ކަށިތައް ވަރުގަދަ ކުރަން ބޭނުންވާނަމަ މި ކެއުންތައް ބޭނުންކުރޭ!

ކަށި ވަރުގަދަ ކުރުމަށް ކާންވީ ބައެއް ތަކެތި--

ފުރިހަމަ ސިއްހަތެއްގައި ދެމިހުރުމަށްޓަކައި ހަށިގަނޑުގައިވާ ކަށިތައް ވަރުގަދަކަންމަތީ ބެހެއްޓުމަކީ މުހިންމުކަމެކެވެ. ހަށިގަނޑުގައިވާ ކަށިތައް ބަލިކަށިވުމަކީ ދިރިއުޅުމުގައި ކުރާ މަސައްކަތްތަކަށް ބުރޫ އަރާ ކަމެކެވެ. އެހެންކަމުން ކަށިތައް ވަރުގަދަކަމާއިއެކު ރަނގަޅު ސިއްޙަތެއްގައި ބެހެއްޓުމަށްޓަކައި ފައިދާހުރި ކާނާކެއުމަކީ މުހިންމުކަމެކެވެ.

ސެންޓާ ފޯ ޑިޒީޒް ކޮންޓްރޯލް އިން ބުނެފައިވަނީ އުމުރުން 50 އަހަރުން މަތީގެ އަންހެނުންގެ ތެރެއިން 50 ޕަސެންޓަށް ވުރެ ގިނަ އަންހެނުންގެ ހަށިގަނޑުގެ ހިމެނޭ ކަށިތަކުގެ ތެރެއިން ބޮޑުބައެއް ފީވެފައިވާ ކަމެކެވެ.

ކަށިތައް ބަލިވުމުގެ ސަބަބުން ތަފާތު ގިނަގުނަ މައްސަލަތަކާއި ކުރިމަތިވެއެވެ. އެގޮތުން ހުޅުތަށް ގޭނުމުގެ އިތުރުން ކަށިތައް ބިންދައިގެން ދިޔުމުގެ ފުރުސަތުވެސް ބޮޑުވެގެންދެއެވެ.

ކަށިތަކުގެ ދުޅަހެޔޮކަން ބިނާކޮށް ދެމެހެއްޓުމަށްޓަކައި، ހަށިގަނޑަށް މައިގަނޑު ތިން ވިޓަމިންއެއް ބޭނުންވެއެވެ. އެގޮތުން ނިއުޓްރިޝަންގެ ފައުންޑާ އެމީ ޝަޕީރޯ ބުނެފައިވަނީ ކަށިތައް ވަރުގަދަ ކުރުމަށްޓަކައި ކެލްސިއަމް، ވިޓަމިން ޑީ އަދި މެގްނީޒިއަމް ބޭނުންވާނެ ކަމަށެވެ.

ކެލްސިއަމް

ކަށިތަށް ވަރުގަދަކޮށް ދުޅަހެޔޮކަންމަތީ ދެމެހެއްޓުމަށް ކެލްސިއަމް ބޮޑު ރޯލެއް އަދާކުރެއެވެ. ސަބަބަކީ ކެލްސިއަމްގައި ކަށިތަށް ވަރުގަދަކޮށްދޭ ގިނަ މައުދަންތަކެއް އެކުލެވިގެންވާތީއެެވެ. މީގެ އިތުރުން ކެލްސިއަމް އަކީ މުޅި ބޯން ޑެންސިޓީ އަށް ވަރަށް މުހިންމު ދައުރެއް އަދާކުރާ އެއްޗެކެވެ.

އާންމު ގޮތެއްގައި އިންސާނާގެ ހަށިގަނޑުން އުމުރުން 35 އަހަރަށްފަހު ކެލްސިއަމް މަދުވާން ފަށައެެވެ. އެހެންކަމުން ކަށިތަކަށް ގެއްލުންވެ، ހެލިފެލިވެ އުޅުމަށް ދަތިތަކާއި ކުރިމަތިލާން ޖެހެއެވެ. އެހެންކަމުން އުމުރުން ދުވަސްވާ ވަރަކަށް ކެއުމުގައި ކެލްސިއަމް ހިމެނޭ މާއްދާތައް ބޭނުންކުރުމަކީ މުހިންމުކަމެކެވެ.

