އެމްޓީޑީއިން 3،000 ފޯމު އީސީއަށް ހުށަހަޅައިފި، ސައްޙަކަން ކަށަވަރު ކުރަނީ

ޑިސެމްބަރ 24، 2018: މޯލްޑިވްސް ތާޑްވޭ ޑިމޮކްރަޓްސް (އެމްޓީޑީ) އުފެއްދުމަށް ބޭއްވި ޖަލްސާގެ ތެރެއިން: ސަން ފައިލް ފޮޓޯ

ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ކުރެވޭ ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބު އިސްވެ 2018 ވަނަ އަހަރު އުފައްދާފައިވާ މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓިކްސް (އެމްޓީޑީ) އިން 3،000 ފޯމު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިފިއެވެ.

އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބު މިއަދު "ސަން" އަށް ވިދާޅުވީ އެމްޓީޑީއިން 3،000 އަށް ވުރެ ގިނަ ފޯމު މިހާރު ހުށަހަޅައިފި ކަމަށެވެ. ނަމަވެސް އެ ފޯމުތަކުގެ ސައްހަކަން އެއްކޮށް ކަށަވަރުކޮށް ނުނިމޭ ކަމަށާއި އެކަމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

"އެއީ ހަމަ ތެދެެއް. މިހާރު 3،000 އަށް ވުރެ ގިނަ ފޯމު ހުށަހަޅައިފި، ދެން އޭގެ ސައްހަކަން ބަލާނީ އީސީ އިން. އެކަން މިހާރު ކުރަމުން ދަނީ. އަދި އެއްކޮށެއް ނުނިމޭ." އޭނާ ވިދާޅުވިއެވެ.

ހަބީބު އިތުރަށް ވިދާޅުވީ ފޯމުތަކުގެ ސައްހަކަން ބަލައި ކަށަވަރުކުރެވުނުހާ އަވަހަކަށް އެކަން އިއުލާނުކުރާނެ ކަމަށެވެ.

އެމްޓީޑީ ހިމެނޭހެން އެމްއާރުއެމް ގެ އިތުރުން ޑީއާރުޕީ ވެސް މެމްބަރުން ހަމަ ނުވާތީ އުވާލުމަށް އީސީއިން ވަނީ ނޯޓިސް ފޮނުވައިފައެވެ.

އޭގެތެރެއިން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އެމްއާރުއެމް އިން ވަނީ 3،000 މެންބަރުން ހަމަކޮށްފައެވެ. އަދި އީސީ އިން މިހާރު ވަނީ އެ ނޯޓިސްގެ މުއްދަތު ހަމަވުމުގެ ކުރިން އެމްއާރުއެމްއަށް 3،000 މެމްބަރުން ހަމަވެއްޖެކަން އެ ޕާޓީއަށް އަންގައިފައެވެ.

comment ކޮމެންޓް