އޮރިޔާންކާޑު އުފެއްދުން ފާޅުގައި، އެޅޭ ފިޔަވަޅެއް ނެތް!

ޒުވާން އަންހެން ކުއްޖަކު ފޯނާ ކުޅެނީ-- ފޮޓޯ: ޕޭރެންޓޮލޮޖީ

މިދިޔަ ހަފުތާގައި ކޮފީއަކަށް ދިޔަޔަސް، ރައްޓެއްސަކާ ދިމާވިޔަސް ފުރަތަމަ ދައްކަނީ އެ ބުނާ ތަރިއެއްގެ ވީޑިއޯގެ ވާހަކައެވެ. މުޅި ގައުމުގައި އޮތީ އެ ވާހަކައެވެ. ސޯޝަލް މީޑިއާގައި ވެސް އެންމެ ބާރަށް ދެކެވުނީ ބަދުއަހުލާގީ، ހުތުރު މަންޒަރުތަކެއް ފެންނަ އެ ވީޑިއޯތަކުގެ ވާހަކައެވެ. އެންމެ ވީޑިއޯއެއް ދެ ވީޑިއޯއެއް ނޫނެވެ. ފުލުފުލުގައި އެތައް ވީޑިއޯއެކެވެ.

މީގެ ކުރިންނަމަ އެފަދަ ވީޑިއޯއެއް އެއްޗެއް ލީކް ވެއްޖެނަމަ އެ މީހަކު ލަދުން ވެސް މަޑުމައިތިރިވެއެވެ. އަދި ކަމާބެހޭ އިދާރާތަކުން އަވަހަށް އެފަދަ މައްސަލަތައް ބަލައި ފިޔަވަޅުތައް އަޅައެވެ. ނަމަވެސް މިހާރު އެކަން ވަނީ އޭގެ އިދިކޮޅަށެވެ. ތުހުމަތު ކުރެވޭ މީހާ ފާޅުގައި ވާހަކަ ދައްކަނީއެވެ. ކަމާ ބެހޭ އިދާރާއަކުން އެކަށީގެންވާ ފިޔަވަޅެއް ނާޅައެވެ. ކުށްކުރިކަމަށް ތުހުމަތު ކުރެވޭ މީހާ ފާޅުގައި ރައްދު ދިނުމުގައެވެ. ކުށެއް ނޫނޭ ބުނާ ފަދައެވެ.

ދައުރުވަނީ އެފަދަ އެންމެ މީހެއްގެ ވީޑިއޯއެއް ނުވަތަ ފޮޓޯއެއް ނޫނެވެ. މީހުން ބުނާތީ އިވެއެވެ. ސޯޝަލް މީޑިއާގެ އެކި ގުރޫޕުތަކުގައި ދިވެހިންގެ އެތައް ބަރަހަނާ މަންޒަރު ދަށްކުވައިދޭ ވީޑިއޯއާއި ފޮޓޯތައް ދަނީ ދައުރުވަމުންނެވެ. އޭގެ ތެރޭގައި ގިނައީ އަމިއްލައަށް ކޮށްފައި ހުންނަ ވީޑިއޯތަކާއި ފޮޓޯތައް ކަމަށް އެ ބެލި މީހުން ބުނެއެވެ.

ބަޔަކު ފޯނެއް ބޭނުން ކުރަނީ: ސޯޝަލް މީޑިއާ މެދުވެރިކޮށް ބަރަހަނާ މަންޒަރުތައް ފެތުރުން ރާއްޖޭގައި ވެސް އާއްމު--

ހާއްސަކޮށް ޒުވާނުންގެ މެދުގައި މިއީ މިހާރު އާންމު ކަމެކެވެ. ރައްޓެހިވެގެން އުޅޭ ކުއްޖާއަށް ނުވަތަ އިނދެގެން އުޅޭ މީހާއަށް ނުވަތަ ހާއްސަ ގުޅުމެއް އޮންނަ މީހަކަށް ސޯޝަލް މީޑިއާގެ އެކި ވަސީލަތްތައް މެދުވެރިކޮށް ބަރަހަނާ މަންޒަރުތައް ފޮނުވުން އާންމެވެ. ބައެއް މީހުން އަގު ނަގައިގެން ވެސް އެކަން ކޮށްދެއެވެ. އެ ކުރާ އިތުބާރެއްގެ ތެރެއިން ތިމާގެ ބަރަހަނާ މަންޒަރުތައް ފޮނުވަނީއެވެ. އެ އޮންނަ ގުޅުމެއް ނިމޭ ހިސާބުން އެ މަންޒަރުތައް ލީކް ކޮށްލަނީއެވެ. އެކަން ދިމާވެ އެތައް ދިވެއްސެއްގެ އަބުރު ވަނީ ގެއްލިފައެވެ. ބްލެކްމެއިލްގެ ޝިކާރައަކަށްވެ އެތައް ހިތި ތަޖުރިބާއެއް ވެސް ކުރަން ޖެހިފައިވެއެވެ.

ގިނައިން ހުންނަނީ އަމިއްލައަށް ނަގާފައި ހުންނަ ވީޑިއޯއާއި ފޮޓޯއެވެ. އެއީ ރުހިގެން ކުރާ ކަންތައްތައްކަން އެ މަންޒަރުތަކުން ހެކިދެއެވެ.

