ހަލާކު ކުރަންޖެހޭ އެތައް ހާސްތަނެއް ހުރިކަމަށް ބުނެ އިސްރާއީލުން ހަނގުރާމައިގެ އިންޒާުރު ލުބްނާނަށް

ލުބްނާނާ ދެކޮޅަށް ފަށާ ހަނގުރާމައެއްގައި ހަމަލާދީ ހަލާކުކޮށްލުމަށް އެ ގައުމުގެ އެތައް ހާސްތަނެއް ފާހަގަކޮށްފައިވާކަމަށް ބުނެ ފަލަސްތީނުގެ ބިންތަކަށް ވެރިވެގަނެގެން އުޅޭ އިސްރާއީލުން އިންޒާރު ދީފިއެވެ.

މި އިންޒާރު ދިނީ އިސްރާއީލު ސިފައިންގެ ޗީފް އޮފް ސްޓާފް ޖެނެރަލް އެވިވް ކޮޚާވީއެވެ. އޭނާ ވިދާޅުވިގޮތުގައި ލުބްނާނާ ދެކޮޅަށް ފަށާ ހަނގުރާމައެއްގައި އިސްރާއީލަށް ރައްދު ހަމަލާދެވޭނެކަމަށް ބެލެވޭ ކޮންމެ ތަނަކަށް ހަމަލާދޭނެއެވެ. މީގެތެރޭގައި ހިޒްބުﷲ ޖަމާއަތުގެ ކޮމާންޑް މަރުކަޒުތަކާއި މިސައިލް ނިޒާމުތަކުގެ އިތުރުން ހިޒްބުﷲގެ ހަނގުރާމަވެރިން ތިބޭ ތަންތަނާއި ހަތިޔާރު ރައްކާކޮށްފައިވާ ގުދަންތައް ހިމެނޭކަމަށް އޭނާ ވިދާޅުވިއެވެ.

އިސްރާއީލާ ދެކޮޅަށް ގާކޮޅެއް އެއްލަން އުޅޭ މީހެއް ފެނުނަސް ހަމަލާދޭނެ

ކޮޚާވީ އިތުރަށް ވިދާޅުވިގޮތުގައި އިސްރާއީލާ ދެކޮޅަށް ގާކޮޅެއް އެއްލަން އުޅޭ މީހެއް ފެނުނަސް އެ މީހަކު ހުރިތަނަކަށާ އަދި އެ މީހަކު ހިޔާވަހިކަން ހޯދާތަންތަނަށް އިސްރާއީލުން ހަމަލާދޭނެއެވެ.

ކޮޚާވީ ލުބްނާނަށް މި އިންޒާރު ދެއްވީ އިސްރާއީލާއި ލުބްނާނުގެ ކަނޑުގެ ސަރަހައްދުގައި ސަރަހައްދީ ރޮނގުގެ މިލްކުވެރިކަމުގެ އަރާރުން އުފެދިފައިވާ ތެލާއި ގޭސް ހުރި ތަނަކުން ތެލާއި ގޭސް ނެގުމަށް ޕްލެޓްފޯމެއް އަޅަން އިސްރާއީލު މަސައްކަތްކުރާތީ އެކަން ހުއްޓުވާނެކަމުގެ އިންޒާރު ހިޒްބުﷲ އިން ދިނުމުންނެވެ.

އިސްރާއީލުގެ އަނިޔާވެރިކަމާއި އިސްތިއުމާރާ ދެކޮޅަށް މަސައްކަތްކުރާ ހިޒްބުﷲގެ ވެރިޔާ އައްޝައިޚް ހަސަން ނަސްރުﷲ ވިދާޅުވިގޮތުގައި އިސްރާއީލުން ތެލާއި ގޭސް ފޭރިގަންނަން އުޅެނީ ލުބްނާނުގެ ކަނޑުގެ އިމުގެ ތެރޭގައިވާ ސަރަހައްދަކުންނެވެ.

އިސްރާއީލުގެ ސިފައިންގެ ވެރިޔާ ޖެނެރަލް އެވިވް ކޮޚާވީ

އެސަރަހައްދުގައި ހުރި "ކަރިޝް" ގޭސް ފީލްޑަކީ ލުބްނާނުގެ ކަނޑުގެ އިމުގެތެރޭގައި ހުރިތަނެއްކަމަށާ އެތަނުން ގޭސް ނެގުމަށް އިސްރާއީލުން ކުރާ ކޮންމެ ކަމެއް ހުއްޓުވާނެކަމަށާ އެކަމުގެ ގާބިލުކަން ހިޒްބުﷲގެ ކިބާގައި އެބަހުރިކަމަށް ނަސްރުﷲ ވިދާޅުވިއެވެ.