ކެލްސިއަމްގެ 99 ޕަސެންޓް އަހަރެމެންގެ ކަށިތަކުގައި ރައްކާކޮށްފައި ހުންނަ އިރު އަނެއް ޕަސެންޓް ރައްކާކޮށްފައި ހުންނަނީ ލޭ އަދި ޕަސްކްލް ޓިޝޫގައެވެ. އުމުރުގެ ގޮތުން ހަށިގަނޑަށް ކެލްސިއަމް ބޭނުންވާ މިންވަރު ބަދަލުވެގެންދެއެވެ. އެގޮތުން އުމުރުން 18 އަހަރާއި 50 އަހަރާ ދެމެދުގެ އަންހެނުންނަށް އެއް ގްރާމް، އަދި 50 އަށް ވުރެ މަތީގެ އަންހެނުންނަށް 1.2 ގްރާމް ބޭނުންވެއެވެ. އެހެންކަމުން، ގަވައިދުން ޑޮކްޓަރަށް ދައްކައިގެން ކެލްސިއަމް ސަޕްލިމެންޓެއް ނަގަން ޖެހޭތޯ އޮޅުންފިލުވުމަކީ މުހިންމުކަމެކެވެ.

ކެލްސިއަމް އިން މުއްސަނދިވެފައިވާ ގިނަ ކާނާތަކެއްް ހިމެނެއެވެ. އެގޮތުން، ކިރު، ޗީޒް، ފަތްޕިލާވެލީގެ ފެހި ތަރުކާރީ، ސަލްމަން އަދި ޔޯގަޓްފަދަ ކެއުންތަށް ހިމެނެއެވެ.

ވިޓަމިން ޑީ

ވިޓަމިން ޑީ އަކީވެސް ކަށިތައް ވަރުގަދަ ކުރުމަށްޓަކައި ނުހަނު ބޭނުންތެރި މާއްދާއެެކެވެ. އެގޮތުން މަޝްހޫރު ނިއުޓިރީޝަނިސްޓެއް ބުނެފައިވަނީ ވިޓަމިން ޑީ3 އާއި ނުލައި ކެލްސިއަމް އެބްޒޯބް ނުކުރެވޭނެ ކަމަށެވެ. އެހެންކަމުން ކަށިތަކުގެ ބާރު ގަދަވުމަށް ބޭނުންވާ މިންވަރަށް ވިޓަމިން ޑީ ލިބުމަކީ މުހިންމު ކަމެކެވެ.

ޤުދުރަތީ ގޮތުން ވިޓަމިން ޑީ ގިނަ އަދަދަކަށް އެކުލެވޭ ކެއުންތަކުގެ ތެރޭގައި ދަޅުގައި ބަންދުކުރި މަސް، ބިހުގެ ގޮބޮޅި، އަދި މިރުސް ހިމެނެއެވެ. ވިޓަމިން ޑީއަށް އަހަރެމެންގެ އެންމެ ރަނގަޅު ވަސީލަތަކީ އިރުގެ އައްޔެވެ. ވިޓަމިން ޑީ ލިބިގަތުމަށް ދުވާލަކު 15 މިނެޓުގެ އިރުގެ އަތްވަށް ނުކުތުމަކީ މުހިންމު ކަމެކެވެ.

މެގްނީޒިއަމް

މެގްނީޒިއަމް ގެ މިންވަރު މަތި މީހުން ކަށިތަކުގެ ޑެންސިޓީ އިތުރުވެފައިވާކަން ވަނީ ހާމަވެފައެވެ. އުމުރުން ދުވަސްވުމުން ކަށިތަކުގެ ދުޅަހެޔޮކަން ރައްކާތެރިކުރުމަށްޓަކައި އެކަށީގެންވާ މިންވަރަކަށް މެގްނީޒިއަމްގެ ލެވެލްތައް ހިފެހެއްޓުމަކީވަރަށް މުހިންމު ކަމެކެވެ.

މެގްނީޒިއަމް އިން މުއްސަނދިވެފައިވާ ކާނާގެ ބާވަތްތަކުގެ ތެރޭގައި ކުކުޅު ބިސް، ސްޕިނެޗް، ކެޝޫ، ބްލެކް ބީންސް، ޕީނަޓް، އަލްމަންޑްސް، ޑާކް ޗޮކްލެޓް ހިމެނެއެވެ.

comment ކޮމެންޓް