"އަޅުގަނޑުމެންނަށް އަންނަ ކޭސްތަކުގައި އެކަކު އަނެކަކަށް ފޮނުވާފައި ހުންނަ ބަދުއަހުލާގީ އެކިއެކި ފޮޓޯތައް ބޭނުންކޮށްގެން ބުލެކްމެއިލް ކުރަން އުޅުމުގެ މައްސަލަތައް ބޮޑު،" ފުލުހުންގެ އޮފިޝަލަކު ވިދާޅުވިއެވެ.

މީގެ ކުރިންނަމަ މިފަދަ ކަންކަން ބޮޑު މައްސަލައަކަށްވެއެވެ. ނަމަވެސް މިހާރު ފުލުފުލުގައި މިފަދަ އެތައް ވީޑިއޯއަކާއި ފޮޓޯއެއް ލީކްވާއިރު ވެސް ވާ ކަމެއް ނޯވެއެވެ. އެއީ އާންމު ރައްޔިތުންގެ ވެސް ކަންބޮޑުވުމެކެވެ.

"ހަމަ ހައިރާންވޭ މިހާރު ކަންކަން މި ހުންނަ ގޮތުން. [ބަރަހަނާ ވީޑިއޯއެއް ކުޅުމަކީ] މިއީ ކުޑަ ކަމެއް ނޫން. އެކަމަކު އެޅޭ އެއްވެސް ފިޔަވަޅެއް ނެތް. މިހެން މިކަން ވާނަމަ ކުރިއަށް އޮތްތަނުގައި އެކަންކަން މައްސަލައަކަށް ނުވާ ހިސާބަށް ދާނެ،" އާންމު ރައްޔިތެއް ކަމަށްވާ، އަޙްމަދު ޝިހާމް، 37، އޭނާގެ ކަންބޮޑުވުން ފާޅުކުރަމުން ބުންޏެވެ.

ގާނޫނުން ވެސް ބޮޑު އަދަބެއް، އެކަމަކު ތަންފީޒެއް ނުވޭ

ދިވެހި ރާއްޖޭގެ ގާނޫނުތައް ބުނާ ގޮތުން އޮރިޔާންކާޑު ހެދުމަކީ ބޮޑު ކުށެކެވެ. އޮރިޔާންކާޑުގެ މާނައިގައި ޖިންސީ ގުނަވަންތައް ދައްކައިދޭ މަންޒަރު ހުރި ފޮޓޯއާއި ފިލްމާއި ޖިންސީގުޅުން ސިފަކޮށްދޭ އަޑާއި، ވާހަކައާއި، ޖިންސީގުޅުން ހިންގާ މަންޒަރު ދައްކައިދޭ ފިލްމާއި، ފޮޓޯއާއި މިފަދަ މަންޒަރާއި، އަޑާއި، ވާހަކަ އަޅާފައިވާ ހުންނަ ޑިސްކެޓް، ޓޭޕް ފަދަ ތަކެއްޗާއި ޖިންސީ ގުޅުން ހިންގުމަށްޓަކައި ޖިންސީ ގުނަވަން ސިފަކޮށްދޭ ގޮތަށް ހަދާފައިވާ ތަކެތި ހިމެނެއެވެ.

މިހާރު އަމަލުކުރާ ޕީނަލްކޯޑުގެ އިސްލާމްދީނާ އިދިކޮޅު އަމަލުތަކުގެ ތެރެއިން އޮރިޔާންކާޑު އުފެއްދުން ނުވަތަ އަތުގައި ބެހެއްޓުން ނުވަތަ އަތުގައި ގެންގުޅުން، ދިނުން ނުވަތަ ވިއްކުން ނުވަތަ ފެތުރުން ނުވަތަ ރާއްޖެ ގެނައުމަކީ ކުށެކެވެ.

އެ ކުށަކީ ޖުނަޙްގެ އެއް ވަނަ ދަރަޖައިގެ ކުށަކަށްވާއިރު ޖަލުހުކުމް އަދަބުގެ ގޮތުގައި ވަނީ ކަނޑައަޅައިފައެވެ.

ހަމައެކަނި ކުށްވެެރިއަކީ އޮރިޔާންކާޑު އުފައްދާ މީހާއެއް ނޫނެވެ. އެފަދަ ވީޑިއޯތައް ދައުރު ކުރުމަކީ ވެސް ޖަލު ހުކުމް ކަނޑައަޅާފައިވާ ކުށެކެވެ. ނަމަވެސް މިއަދު ސޯޝަލް މީޑިއާގައި މަޖަލަކަށް ހަދައި އެންމެން އެ އަންނަނީ އެފަދަ ޕޯސްޓްތައް ދައުރު ކުރަމުންނެވެ.

އިސްލާމީ މިފަދަ ގައުމަކަށް ދިމާވާނެ އެންމެ ބޮޑު އެއް ނުރައްކަލަކީ ފާހިޝް އަމަލެއް ކުށެއް ނޫން ކަމަށް ހީވާވަރަށް އެކަން އާންމުވުމެވެ. އޮރިޔާންކާޑު އުފެއްދުން މިހާރު މިދަނީ އެ މިސްރާބަށެވެ. ކޮންމެ ދުވަހަކު ކޮންމެ ދުވަހަކު އެފަދަ އެތައް ވީޑިއޯއެއް އަދި ފޮޓޯއެއް އެބަ އާންމުވެއެވެ. އެކަން ހުއްޓުވުމަށް އެކަށީގެންވާ ފިޔަވަޅެއް ނޭޅެއެވެ.

comment ކޮމެންޓް