ހުޅުމާލޭގައި އިތުރު ހަތަރު ސުކޫލެއް އަޅަނީ

ދިރާސީ އާ އަހަރު ފެށުމާ ގުޅިގެން ރެހެންދި ސްކޫލްގައި ބޭއްވި ހާއްސަ އެސެމްބްލީގެ ތެރެއިން: ސަން ފައިލް ފޮޓޯ

ހުލުމާލޭގައި އިތުރު ހަތަރު ސުކޫލެއް އެޅުމުގެ މަސައްކަތް ކުރަމުންދާކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. ޢާއިޝަތު އަލީ މިއަދު ވިދާޅުވެއްޖެއެވެ.

މިއަދުގެ މަޖިލީހުގެ ޖަލްސާގައި މާލެގެ ސުކޫލުތައް އެއްދަންފަޅިއަކަށް ބަދަލުކޮށް ނިމޭނެ އިރަކާ ބެހޭގޮތުން މެދުހެންވޭރު ދާއިރާގެ މެންބަރު ޢަލީ އާޒިމް މިނިސްޓަރާއި ކުރެއްވި ސުވާލަަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ މާލޭގެ ސުކޫލުތައް އެއްދަންފަޅިއަކަށް ބަދަލުކުރުމުގައި ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ޖާގައިގެ ދަތިކަން ކަމަށެވެ. އަދި މި މައްސަލައަށް ހައްލެއް ގެނައުމަށް މަސައްކަތްތަކެއް ފެށިގެން ކުރިއަށްދާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

'އިއްޒުއްދީން ސުކޫލު މިހާރު އެހެރީ އެއްދަންފަޅިއެއްގެ ސުކޫލެއްގެ ގޮތުގައި ގާއިމްކުރެވިފަ. މިހާރު އަޅުގަނޑުމެން މި މަސައްކަތް ކުރަނީ އިތުރު ހަތަރު ސުކޫލެއް ހުޅުމާލޭގައި އެޅުމަށް. އެ ސުކޫލުތައް އިރާދަކުރެއްވިއްޔާ ހުޅުވިގެންދާނީ އެއްދަންފަޅީގެ ސުކޫލުތަކެއްގެ ގޮތުގަ.'' މިނިސްޓަރު ވިދާޅުވިއެވެ.

އެ ސުކޫލުތަކުގެ އަމަލީ މަސައްކަތް މިއަހަރު ފެށިގެންދާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން މަޖީދިއްޔާ ސުކޫލާއި އިސްކަންދަރު ސުކޫލުގެ އިތުރުން އަމީނިއްޔާ ސުކޫލު އެއްދަންފަޅިއަކަށް ބަދަލުކުރުމުގެ ވިސްނުން ހުރިކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

''ސީއެޗްއެޗްއެއްސީގެ އާ އިމާރާތެއްވެސް ހުޅުމާލޭގައި އެޅުމުގެ މަސައްކަތް އެބަކުރަން. ހުޅުމާލެއަށް ބަދަލުކުރެވުނީމަ އަޅުގަނޑުމެންނަށް މާލޭގައި ހުރި ސުކޫލު އެއްދަންފަޅިއަކަށް ބަދަލުކުރުމުގެ ފުރުޞަތު ހުޅުވިގެންދާނެ. އެކަހަލަ ޕްލޭންތަކެއް އެބަ ގެންގުޅެން އަޅުގަނޑުމެން.'' މިނިސްޓަރު ވިދާޅުވިއެވެ.

މިހުރިހާ ޕްލޭންތަކެއް ތަންފީޒު ކުރެވިގެން ދާނީ އެކަންކަމަށް ބަޖެޓް ލިބުމުންކަމަށާއި މިހުރިހާ ކަމެއް ތަންފިޒުވެގެން ދާނެ ދުވަހެއް ކަނޑައެޅިގެން ދަންނަވަން ނޭނގޭކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ރާއްޖެގެ ސުކޫލުތައް އެއްދަންފަޅިއަކަށް ބަދަލުކުރުމަކީ އެމްޑީޕީގެ ސިޔާސަތެކެވެ.

comment ކޮމެންޓް