ބޮމުގެ ހަމަލާގެ މައްސަލަ ބައްލަވާ ގާޒީންގެ ފޮޓޯ ނޫސްތަކުގައި ނުޖެހުމަށް އެދިއްޖެ

ކްރިމިނަލް ކޯޓު: ބޮމުގެ ހަމަލާ ބައްލަވާ ގާޒީންގެ ފޮޓޯ އާންމު ނުކުރުމަށް ކްރިމިނަލް ކޯޓުން މިއަދު ވަނީ އެދިފަ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިދިޔަ އަހަރުގެ މޭ މަހުގެ ހަ ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓު ހަމަލާގެ ދައުވާ އުފުލާފައިވާ މީހުންގެ މައްސަލަ ބައްލަވާ ބެންޗުގައި ހިމެނިވަޑައިގަންނަވާ ގާޒީންގެ ފޮޓޯ ނޫސްތަކުގައި ޝާއިއު ނުކުރުމަށް ކްރިމިނަލް ކޯޓުން އެދިއްޖެއެވެ.

އެ މައްސަލަ ފަށައިގެން ކްރިމިނަލް ކޯޓުން ބަލަމުން އައީ ތިން ގާޒީން ހިމެނޭ ބެންޗަކުންނެވެ. އެ ބެންޗުގެ ރިޔާސަތުގައި އިންނަވާ ގާޒީ އާދަމް މުހައްމަދު އެ މައްސަލައިން ތަނާޒުލް ވުމުން ދެން ބެންޗުގައި ތިއްބެވީ ގާޒީ ޞަފްވަތު ހަބީބާއި ގާޒީ މުޙައްމަދު މިސްބާހުއެވެ.

ކްރިމިނަލް ކޯޓުން މިއަދު ބުނީ, އެ މައްސަލައިގެ ޒާތާއި ބާވަތުން އަދި އެ މައްސަލަތަކުގައި ކަންހިނގާފައިވާ ގޮތުގެ މައްޗަށް ބަލައި ގާޒީންގެ ސަލަމަތާއި ރައްކާތެރިކަމަށްޓަކައި ބެންޗުގައި ހިމެނިވަޑައިގަންނަވާ ގާޒީންގެ ފޮޓޯ ނޫސްތަކުގައި ޝާއިއު ނުކުރުމަށް އިލްތިމާސްކުރާ ކަމަށެވެ.

އެ މައްސަލައިން ގާޒީ އާދަމް މުހައްމަދު ތަނާޒަލްވީ މިއަދުއެވެ. އެއީ, މަސްލަހަތު ފުށުއަރާކަމަށް ބުނެ އެ މައްސަލައިގެ ދައުވާ ލިބޭ މ. ކުދެހިގެ، އިސްހާގު ގެ ފަރާތުން ފޮނުވި ސިޓީއަކާ ގުޅިގެންނެވެ.

އެ ސިޓީގައި ވަނީ މަސްލަހަތު ފުށުއަރާކަމަށް ބުނެ އެ މައްސަލައިން ގާޒީ އާދަމް މުޙައްމަދު ތަނާޒުލްވެވަޑައިގަތުމަށް އެދިފައެވެ.

ބްލޮގަރު ޔާމީން ރަޝީދު މަރާލި މައްސަލަ ބެއްލެވީ ވެސް ގާޒީ އާދަމް މުޙައްމަދެވެ. އެ މައްސަލައާ ގުޅިގެން އިސްހާގުގެ ދަރިއަކު ގާޒީއަށް އިންޒާރު ދިން މައްސަލައެއް އޮތީ އޭރު ފެންމަތިވެފައެވެ. ޔާމީން ރަޝީދުގެ މަރުގެ މައްސަލައާ ގުޅިގެން އިސްހާގު ނިސްބަތްވާ ކުދެހިގޭ ޙަސަން ޝިފާޒުގެ މައްޗަށް ދައުވާ އުފުލިއެވެ.

ޝިފާޒަކީ އިސްހާގުގެ ދަރީގެ ބޮޑުބޭބެއެވެ.

އެހެންކަމުން އިސްހާގު ފޮނުވި ސިޓީގައި ބުނެފައިވަނީ މިހާރު ކުރިއަށްދާ މައްސަލަ ބައްލަވާ ބެންޗުގައި ގާޒީ އާދަމް މުހައްމަދު އިންނެވުމުން ގާޒީއަށް ޒާތީވުމުގެ ފުރުސަތު އޮތް ކަމަށެވެ.

އިސްހާގު އެދުނު ގޮތަށް ގާޒީ ވަނީ އެ މައްސަލައިން ތަނާޒުލްވެވަޑައިގަތުމަށް ނިންމަވާފައެވެ.

comment ކޮމެންޓް