އިންޓެލިޖެންސް ކޮމިޓީއެއް އުފައްދަން ލާޒިމުކުރާ ބިލެއް ހުށަހަޅައިފި

މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް--- ފޮޓޯ/ މަޖިލިސް

ނެޝަނަލް އިންޓެލިޖެންސް ކޮމިޓީއެއް ގާއިމްކޮށް އެ ކޮމިޓީ ހިންގުމަށް ލާޒިމް ކުރާ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

މަޑުއްވަރީ ދާއިރާގެ އިދިކޮޅު ޕީއެންސީގެ މެންބަރު އާދަމް ޝަރީފް ހުށަހަޅުއްވާފައިވާ، 'ދިވެހިރާއްޖޭގެ ގައުމީ ސަލާމަތާބެހޭ ބިލު'ގައި ބުނެފައިވަނީ ނެޝަނަލް އިންޓެލިޖެންސް ކޮމިޓީއެއް އުފައްދައި އެ ކޮމެޓީގައި އެންމެ އިސްކޮށް ހުންނަވަން ޖެހޭނީ ރައީސުލްޖުމްހޫރިއްޔާ ކަމަށެވެ. އަދި ކޮމިޓީ ކުރިއަށް ދާގޮތް ވިލަރެސް ކުރާނީ ރައީސް އޮފީހުން ކަމަށް ވެސް ބުނެފައިވެއެވެ.

އެ ބިލުގައިވާ ގޮތުން ކޮމިޓީގައި ސިފައިން، ފުލުހުން، ކަސްޓަމްސް، އިމިގްރޭޝަން އަދި ނެޝެނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރުގެ އިތުރުން ވެސް ބައެއް އިދާރާތަކުގެ ބޭފުޅުން ތިއްބަވަން ވާނެއެވެ.

ކޮމިޓީގައި ތިއްބަވާނެ މެންބަރުން ކަނޑައަޅާނީ އެ އިދާރާއެއްގެ އިސްވެރިންނެވެ. އަދި އެ މެންބަރުންނަކީ އިތުބާރު ކުރެވޭ، ތަނުގެ ސީނިއާ މުވައްޒަފުންނަށް ވާންޖެހޭނެ ކަމަށް ވަނީ ބުނެފައެވެ.

އިންޓެލިޖެންސް ކޮމިޓީގެ މައިގަނޑު ޒިންމާއަކީ ކޮމިޓީގައި ހިމެނޭ މުއައްސަސާތަކުން ލިބޭ ގައުމީ ސަލާމަތާ ގުޅުންހުރި ކަންކަމުގެ މައުލޫމާތު އެއްކުރުމެވެ. އަދި އެ މައްސަލަތައް ދިރާސާ ކޮށް ރިޕޯޓެއް ހަދަންވާނެ ކަމަށް ވެސް ގާނޫނުގައި ބުނެއެވެ.

ނެޝެނަލް އިންޓެލިޖެންސް ކޮމިޓީއެއްގެ އިތުރުން ދިވެހިރާއްޖޭގެ ގައުމީ ސަލާމަތާ ބެހޭ ކައުންސިލެއް އުފެއްދުމަށް ވެސް އެ ބިލުން ލާޒިމް ކުރެއެވެ. އެ ކައުންސިލަކީ ގައުމީ ސަލާމަތާބެހޭ ސިޔާސަތުތައް އެކުލަވައި، އެ ސިޔާސަތުތައް ތަންފީޒުކުރަމުންދާ ގޮތް ބަލައި އެކަމާ ގުޅޭ ލަފާ ރައީސަށް އަރުވަން ޖެހޭ ކައުންސިލެކެވެ.

އެ ސިޔާސަތުތައް ތަންފީޒުކުރަމުން ދާ ގޮތް މޮނިޓާ ކޮށް އެކަމުގައި ބޭނުންވާ ލަފާ ވެސް އަރުވާނީ ގައުމީ ސަލާމަތާ ބެހޭ ކައުންސިލުންނެވެ.

މި ބިލް ހުށަހެޅުމުގެ ބޭނުމަކީ އިންޓެލިޖެންސް ކޮމިޓީ އުފައްދާ، ކައުންސިލެއް ގާއިމްކޮށް ގައުމީ ސަލާމަތަށް ނުރައްކާވާ ހާލަތްތަކުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް އެކަމާ ގުޅޭ ކަންކަން ވަކިން ގާނޫނެއްގައި ބަޔާން ކުރުން ކަމަށް މެންބަރު ޝަރީފް ވިދާޅުވިއެވެ.

comment ކޮމެންޓް