އިސްރާއީލާއި ލުބްނާނުގެ ކަނޑުގެ އިންވަކިކުރާ ސަރަހައްދުގައި ތެލާއި ގޭހުގެ ބޮޑު ރިޒާވެއް

އިސްރާއީލާއި ލުބްނާނުގެ ކަނޑުގެ އިންވަކިކުރާ ސަރަހައްދުގައި ބޮޑު ރިޒާވެއްގެ ތެލާއި ގޭސް ހުރިކަން ވަނީ ސާވޭތަކުން ކަށަވަރުވެފައެވެ. އިސްރާއީލު ގެންދަނީ އަސްކަރީ ބާރު ބޭނުންކޮށްގެން އެތަނުން ތެލާއި ގޭސް ނެގުމަށް ތައްޔާރުވަމުންނެވެ. ނަމަވެސް ހިޒްބުﷲ އިން ހަމަލާދޭނަމަ މިކަން ނުކުރެވޭނެއެވެ. އެއީ އެއްވެސް ކުންފުންޏަކުން ހަނގުރާމައިގެ ސަރަހައްދެއްގައި މަސައްކަތް ނުކުރާނެތީއެވެ.

ހިޒްބުﷲ އަކީ އިސްރާއީލުގެ ކޮންމެ ތަނަކަށްވެސް ހަމަލާދެވޭވަރުގެ މިސައިލާއި ރޮކެޓްހުރި ޖަމާއަތެކެވެ. އަދި ޖާސޫސީ ޑްރޯންއާއި ގޮވާތަކެއްޗާއެކު ވެއްޓިގަނެގެން ހަމަލާދޭ ޑްރޯންތައް އެޖަމާއަތުގެ އަތުގައި އެބަހުއްޓެވެ. ހިޒްބުﷲ ގެ މިސައިލާއި ރޮކެޓްގެ ސްޓޮކު އެތައް ލައްކައަކަށް އަރާކަމަށް ރިޕޯޓްތައް ބުނެއެވެ. މިތަކެތި ރައްކާކޮށްފައިވަނީ ލުބްނާނުގެ އެކި ސަރަހައްދުތަކުގައި ހަދާފައިވާ ބިންގަރާސްތަކުގައި ކަމަށް ވެއެވެ.

އެއްވެސް ޖަމާއަތަކާ ހަނގުރާމަކޮށްގެން އިސްރާއީލަށް ކާމިޔާބު ލިބިފައެއް ނެތް

ދެހާސް ހަ ވަނަ އަހަރު އިސްރާއީލުން ލުބްނާނާ ދެކޮޅަށް ކުރި ހަނގުރާމައިގާ ހިޒްބުﷲ ވަނީ އިސްރާއީލުގެ ވެރިރަށް ޓެލްއަވީވަށާއި އިސްރާއީލުގެ އެތައް ސިޓީއަކަށް އެތައް ހާސް ރޮކެޓާއި މިސައިލް ހަމަލާތައް ދީފައެވެ. ހިޒްބުﷲ ފޮނުވާ ރޮކެޓް ތަކުގެ ތެރެއިން އިސްރާއީލުގެ މިސައިލް އައްޑަނައިގެ ނިޒާމުތަކުން ހުއްޓުވިފައިވަނީ ގާތްގަނޑަކަށް 60 އިންސައްތަކަމަށް އެދުވަސްވަރުގެ ރިޕޯޓްތައް ބުނެއެވެ.

ދެހާސް ހަވަނަ އަހަރުގެ ހަނގުރާމައިގާ އިސްރާއީލުންވަނީ ލުބްނާނަށް ވަރަށް ވަރުގަދަ ވައިގެ ހަމަލާތަކެއްދީ ބައިރޫތުގެ ދެކުނުގެ ބޮޑުބައަކާއި ދެކުނު ލުބްނާނުގެ އެތައް ވިލެޖެއް ހަލާކުކޮށްލާފައެވެ. ހިޒްބުﷲގެ ރައްދު ހަމަލާތަކުގައި އިސްރާއީލަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ. ހަނގުރާމަ ހިނގިހާ ދުވަސްތަކުގައި އިސްރާއީލުގެ ގިނަ ބަޔަކު އުޅެންޖެހުނީ ބިމުއަޑީގައިވާ ބިންގަރާސްތަކުގައެވެ. އެ ހަނގުރާމައިގާ އިސްރާއީލުގެ ސިނާއީ ސަރަހައްދުތަކުގެ މަސައްކަތްތައްވެސް ހުއްޓުނެވެ. މަދަނީ ވައިގެ ދަތުރުތައްވެސް ހުއްޓުނެވެ.

