ރާއްޖޭގެ އެކި ސަރަހައްދުތަކަށް އަމާޒުކޮށް މަތީ ތައުލީމާއި ތަމްރީނު ދޭ މަރުކަޒުތައް ބިނާކޮށް ހިންގުމަށް މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަނުން ކުރިއަށްގެންދާ މަޝްރޫއުތަކުގެ ތެރެއިން ހއ. ދިއްދޫގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވާ ޖޫނިއާ ކޮލެޖުގެ މަސައްކަތް ޕްރޮޖެކްޓް ސައިޓް ކޮންޓްރެކްޓަރާ ރަސްމީކޮށް ހަވާލުކޮށްފިއެވެ.
މިކަމަށްޓަކައި ދިއްދޫ ކައުންސިލް އިދާރާގައި ބޭއްވި ބައްދަލުވުމެއްގަައި، މިނިސްޓްރީގެ ޕްރޮޖެކްޓް މެނޭޖަރާއި ކޮންޓްރެކްޓަރު އަދި ރަށު ކައުންސިލްގެ މެމްބަރުންނާއި ސްޓާފުން ވަނީ ބައިވެރިވެފައެވެ.
މި މިސައްކަތް ހަވާލު ކޮށްފައިވަނީ 'ވީ އަވާ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް'އާއެވެ.
ދިއްދޫގައި ބިނާކުރާ މި ކޮލެޖް ޚާއްޞަ ކޮށްފައިވަނީ ފުޑް ޕްރޮސެސިން އަދި ޓެކްނޮލޮޖީ ދާއިރާގެ އެކި ލެވެލްތަކުގެ ކޯސްތަށް ހިންގުމަށެވެ. އެހެންނަމަވެސް ތަފާތު އެހެނިހެން ދާއިރާތަކުން ވޮކޭޝަނަލް ކޯސްތައް ވެސް މި އިންސްޓިޓިއުޓުގައި ހިންގުމަށް މަގުފަހިވާނެ ކަމަށް ހަޔާ އެޑިއުކޭޝަނުން މައުލޫމާތުދިނެވެ.
ޖޫނިއާ ކޮލެޖް ޢިމާރާތް ކުރުމަށް ހަމަޖެހިފައިވަނީ ދިއްދޫގެ ހިއްކި ސަރަޙައްދުގެ 30،000 އަކަފޫޓްގެ ޖާގައިގައެވެ.
މި މަޝްރޫއުގެ މިހާރު ކުރިއަށްދާ ފިޔަވަހީގައި ކުރާނީ ކިޔަވައިދޭން ޚާއްޞަ ބްލޮކެއް އެޅުމުގެ މަސައްކަތް އެކަންޏެވެ. ނަމަވެސް އެތަނުގައި އެކޮމަޑޭޝަން ބްލޮކެއް އެޅުމުގެ މަސައްކަތް މަޝްރޫއުގެ ދެވަނަ ފިޔަވަހީގައި ކުރާނެއެވެ.
މި ޖޫނިއާ ކޮލެޖުގައި ފުޑް ޕްރޮސެސިން ލެބަކާއި، ފުޑް ޓެސްޓިން ލެބަކާއި، މަލްޓި-ޕާޕަސް ވޯކްޝޮޕެއްގެ އިތުރުން އަށް ކްލާސް ރޫމާއި އައިސީޓީ ލެބޯޓަރީއެއް ހުންނާނެއެވެ.
މީގެ އިތުރުން އިދާރީ ޚިދުމަތްތަކަށް ޚާއްޞަ އޭރިއާއަކާއި ސްޓާފް ރޫމަކާއި ދަރިވަރުންގެ ޚިދުމަތްތަކަށް ޚާއްޞަ އޭރިއާގެ އިތުރުން އޮޑިޓޯރިއަމަކާއި މީޓިން ރޫމްތަކާއި ސްޓަޑީ ރޫމްތަކާއި ލައިބްރަރީ ވެސް މި ކޮލެޖުގައި ހުންނާނެއެވެ.
މީގެ އިތުރުން ވެސް، މި އިމާރާތުގައި ދަރިވަރުންގެ ސިއްހީ ދުޅަހެޔޮކަމަށް އެކި ކަހަލަ ކުޅިވަރުކުޅެވޭނެ އެކްޓިވިޓީ ސެންޓަރަކާއެކު ޖިމެއް ހުރުމާއެކު އަސާސީ ޚިދުމަތްތައް (ނަމާދުކުރާނެ ތަނަކާއި ފާޚާނާއާއި ލިފްޓް ފަދަ ކަންކަން) ހިމެނިފައިވާނެއެވެ.
މި މަސައްކަތް ނިންމުމަށް ކޮންޓްރެކްޓަރާ ހަވާލު ކޮށްފައިވަނީ 300 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.
ދިއްދޫގައި ޖޫނިއާ ކޮލެޖެއް އެޅުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙާއްމަދު ޞާލިޙްގެ ރިޔާސީ ވައުދުފުޅެކެވެ.
ހަޔާ އެޑިއުކޭޝަން މިނިސްޓްރު ޑރ. އިބްރާހީމް ޙަސަން މިދިޔަ އަހަރު ވިދާޅުވެފައި ވަނީ، ދިއްދޫ ޖޫނިއާ ކޮލެޖްގެ ކިޔެވުން، މި އަހަރުގެ ފަހުކޮޅު ފެށޭނެ ކަމަށެވެ.