ހައެއް މޭގެ ހަމަލާ ބައްލަވާ ގާޒީންގެ ބެންޗުން އާދަމް މުޙައްމަދު ތަނާޒުލްވެއްޖެ

ކްރިމިނަލް ކޯޓު -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

މިދިޔަ އަހަރުގެ މޭ މަހުގެ ހަ ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓު ހަމަލާގެ ދައުވާ އުފުލާފައިވާ މީހުންގެ މައްސަލަ ބައްލަވާ ގާޒީންގެ ބެންޗުން އާދަމް މުޙައްމަދު ތަނާޒުލް ވެއްޖެއެވެ.

ކްރިމިނަލް ކޯޓުގައި އެ މައްސަލަ ބައްލަވަނީ ތިން ގާޒީންގެ ބެންޗަކުންނެވެ. ރިޔާސަތުގައި އިންނަވަނީ ގާޒީ އާދަމް މުޙައްމަދެވެ. ދެން ބެންޗުގައި ތިއްބަވަނީ ގާޒީ ސޮފްވަތު ހަބީބާއި ގާޒީ މުޙައްމަދު މިސްބާހުއެވެ.

އެ މައްސަލައިގައި މިއަދު އޮތީ މއ. ފޭރުގޭ މުޖާޒް އަހުމަދާއި ގއ. ކޮނޑޭ، ފޮޅޭމާ، ތަހުމީން އަޙުމަދާއި، ނ. މަނަދޫ، ނޫރީގެ ޢަލީ ހައިޝަމްއާއި، އއ. މާޅޮސް، އަސަރީގެ، މުޙައްމަދު ނާޒިމާއި، ގއ. ވިލިނގިލި، ހުދުރުވާގެ ފަހުމީ ޢަލީއާއި, މ. ކުދެހިގެ، އިސްހާގުގެ ބައެވެ.

ޝަރީއަތުގެ މަޖިލިސް ފައްޓަވައިދެއްވުމަށްފަހު ރިޔާސަތުގައި އިންނެވި ގާޒީ އާދަމް މުޙައްމަދު ވަނީ, އެ މައްސަލައިގައި ހިމެނޭ އިސްހާގުގެ ފަރާތުން އެ ކޯޓަށް ސިޓީއެއް ފޮނުވާފައިވާކަން ފާހަގަކުރައްވާފައެވެ.

އެ ސިޓީގައި ވަނީ މަސްލަހަތު ފުށުއަރާކަމަށް ބުނެ އެ މައްސަލައިން ގާޒީ އާދަމް މުޙައްމަދު ތަނާޒުލްވެވަޑައިގަތުމަށް އެދިފައެވެ.

ބްލޮގަރު ޔާމީން ރަޝީދު މަރާލި މައްސަލަ ބެއްލެވީ ވެސް ގާޒީ އާދަމް މުޙައްމަދެވެ. އެ މައްސަލައާ ގުޅިގެން އިސްހާގުގެ ދަރިއަކު ގާޒީއަށް އިންޒާރު ދިން މައްސަލައެއް އޮތީ އޭރު ފެންމަތިވެފައެވެ. ޔާމީން ރަޝީދުގެ މަރުގެ މައްސަލައާ ގުޅިގެން އިސްހާގު ނިސްބަތްވާ ކުދެހިގޭ ޙަސަން ޝިފާޒުގެ މައްޗަށް ދައުވާ އުފުލިއެވެ.

ޝިފާޒަކީ އިސްހާގުގެ ދަރީގެ ބޮޑުބޭބެއެވެ.

އެހެންކަމުން އިސްހާގު ފޮނުވި ސިޓީގައި ބުނެފައިވަނީ މިހާރު ކުރިއަށްދާ މައްސަލަ ބައްލަވާ ބެންޗުގައި ގާޒީ އާދަމް މުހައްމަދު އިންނެވުމުން ގާޒީއަށް ޒާތީވުމުގެ ފުރުސަތު އޮތް ކަމަށެވެ.

އިސްހާގު އެދުނު ގޮތަށް ގާޒީ ވަނީ އެ މައްސަލައިން ތަނާޒުލްވެވަޑައިގަތުމަށް ނިންމަވާފައެވެ.

އެއާއެކު މިއަދުގެ އަޑުއެހުން ވަނީ ނިންމާލާފައެވެ. ދެން އެ މައްސަލަ ފަށާނީ އަލުން ބެންޗު އެކުލަވާލުމަށްފަހުގައެވެ.

comment ކޮމެންޓް