ދެހާސް ހައެއްގައި އިސްރާއީލުން ލުބްނާނާ ދެކޮޅަށް ފެއްޓީ ހިޒްބުﷲ އިނދަޖައްސާލައި ހިޒްބުﷲގެ ރޮކެޓް ހަމަލާތައް އެއްކޮށް ހުއްޓުވައި ހިޒްބުﷲ ނެތް އާ މެދުއިރުމައްޗަށް އުފަންކުރާނެކަމުގެ ފޮނި ވައުދުތަކާ އެކުއެވެ. ނަމަވެސް ހަނގުރާމަ ހުއްޓާލަން އިސްރާއީލަށް ޖެހުނީ މިއިން އެއްވެސް މަގުސަދެއް ހާސިލު ނުވެއެވެ.

އިސްރާއީލުގެ އަތުގައިހުރި އެމެރިކާގެ ބާރުގަދަ ހަތިޔާރުތަކާއެކުވެސް ހިޒްބުﷲ ބަލިނުކުރެވިއެވެ. އަދި ހިޒްބުﷲގެ ރޮކެޓް ހަމަލާތައް ހުއްޓުވުމުގައި މުޅިން ނާކާމިޔާބުވެގެންނެވެ. ހަނގުރާމަ ހުއްޓާލިއިރުވެސް ހިޒްބުﷲ ދިޔައީ އިސްރާއީލުގެ ސިޓީތަކާއި ފަލަސްތީނުގައި ޔަހޫދީން އާބާދުކޮށްފައިވާ ޔަހޫދީ އަވަށްތަކަށް ރޮކެޓް ހަމަލާތައް ދެމުންނެވެ.

އެމެރިކާއެކޭ އެއްގޮތަށް އިސްރާއީލަކީވެސް ހަމައެކަނި ބޮންއަޅައިގެން ހަނގުރާމަކުރާ ބައެއް

އެމެރިކާއާއި އެއްގޮތަށް އިސްރާއީލަކީވެސް ހަމައެކަނި ބޮންއަޅައިގެން ހަނގުރާމަކުރާ ބައެކެވެ. އެއްގަމުން ނުވަތަ ބިންމަތީގައި ހަނގުރާމަ ކުރަން އިސްރާއީލު އިންތިހާއަށް ބިރުގަނެއެވެ. އެއީ ސިފައިން މަރުވާތީއެވެ. އިސްރާއީލުގެ އާބާދީ ކުޑަވެފައި އާބާދީ މުސްކުޅިވެފައި އާބާދީ އިތުރުވާ ގުރޯތު ރޭޓު މައިނަސްގައި އުޅޭތީ މީހަކު މަރުވުމަކީ އިސްރާއީލަށް ވަރަށް ހައްސާސް ކަމެކެވެ.

ފަލަސްތީނުގެ ޖަމާއަތްތަކާ ދެކޮޅަށް 5 ހަނގުރާމައެއް ފާއިތުވި 16 އަހަރު ތެރޭގައި އިސްރާއީލު ކޮށްފައިވާއިރު މިއިން އެއްވެސް ހަނގުރާމައެއް އިސްރާއީލަށް ކާމިޔާބު ވެފައެއް ނުވެއެވެ. ހަނގުރާމަ ހުއްޓާލަން އިސްރާއީލަށް ޖެހިފައިވަނީ ހަމާސްފަދަ ޖަމާއަތްތައް ބަލިނުކުރެވިއެވެ. އެ ޖަމާއަތްތަކުގެ ރޮކެޓް ހަމަލާތައް ހުއްޓުވުމުގައި ނާކާމިޔާބުވެގެންނެވެ.

ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ހަމާސް ޖަމާއަތުގެ ކޮންޓްރޯލް އޮންނަ ފަލަސްތީނުގެ ޣައްޒާއަށް ވަނުމުގައިވެސް އިސްރާއީލަށް ކާމިޔާބު ނުލިބެނީ މިހެންވެއެވެ. ޣައްޒާއަށްވެސް ބޮންއެޅުން ފިޔަވައި އެހެންކަމެއް އިސްރާއީލަކަށް ނުކުރެވެއެވެ. ޣައްޒާއަށް އެއްގަމުން ވަންނަން އިސްރާއީލު ސިފައިންނަކަށް ނުކެރެއެވެ.

