ރަސޫލާއަށް ފުރައްސާރަކުރި މައްސަލާގައި އޭޝިއާގެ އެތައް ގައުމެއްގައި އިންޑިއާއާ ދެކޮޅަށް މުޒާހަރާކޮށްފި

ނިއުދިއްލީ (12 ޖޫން 2022): އިންޑިއާގެ ވެރިކަން ކުރާ ބަރަތިޔާ ޖަނާތާ ޕާޓީ (ބީޖޭޕީ)އިން ދެ މަސްއޫލުވެރިއަކު ކީރިތި ރަސޫލާ މުޙައްމަދު (ސޢވ) އަށާއި އެކަލޭގެފާނުގެ އަނބިކަނބަލުން އާއިޝާ (ރޢ) އަށް ފުރައްސާރަކޮށް ދެއްކި ވާހަކަތައް ކުށްވެރި ކުރުމުގެ ގޮތުން އިންޑިއާގައާއި އޭޝިއާގެ އެތައް ގައުމެއްގައި އާންމުން ބޮޑެތި މުޒާހަރާތަކެއް ކޮށްފިއެވެ.

މި މުޒާހަރާތައް ކުރި ގައުމުތަކުގެ ތެރޭގައި އިންޑިއާގެ އިތުރުން ބަންގަލަދޭޝް، ޕާކިސްތާން، އަފްޣާނިސްތާން، އިންޑޮނީޝިއާ، މެލޭޝިއާ އަދި ދިވެހިރާއްޖެ ހިމެނެއެވެ. އިންޑިއާގައި މުޒާހަރާކުރި މީހުން ވަނީ ކީރިތި ރަސޫލާއަށް ފުރައްސާރަ ކުރުމާއި މަލާމާތް ކުރުމަކީ ބަލައިގަނެވޭނެ ކަމުން ނޫން ކަމަށާއި ބީޖޭޕީގެ ދެ މަސްއޫލުވެރިއަކު ކީރިތި ރަސޫލާ މުޙައްމަދު (ސޢވ)އަށް ފުރައްސާރަކުރި މައްސަލާގައި އިންޑިއާ ސަރުކާރުން މައާފަށް އެދެން ޖެހޭނެކަމަށް ބުނެ ކީރިތި ރަސޫލާގެ ދިފާއުގައި އަޑުއުފުލާފައެވެ.

އެނޫން ގައުމުތަކުގައި މުޒާހަރާކުރި މީހުންވެސްވަނީ ބީޖޭޕީގެ މި ހަރުކަށި އަމަލު ބަލައި ނުގަނެވޭނެކަމަށް ބުނެ މިކަން ކުށްވެރިކޮށްފައެވެ. އަދި މިބާވަތުގެ ހަރުކަށި އަމަލުތައް ހިންގާނަމަ މަޑުން ނުތިބޭނެ ކަމުގެ އިންޒާރުވެސް ދީފައިވެއެވެ.

މައާފަށް އެދޭކަށް އިންޑިއާ ބޭނުމެއް ނުވޭ

ކީރިތި ރަސޫލާ (ސޢވ)އަށް ފުރައްސާކުރި ބީޖޭޕީގެ ދެ މަސްއޫލުވެރިންނާ ދެކޮޅަށް އެޕާޓީން އިދާރީ ފިޔަވަޅު އެޅިނަމަވެސް އެކަމަށް އެޕާޓީވެސް އަދި އިންޑިއާގެ ސަރުކާރުވެސް މައާފަށް އެދިފައެއް ނުވެއެވެ.

އިންޑިއާގެ ސަރުކާރުން ބުނެފައިވަނީ އެއްވެސް ދީނަކަށް އަދި އެއްވެސް ދީނެއްގެ އަޤީދާއާއި ރަމްޒުތަކާ އަދި ޝަޚްސިއްޔަތުތަކާ ދެކޮޅަށް މަލާމާތާއި ފުރައްސާރަކުރުމަކީ އިންޑިއާ ސަރުކާރުގެ ސިޔާސަތެއް ނޫންކަމުގައެވެ. ނަމަވެސް އިސްލާމީ އެތައް ގައުމަކުން ވަނީ މިމައްސަލާގައި މައާފަށް އެދުމަށް ބީޖޭޕީއަށާއި އިންޑިއާގައި ވެރިކަންކުރާ ބީޖޭޕީގެ ސަރުކާރަށް ގޮވާލާފައެވެ.

