އެމެރިކާއާއި ޔޫރަޕުން ޔުކްރޭނަށް ފޮނުވާފައިވާ ގިނަ އަދަދެއްގެ ހަތިޔާރު، ރަޝިއާއިން ހަލާކުކޮށްލައިފި

މޮސްކޯ (13 ޖޫން 2022) : އެމެރިކާއާއި ޔޫރަޕްގެ ގައުމުތަކުން ޔުކްރޭނަށް ފޮނުވާފައިވާ ގިނަ އަދަދެއްގެ ހަތިޔާރު ބަހައްޓާފައިވާ ގުދަނަކަށް ރަޝިއާއިން ވައިގެ ވަރުގަދަ ހަމަލާތަކެއްދީ އެތަކެތި ހަލާކުކޮށްލައިފިއެވެ.

ރަޝިއާގެ ދިފާއީ ވުޒާރާއިން ބުނީ ޔުކްރެއިންގެ ހަނގުރާމައަށް އެމެރިކާއާއި ޔޫރަޕްގެ ގައުމުތަކުން ފޮނުވާފައިވާ ގިނަ އަދަދެއްގެ ހަތިޔާރު އެގައުމުގެ ޓާޕިލް ސަރަހައްދުގެ ގުދަނެއްގައި ހުރިކަމުގެ ޖާސޫސީ މައުލޫމާތު ލިބިގެން ސީދާ އެތަނަށް މިސައިލް ހަމަލާތަކެއްދީ އެ ހަތިޔާރުތައް ހަލާކުކޮށްލާފައިވާނެ ކަމަށެވެ.

ރަޝިއާގެ ދިފާއީ ވުޒާރާ ބުނާގޮތުން ހުޅަނގުގެ ހަތިޔާރުތައް ހަލާކުކޮށްލުމަށް ހަމަލާދިނީ ރަޝިއާގައި އުފައްދާ "ކެލިބާ" މަރުކާގެ ކްރޫޒް މިސައިލް ތަކަކުންނެވެ. "ކެލިބާ" އަކީ ރަޝިއާ އުފައްދާ މިސައިލްތަކުގެ ތެރެއިން އެންމެ އެކިއުރޭޓްކޮށް ހަމަލާދެވޭ އެއްބްރޭންޑެވެ.

ޔުކްރެއިން އިންވެސް މިކަން ދޮގުކޮށްފައެއް ނުވެއެވެ. ރަޝިއާގެ ރައީސް ވްލަޑިމީރު ޕޫޓިން ވިދާޅުވެފައިވާގޮތުގައި ޔުކްރޭންގައި ހިންގާ އަސްކަރީ އޮޕަރޭޝަންގައި ރަޝިއާ ސިފައިންނަށް ކުރިމަތިވާ އެންމެ ބޮޑުގޮންޖެހުމަކީ އެމެރިކާއާއި ނޭޓޯގެ އެހެން ގައުމުތަކުން ޔުކްރޭން ސިފައިންނަށް ހަތިޔާރު ފޯރުކޮށްދިނުމެވެ.

ހުޅަނގުގެ ހަތިޔާރު ބޭނުންކޮށްގެން ޔުކްރެއިން ސިފައިންވަނީ ކިޔޭވް އަށް ވަނުމަށް ރަޝިއާ ސިފައިންކުރި މަސައްކަތް ނާކާމިޔާބުކޮށްލައި ހަނގުރާމައިގެ މިސްރާބު ބަދަލުކުރަން ރަޝިއާއަށް މަޖްބޫރު ކުރުމުގައި ކާމިޔާބު ހޯދާފައެވެ.

ނަމަވެސް މިސްރާބު ބަދަލުކުރުމަށްފަހު ޔުކްރެއިންގެ އިރުމައްޗާއި އަޒޯފް ކަނޑުގެ އައްސޭރިފަށުން ފެށިގެން ޔުކްރެއިންގެ ދެކުނުގެ ކްރައިމިޔާ އާ ހަމައަށް އޮންނަ ކޯސްޓަލް ސްޓްރިޕް އަތްދަށުލުމަށް ރަޝިއާ ކުރިޔަށްގެންދާ ހަނގުރާމަ ވަރަށް ކާމިޔާބެވެ. އެހިސާބަށް ނިސްބަތްވާ ޔުކްރެއިންގެ ދޮންބާސް ސަރަހައްދުގެ ގާތްގަނޑަކަށް 80 އިންސައްތަ މިހާރުވަނީ ރަޝިއާގެ ބާރުގެ ދަށަށްގެނެސްފައެވެ. މީގެތެރޭގައި މަރިއަޕޯލް ސިޓީއާއި އެ ސިޓީގެ ބަނދަރު ހިމެނެއެވެ.