އަފްޣާނިސްތާނުގައި އެމެރިކާ ބަލިވީވެސް ބިންމަތިން ތާލިބާން ހަނގުރާމަވެރިންނާ ކުރިމަތިލާން ނުކެރުމުން

އަފްޣާނިސްތާނުގައި އެމެރިކާ ބަލިވީވެސް ބިންމަތިން ތާލިބާން ހަނގުރާމަވެރިންނާ ކުރިމަތިލާން ނުކުރިގެންނެވެ. ރަޝިއާ ޔުކްރެއިންގައި ކުރާ ހަނގުރާމައިގާވެސް މައިގަނޑު ގޮތެއްގައި ހަމަލާދެނީ ވައިގެ މަގުންނެވެ. ދެން ރޮކެޓާއި މިސައިލުންނެވެ. ބިންމަތީގައި ކުރާ ހަނގުރާމައިގާ ރަޝިއާ ސިފައިންނަށްވެސް ބޮޑެތި ގެއްލުންތަކެއް ދަނީ ލިބެމުންނެވެ.

ހިޒްބުﷲ ގެ ވެރިޔާ އައްޝައިޚް ހަސަން ނަސްރުﷲ

ޔުކްރެއިންގައި ރަޝިއާގެ ހަނގުރާމައިގެ ސްޓްރެޓެޖީ ބަދަލުކުރަން ޖެހުނީވެސް މިހެންވެގެންނެވެ. ޔުކްރެއިންގައި ހަނގުރާމައިގައިވެސް ބިންމަތީގައި ރަޝިއާއަށް މިހާރު ލިބިފައިވާ ކާމިޔާބީތައް ވެސް ލިބިފައިވަނީ ރަޝިއާގެ ޗެޗެނިޔާގެ މުސްލިމު ހަނގުރާމަވެރިން ކުރާ ހަނގުރާމައިގެ ސަބަބުންނެވެ.

އިސްރާއީލަކީ 1980 ގެ އަހަރުތަކުގައި ލުބްނާނުގެ ދެކުނުގެ ބިންތައް ގަދަބާރުން ހިފައިގެން ވެރިވެގަނެގެން އުޅުނު ގައުމެކެވެ. ނަމަވެސް ހިޒްބުﷲ އުފެދުމާއެކު ހިޒްބުﷲގެ ހަނގުރާމަވެރިން ވަނީ ދެކުނު ލުބްނާނުގައި ބިންމަތީގައި ހަނގުރާމަކޮށްގެން 1990ގެ ކުރީކޮޅު އެސަރަހައްދުން އިސްރާއީލު ފައްސާލައި ދެކުނު ލުބްނާނު މިނިވަންކޮށްފައެވެ.

ސޫރިޔާއާއި އިރާގުގައި އައިއެސް ޖަމާއަތުގެ ހަނގުރާމަވެރިން ބަލިކުރުމުގައި އެމެރިކާއަށް ކާމިޔާބު ނުލިބުނީ ބިންމަތީގައި ހަނގުރާމަކުރަން ނުކެރުމުގެ ސަބަބުންނެވެ. އިރާގުގައި އައިއެސް ބަލިކުރީ އެމެރިކާއެއް ނޫނެވެ. އެމެރިކާ ކުރިހާވެސް ކަމަކީ ވައިގެ މަގުން އައިއެސްގެ މަރުކަޒުތަަކަށް ހަމަލާދިނުމެވެ. ބިންމަތީގައި ހަނގުރާމަކުރީ އިރާގު ސިފައިންނާއި އީރާނުގެ އަސްކަރީ މަދަދުލިބޭ އިރާގުގެ ހަޝްދުއްޝަޢަބީ ޖަމާއަތުގެ ހަނގުރާމަވެރިންނެވެ.

ސޫރިއާއާއި އިރާގުގައި އައިއެސް ބަލިކުރީ އެމެރިކާއަކުން ނޫން

ސޫރިޔާގައިވެސް އައިއެސް ބަލިކުރީ އެމެރިކާއަކުން ނޫނެވެ. އެއްކޮޅުން ސޫރިޔާގެ ކުރުދީ ހަނގުރާމަވެރިންނެެވެ. އަނެއްކޮޅުން އީރާނުގެ ރިވޮލިއުޝަނަރީ ގާޑުންނަށް ނިސްބަތްވާ ހަނގުރާމަވެރިންނެވެ.

