އެމްއެސް ޝޯޓް މޫވީ ޗެލެންޖުގެ އެއްވަނައަށް "އިޚްތިޔާރު"

"އެމްއެސް ޝޯޓް މޫވީ ޗެލެންޖު"ގެ 9 ފިލްމުގެ ފޯސްޓަރެއް -- ފޮޓޯ/ މީޑިޔާނެޓް

މީޑިއާނެޓުން ބޭއްވި "އެމްއެސް ޝޯޓް މޫވީ ޗެލެންޖް"ގެ އެއްވަނައަށް "އިޚްތިޔާރު" ކުރު ފިލްމު ހޮވިއްޖެއެވެ.

އެމްއެސް ޝޯޓް މޫވީ ޗެލެންޖްގެ ނަތީޖާ ފާޅުކޮށް ވަނަތައް ހާސިލްކުރި ފަރާތްތަކަށް ފައިސާގެ އިނާމު ހަވާލުކުރުން އޮތީ އިއްޔެ ޗަމްޕާ ސެންޓްރަލް ހޮޓަލުގައެވެ.

އެ ޗެލެންޖުގެ ދެވަނަ ލިބިފައި ވަނީ ފިލްމު "ހިމިތި"އަށެވެ. އަދި ތިންވަނަ ލިބުނީ "ދަ ލެޓާ"އަށެވެ.

ފިލްމު އުފެއްދުމުގެ މަސައްކަތްކުރުމަށް ބޭނުންވާ ޒުވާން ފަންނާނުން ފިލްމީ ދާއިރާއަށް ނެރެ ބާރުވެެރިކުރުމަށް މީޑިއާނެޓުން ބޭއްވި އެ މުބާރާތުން އެއްވަނައަށް ދިޔަ ފިލްމަށް އެއްލައްކަ ރުފިޔާ، ދެވަނައަށް ދިޔަ ފިލްމަށް 50،000 ރުފިޔާ އަދި ތިންވަނައަށް ދިޔަ ފިލްމަށް 30،000 ރުފިޔާ މީޑިއާނެޓުން ދީފައިވެއެވެ.

އެ ވަނަތައް ހާސިލްކުރި ފަރާތްތަކަށް ފައިސާގެ ޗެކް ހަވާލުކޮށްދެއްވީ މީޑިއާނެޓްގެ ހެޑް އޮފް މާކެޓިން ޒިހުނީ ރަޝީދެވެ.

''އެމްއެސް ޝޯޓް މޫވީ ޗެލެންޖް''ގައި ނުވަ ފިލްމު ބައިވެރިކޮށްފައިވެއެވެ. އެ ފިލްމުތަކަކީ:-

"އިޚްތިޔާރު" - ލޯރ
"ހިމިތި" - އިސްމާޢީލް އާސިފް
"ދަ ލެޓާ" - އަލީ ޝާމިން
"ހަށި" - މުޙައްމަދު ޝަނޫން
"ނަޒަރު" - ލައިޓްސް އައުޓް
"މޫވީ ނައިޓް" - މިފްޒާ ޙަސަން
"ޙައްޤު ނިޔާ" - ރީޝާ ޝަރީފް
"ބްލޫސް" - ޝިއްމަ
"ގާޑަން ތެރޭ އުދުހިލާ" - ސްލޯ ޓޭޕް

ސާޅީސް މިނެޓަށް ވުރެ ދިގުނުވާ ގޮތަށް، ސިޔާސީ ނުވަތަ ދީނާ ދެކޮޅު މަންޒަރާއި އަޑު ނުހުންނަ ގޮތަށް، ތައްޔާރު ކޮށްފައިވާ އެ ފިލްމުތަކަށް އިންސާފުކޮށްފައި ވަނީ ފަނޑިޔާރުންނާއި ބެލުންތެރިންގެ އެންމެ މަގުބޫލުކަން ލިބުނު އުފެއްދުންތަކަށް ބަލައިގެންނެވެ.

މީޑިއާނެޓުން ބުނީ އެ ކުންފުންޏަކީ އަބަދުވެސް ޒުވާން ހުނަރުވެރިންނަށް ފުރުސަތު ދޭ ކުންފުންޏެއް ކަމަށެވެ. އަދި، އެ ކުންފުނީގެ އަމާޒަކީ މީޑިއާނެޓުގެ ޕްލެޓްފޯމް މެދުވެރިކޮށް ދިވެހި އަމިއްލަ އުފެއްދުންތައް ބެލުންތެރިންނަށް ގެނެސްދިނުން ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.

comment ކޮމެންޓް