ދޮންބާސް ސަރަޙައްދުގައި ރަޝިޔާގެ ކޮންޓްރޯލްގެ ދަށަށް ނުގޮސް މިހާރު އޮތް ހަމައެކަނި ސިޓީއަކީ ސިއެވެރޯދޮނިއެކްސްއެވެ. އެ ސިޓީގެ ވެސް ބޮޑުބައި އޮތީ ރަޝިއާ ސިފައިންގެ އަތްދަށުގައެވެ. ނަމަވެސް އެ ސިޓީގެ ދިފާއުގައި ޔުކްރެއިން ސިފައިން ގެންދަނީ ވަރަށް ވަރުގަދައަށް ހަނގުރާމަ ކުރަމުންނެވެ. ރަޝިއާ ސިފައިން ވަނީ ޔުކްރެން ސިފައިންނަށް ހުރަސްއެޅުމުގެ ގޮތުން ސިއެވެރޯދޮނިއެކްސްއަށް ދަތުރު ކުރަން އޮންނަ މައި ބުރިޖް ދާދިފަހުން ހަލާކުކޮށްލާފައެވެ.

ސިއެވެރޯދޮނިއެކްސްގެ އަޒޮޓް ކާރުޚާނާ ހުންނަ ސަރަހައްދުގައި ޔުކްރެއިންގެ ސިފައިން ގެންދަނީ ރަޝިޔާ ސިފައިންގެ ކުރިމަތީގައި ވަރަށް ހިއްވަރުކޮށް ރަޝިއާ ސިފައިންގެ ކުރިއެރުން ހުއްޓުވުމަށް ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ. ޔުކްރެއިންގެ ރައީސް ވަނީ ޔުކްރެއިން ސިފައިނަށް ބާރުގަދަ ހަތިޔާރު ފޯރުކޮށްދިނުމަށް އެމެެރިކާއާއި ޔޫރަޕަށް ގޮވާލާފައެވެ.

އަޒޮޓް ކާރުޚާނާގައި ޔުކްރެއިން އާންމުންގެ އެތައް ސަތޭކަ ބަޔަކާ އަދި ގިނަ އަދަދެއްގެ ކުޑަކުދިން ހިމާޔަތް ހޯދައިގެން ތިބިކަމަށްވެއެވެ.

އަސްކަރީ ތަޖުރިބާކާރުން ވިދާޅުވާގޮތުގައި ޔުކްރެއިންގެ އިރުމަތީ ސަރަހައްދުތައް އަތްދަށުލުމުގައި ރަޝިއާ މިހާރުވަނީ ގާތްގަނޑަކަށް 80 އިންސައްތަ ކާމިޔާބުކޮށްފައެވެ. މި ސަރަހައްދުތައް ހިފުމުގައި އެއްގަމުން ހަނގުރާމަކުރުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރި ކަމަށް ވަނީ ރަޝިއާގެ އިސްލާމީ ޖުމްހޫރިއްޔަތެއްކަމަށްވާ ޗެޗްނިޔާގެ ހަނގުރާމަވެރިންނެވެ. ޗެޗްނިއާގެ މުސްލިމް ލަޝްކަރަކީ ރައީސް ވްލަޑިމީރު ޕޫޓިންއަށް ވަފާތެރި ލަޝްކަރެކެވެ.

ރަޝިއާއިން އިއްޔެވަނީ ދޮންބާސް ސަރަހައްދުގައި ރަޝިއާ ސިފައިންނަށް ހަމަލާދޭން އުޅުނު ޔުކްރެއިންގެ ތިން ފައިޓާޖެޓްވެސް ވައްޓާލާފައެވެ. އެމެރިކާއާއި ޔޫރަޕްގެ ގައުމުތަކުން ޔުކްރޭނަށް ހަތިޔާރު ފޮނުވާ ސަޕްލައި ޗެއިންއަށާއި އެ ހަތިޔާރުތައް ގެންނަ އުޅަނދުތަކަށާ އެ ހަތިޔާރުތައް ރައްކާކުރާ ތަންތަނަށް ރަޝިއާ އިން ހަމަލާތައް ދެމުން ގެންދާތާ އެތައް ދުވަހެއް ވެއްޖެއެވެ.

comment ކޮމެންޓް