އިންޑިއާ ފުލުހުން، މުޒާހަރާކުރި މީހުންގެ ތެރެއިން ދެމީހުން މަރާލައި އެތައް ބަޔަކު ހައްޔަރުކުރި

މިމައްސަލާގައި އިންޑިއާ ސަރުކާރަށާއި ބީޖޭޕީއާ ދެކޮޅަށް އިންޑިއާގެ އެކި ސްޓޭޓްތަކުގައި ކުރި މުޒާހަރާތަކާ ދެކޮޅަށް އެސްޓޭޓްތަކުގެ ފުލުހުންވަނީ ބާރުގެ ބޭނުންކޮށް އަނިޔާވެރިކަން ކުރިޔަށް ނެރެ މުޒާހަރާތައް ރޫޅާލަން މަސައްކަތް ކޮށްފައެވެ. އަދި އުއްތުރަ ޕްރަދޭޝްގެ ފުލުހުންވަނީ މުޒާހަރާކުރި މީހުންގެ ގަޔަށް ބަޑިޖަހައި ދެމީހަކު މަރާލާފައެވެ.

އިންޑިއާގެ އެކި ސްޓޭޓްތަކުގައި ކުރި މިމުޒާހަރާތައް ރޫޅާލުމަށް ފުލުހުން ބާރުގެ ބޭނުންކުރުމުން އެތައް ބަޔަކު ޒަޚަމްވިއިރު ފުލުހުންގެ ވަނީ 130އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފައެވެ.

އިންޑިއާގައި މިގޮތަށް ކަންތައް ކުރި ނަމަވެސް އެނޫން ގައުމުތަކުގައި ކުރި މުޒާހަރާތަކަށް އެގައުމުތަކުގެ ފުލުހުން ހުރަސްއަޅާފައެއް ނުވެއެވެ. އިންޑިއާއަކީ ޑިމިކްރެޓިކް ގައުމަކަށް ވެފައި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި އެއްވެ އުޅުމުގެ މިނިވަންކަން އެގައުމުގެ ގާނޫނުތަކުން ލިބިދީފައިވީ ނަމަވެސް ހިންދޫ ގައުމީ ފިކުރުގައި ހައްދު ފަހަނަޅާފައިވާ ބީޖޭޕީގެ ވެރިކަމުގައި އިންޑިއާވަނީ ޑިމޮކްރަސީގެ ރޫހާއި އޭގެ ޓޮލަރެންސާ ވަރަށް ބޮޑަށް ދުރަށް ގޮސް މުސްލިމުންނާމެދު އަނިޔާވެރިކަމާއި ތަފާތުކުރުން ގެންގުޅެފައެވެ.

އިންޑިއާ ޖެހިލުންވީ ގަލްފުގެ ގައުމުތައް ތެދުވުމުން

ކީރިތި ރަސޫލާ މުޙައްމަދު (ސޢވ)އަށް ބީޖޭޕީން ފުރައްސާރަކުރި މައްސަލާގައި އިންޑިއާ ސަރުކާރު ކުޑަކޮށްވެސް ޖެހިލުންވީ އަދި ބީޖޭޕީން އެކަންކުރި ދެމީހުންނާ ދެކޮޅަށް އިދާރީ ފިޔަވަޅުތައް އެޅީ އިންޑިއާގެ ވިޔަފާރީގެ ބޮޑު މަސްލަހަތުތަކެއް އޮންނަ ގަލްފުގެ ގައުމުތަކުން މިކަން ވަރަށް ބޮޑަށް ކުށްވެރިކުރުމުންނެވެ.

