ހާލަތުގައެއް ނޫން. ގޮންޖެހުން އެބަހުރި. އެކަމަށް އިންކާރެއް ނުކުރަން. ގައުމު ބަނގުރޫޓުވާ ކަމަށް ބުނެ ދައްކާ އަސާސެއް ނެތި ވާހަކަތަކުގެ ސަބަބުން އިންވެސްޓަރުން އިންވެސްޓު ކުރަން ފަހަތަށްޖެހޭ." ފައްޔާޒް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ކޮވިޑްގެ ހާލަތުގައި ވިޔަފާރިތައް ހަލަކުވިޔަ ނުދީ، ވަޒީފާތައް ގެއްލުނަ ނުދީ ސަރުކާރުން އެ މައްސަލަތަކަށް ހައްލު ހޯދީ ރަނގަޅު ދަރަނި ނަގައިގެން ކަމަށެވެ.

އިގްތިޞާދުގެ ދުވެލި ރަނގަޅު ކަން ފާހަގަ ކުރައްވާ މިނިސްޓަރު ވިދާޅުވީ 2022 ވަނަ އަހަރުގެ ޖޫން ނުވަޔަކާ ހިސާބަށް އައި އިރު 2019 ގެ ޖޫން ނުވަޔަކާ ހިސާބަށް އައި ފަތުވެރިންގެ އަދަދަށް ވުރެ އިތުރު ކަމަށެވެ. އަދި އެ އަދަދުތަކުގެ ފަރަގު އުޅެނީ ގާތްގަނޑަކަށް 42،000 ގައި ކަމަށް ވެސް ވިދާޅުވިއެވެ. ފަތުރުވެރިކަން ވެސް ހުރީ ރަނގަޅު މިސްރާބަކަށް ކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

"އެއީ ވަރަށް ބޮޑު ކުރިއެރުމެއް. ޗައިނާއިން އެންމެ ޓުއަރިސްޓެއް ވެސް އަދި ނާދޭ. 2019 ވަނަ އަހަރު އެންމެ ގިނަ ޓުއަރިސްޓުން އައީ ޗައިނާއިން. މިދިޔަ މެއި މަހަކީ ރާއްޖެއަށް އެއް މަހުގެ ތެރޭގައި އެންމެ ގިނަ ފަތުރުވެރިން އައި މަސް." ފައްޔާޒް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ޖީޑީޕީއަށް 13 އިންސައްތައިގެ ގްރޯތެއް އައިސްފައިވަނީ ސްޓިމިއުލަސް ޕެކޭޖުގެ ސަބަބުން ކަމަށެވެ. އަދި އެންމެ އުނދަގޫ ހާލަތުގައި ވެސް އަންނަ އަހަރު 7.9 އިންސައްތަ ގްރޯތެއް އަންނާނެ ކަމަށް އަންދާޒާ ކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.

ސަރުކާރާ ހިޔާލު ތަފާތުވެފައިވާ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ފަދަ ބޭފުޅުން އަންނަނީ ރާއްޖޭގެ އިގުތިސާދީ ހާލަތު ގޯސްވެފައިވާ ކަމަށް ތަކުރާރުކޮށް ވިދާޅުވަމުންނެވެ.

މިދިޔަ ހަފުތާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމަށް ރައްދު ދެއްވައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިހް ވަނީ ދަރަނި ނުދެއްކޭ ހާލަތަށް ރާއްޖޭގެ ކަންކަން ނުދާނެ ކަމުގެ ޔަގީންކަން ދެއްވައިފައެވެ.

comment ކޮމެންޓް