ބިންމަތީގެ ހަނގުރާމައަށް އިސްރާއީލު ބަލިކަށިމިންވަރާއި އެކަމަށް އިސްރާއީލު ބިރުގަންނަ މިންވަރު ހިޒްބުﷲ އަށާއި ފަލަސްތީނުގެ ޖަމާއަތްތަކަށް ވަރަށް ރަނގަނޅަށް އެނގެއެވެ. ހަމައެކަނި އެމެރިކާގެ މޮޅު ޓެކްނޮލޮޖީ ބޭނުންކޮށްގެން ދޭ ވައިގެ ހަމަލާތަކުން ހަނގުރާމަ ކާމިޔާބު ނުކުރެވޭނެކަން އަފްޣާނިސްތާނާއި ޣައްޒާއާއި އައިއެސް އާ ދެކޮޅަށްކުރާ ހަނގުރާމަތަކުންވަނީ ހާމަވެފައެވެ.

ޔުކްރެެއިންގައިވެސް ބިންމަތީގައި ރަޝިއާއަށް ކާމިޔާބު ހޯދައިދެނީ ޗެޗްނިއާގެ މުސްލިމް ހަނގުރާމަވެރިން

ޔުކްރެއިން ހަނގުރާމައިގާ ބިންމަތިން ރަޝިއާއަށް ކާމިޔާބު ނުވުމަކީވެސް މިކަމުގެ ހެއްކެކެވެ. ރަޝިއާއަކީވެސް ވައިގެ ހަތިޔާރު ހުރިގައުމެކެވެ. ރަޝިއާއަށް ޔުކްރެއިންގައި ބިންމަތީގައި ލިބިފައިވާ ކާމިޔާބީތައް ލިބިފައިވަނީ ރަޝިއާގެ ޗެޗެނިޔާގެ މުސްލިމު ހަނގުރާމަވެރިން ގެ ހިއްވަރުގެ ސަބަބުންނެވެ.

އިސްރާއީލު ސިފައިންގެ ޗީފް އޮފް ސްޓާފް ޖެނެރަލް އެވިވް ކޮޚާވީ ވިދާޅުވިގޮތުގައި އިސްރާއީލު ކިތަންމެ ބާރުގަދަވިޔަސް ހަ ފަރާތުން އިސްރާއީލު ހިސާރު ކުރެވޭގޮތަށް ފަލަސްތީނުގެ ޖަމާއަތްތަކާއި ލުބްނާނުގެ ހިޒްބުﷲ ވަނީ އިސްރާއީލު ވަށާލާފައެވެ. އެހެންކަމުން ހަނގުރާމައެއް ފެށިއްޖެނަމަ ހަ ދިމާއަކުން ހަނގުރާމަ ކުރަން އިސްރާއީލަށް ޖެހޭނެކަން އޭނާވަނީ ފާހަގަކުރައްވާފައެވެ.

ހިޒްބުﷲ އާއި ފަލަސްތީނުގެ ޖަމާއަތްތަކަކީވެސް އަމިއްލައަށް ހަތިޔާރުގެ ޓެކްނޮލޮޖީ ތަރައްގީ ކުރަމުންގެންދާ ޖަމާއަތްތަކެކެވެ. އިސްރާއީލާއި ލުބްނާނުގެ ކަނޑުގެ ސަރަހައްދުގައި ސަރަހައްދީ ރޮނގުގެ މިލްކުވެރިކަމުގެ އަރާރުން އުފެދިފައިވާ "ކަރިޝް" ސަރަހައްދުން ތެލާއި ގޭސް ނެގުމަށް ޕްލެޓް ފޯމެއް ހެދުމަށް މިދިޔަ ހަފްތާގައި އިސްރާއީލުވަނީ ގްރީސްގެ ބޯޓެއް އެސަރަހައްދަށް ފޮނުވާފައެވެ. ނަމަވެސް ހިޒްބުﷲ ގެ އިންޒާރުތަކާ ގުޅިގެން އެބޯޓުވަނީ އެސަރަހައްދުން ދުރަށްގޮސްފައެވެ.

ލުބްނާނުގެ ސަރުކާރުންވަނީ އެއީ ލުބްނާނުގެ ސަރަހައްދެއްކަމާއި އެސަރަހައްދުގައިވާ ތެލާއި ގޭހުގެ މިލްކުވެރިކަން އޮންނާނީ އެ ގައުމަށް ކަމަށާ އެތަކެތި ފޭރިގަތުމުގެ ފުރުސަތު އިސްރާއީލަށް ނުދޭނެކަމަށް ބުނެފައެވެ. އަދި އެސަރަހައްދަށްޓަކައި ހަނގުރާމަކުރަންވެސް ތައްޔާރަށް އޮތްކަން ލުބްނާނުން ވަނީ ހާމަކޮށްފައެވެ.

comment ކޮމެންޓް