އަންހެނެއްގެ އިނގިލި ބުރިކޮށްލި މީހާގެ މައްޗަށް ދައުވާކޮށްފި

ގ. ޗެރީ ހައުސް، އަލީ ހަސަން --- ފޮޓޯ/ ކިޔުންތެރިއެއް

ގެއަކަށް ވަދެ، ބިރު ދައްކާ، އަންހެނެއްގެ އިނގިލި ބުރިކޮށްލި މައްސަލާގައި ގއ.ވިލިނގިލިން މިދިޔަ މޭ މަހު ހައްޔަރުކުރި ގ. ޗެރީ ހައުސް، އަލީ ހަސަން، 35، ގެ މައްޗަށް ދައުވާ ކުރުމަށް އެރަށު މެޖިސްޓްރޭޓް ކޯޓަށް ޕީޖީ އޮފީހުން ހުށަހަޅައިފިއެވެ.

އޭނާގެ މައްޗަށް ޖުމްލަ ފަސް ދައުވާއެއް އުފުލާފައިވާ އިރު، އެ ދައުވާތައް ސާބިތު ވެއްޖެނަމަ ދެ އަހަރަށް ވުރެ ގިނަ ދުވަހުގެ ޖަލު ހުކުމެއް އޭނާގެ މައްޗަށް އަންނާނެއެވެ.

ޕީޖީ އޮފީހުން އޭނާގެ މައްޗަށް އުފުލި ދައުވާތަކުގެ ތެރޭގައި ހިމެނެނީ:

  • އެނގިހުރެ ހުއްދަނޫން ތަނަކަށް ވަނުމުގެ ކުށުގެ ދައުވާ
  • ގައިގާ އަތްލުމުގެ ކުށުގެ ދައުވާ
  • އަނިޔާއެއް ދިނުމުގެ ކުށުގެ ތިން ދައުވާ

މިދިޔަ މޭ މަހު އޭނާ ހައްޔަރުކުރުމަށް ފަހު ބަންދާމެދު ވަކި ގޮތެއް ކަނޑައެޅުމަށް ވިލިނގިލީ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން، ކޯޓުގެ ހުރުމަތް ކަނޑައިގެން 150 ދުވަހަށް ޖަލަށް ލާން އެ ކޯޓުން ހުކުމް ކުރިއެވެ. މީގެ އިތުރުން ޝަރިއަތް ނިމެންދެން ރިމާންޑު ޖަލެއްގައި ބަންދުކޮށްފައި ބެހެއްޓުމަށް ވެސް ކޯޓުން ވަނީ އަމުރު ކޮށްފައެވެ.

ނަމަވެސް، އޭނާގެ ބަންދު މުރާޖައާކުރުމަށް މި މަހުގެ ތިން ވަނަ ދުވަހު ކޯޓަށް ހާޒިރުކުރުމުން ވަނީ ބަންދުން ދޫކޮށްލުމަށް އަމުރުކޮށްފައި ވެއެވެ.

ޕީޖީ އޮފީހުން ބުނީ އޭނާ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓައި ދިނުން އެދި މިމަހުގެ 7ވަނަ ދުވަހު ފޯމް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެކަމާ ގުޅޭ އަޑުއެހުން މި މަހުގެ 13ވަނަ ދުވަހަށް ތާވަލުކޮށްފައިވާ ކަމަށެވެ.

އަލީ ހަސަން ހައްޔަރުކުރީ މިދިޔަ މޭ މަހުގެ ތިންވަނަ ދުވަހުގެ ރޭ ފަތިސްވާން ކައިރިވެފައިވަނިކޮށް، އެ ރަށުގެ ގެއަކަށްވަދެ، މާރާމާރީ ހިންގި މަައްސަލައިގައެވެ. އެގޭ ތެރެއަށް ގަދަކަމުން ވަދެގަންނާން އެ މީހާ މަސައްކަތް ކުރުމުގެ ތެރޭގައި ހިންގި މާރާމާރީގައި އެ އާއިލާގެ ގިނަ ބަޔަކަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވެއެވެ.

އެރަށުން "ސަން"އަށް މައުލޫމާތު ދިން މީހަކު ބުނީ މާރާމާރީގައި އެ އަންހެންމީހާގެ އަންހެން ކޮއްކޮގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ކަމަށެވެ. އަދި އެ އަންހެންމީހާގެ މަންމަގެ ދެ އިނގިލި ވެސް ބިންދާލާފައިވާއިރު އިތުރު އަންހެއްގެ އަތުގައި ދަތްއަޅާފައިވާ ކަމަށާއި މީގެ އިތުރުން އެ ގޭގައި އުޅޭ ކައުންސިލަރެއްގެ މޫނުމަތީގައި ވަރަށް ބާރަށް ޖެހުމުން އެމީހާ ވެއްޓުމުން ވެސް ތަޅައި އަނިޔާ ކުރަމުން ގެންދިޔަ ކަމަށް އެެމީހާ ބުންޏެވެ.

comment ކޮމެންޓް