ޚާއްސަކޮށް ކުވައިތާއި ގަތަރުންވަނީ އެގައުތަކުގައި ތިއްބަވާ އިންޑިއާގެ ސަފީރުން ޚާރިޖީ ވުޒާރާއަށް ޙާޒިރުކޮށް އިހްތިޖާޖުގެ ލިޔުންތައް އެބޭފުޅުންނާ ހަވާލުކޮށް މިމައްސަލަ ވަރަށް ސީރިޔަސްކަމެއްގެ ގޮތުގައި ނަގާފައެވެ. ސައޫދީއާއި ޔޫއޭއީ އާއި ބަހްރައިން އަދި އުމާނުންވެސް ބީޖޭޕީގެ މި ނުބައި އަމަލު ކުށްވެރިކޮށް ހަރުކަށި ބަޔާންތައް ނެރެފައިވެއެވެ.

ގަލްފުގެ ގައުމުތަކުގައި އިންޑިއާގެ 10 މިލިޔަން މީހުން ވަޒީފާ އަދާކުރޭ

ގަލްފުގެ ގައުމުތަކުގައި އިންޑިއާގެ 10 މިލިޔަން މީހުން ވަޒީފާ އަދާކުރެއެވެ. ގަލްފުގެ ގައުމުތަކުގައި ވަޒީފާ އަދާކުރާ އިންޑިއާގެ މި 10 މިލިޔަން މީހުންގެ މުސާރައިގެ ގޮތުގައި ލިބޭ ފައިސާގެ ބޮޑުބައެއް ޑޮލަރުގެ ގޮތުގައި އިންޑިއާއަށް މަނީ ޓްރާންސްފާ ކުރުމުން އިންޑިއާއަށް އަހަރަކު އެތައް ބިލިޔަން ޑޮލަރެއް ވަދެއެވެ.

މިގޮތަށް ވަންނަ ޑޮލަރު އިންޑިއާގެ ޖީޑީޕީގެ ގާތްގަނޑަކަށް ފަސް އިންސައްތަ ހިއްސާކުރާ ކަމަށްވެއެވެ. މީގެ އިތުރުން އިންޑިއާގެ ގިނަ އަދަދެއްގެ އުފެއްދުންތަކުގެ ބާޒާރަކީވެސް ގަލްފުގެ ގައުމުތަކެވެ. މިއީވެސް ގަލްފުގެ ގައުމުތަކާމެދު އިންޑިއާ ޖެހިލުންވާ ސަބަބެކެވެ.

ގަލްފާމެދު ޖެހިލުންވިއިރު އިންޑިއާގެ މުސްލިމުންނާމެދު ބީޖޭޕީގެ ސަރުކާރު ޖެހިލުމެއް ނުވޭ

މިވަރުންވެސް މިމައްސަލާގައި މައާފަށް އެދުމަށް ބީޖޭޕީ ވެސް އަދި އިންޑިއާ ސަރުކާރުވެސް ވަނީ ފަސްޖެހިފައެވެ. ކީރިތި ރަސޫލާ މުޙައްމަދު (ސޢވ)އަށް ބީޖޭޕީން ފުރައްސާރަކުރި މައްސަލާގައި އިންޑިއާ ސަރުކާރަށާއި ބީޖޭޕީއަށް ގުޑުންއެރީ މިކަމުގެ ސަބަބުންނެވެ. އިސްލާމީ އެހެން ގައުމުތަކުންވެސް މިކަން ކުށްވެރިކޮށް ބަޔާންތައް ނެރުނެވެ.

ނަމަވެސް އެގައުމުތަކަކީ އިންޑިއާގެ އިގްތިސާދަށް މިހާ ހައްސާސް ނޫން ގައުމުތަކެއް ކަމުން އެގައުމުތަކުގެ އަޑުތަކާމެދު އިންޑިއާ ސަރުކާރު މާބޮޑު ސަމާލުކަމެއް ދީފައެއް ނުވެއެވެ. އަދި ޚުދު އިންޑިއާގެ ރައްޔިތުންގެ ތެރޭގައި ހިމެނޭ 200 ވަރަކަށް މިލިޔަން މީހުންގެ އިހްސާސްތަކަށްވެސް އިންޑިއާ ސަރުކާރުން ސަމާލުކަން ދީފައެއް ނުވެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް