ދުނިޔޭގެ ފުރަތަމަ ޤާނޫނުއަސާސީއާ ބެހޭ ބައެއް ވާހަކަ

ގާނޫނުއަސާސީ --- ސަން ފޮޓޯ

ވަރަށް ގިނަ ޢިލްމުވެރީންގެ، ޚާއްޞަކޮށް އިސްލާމީ ޢިލްމުވެރީންގެ، ނަޒަރުގައި ދުނިޔޭގެ އެންމެ ފުރަތަމަ "ޤާނޫނުއަސާސީ" ނުވަތަ "ދުސްތޫރު" އަކީ ނަބީކަމާއި ރަސޫލުކަން ޚަތިމު ކުރެއްވެވި ލޮބުވެތި ސާހިބާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ، އެކަލޭގެފާނުގެ ޤިޔާދަތުގެ ދަށުގައި މަދީނާގެ އިސްލާމީ ދައުލަތް އެކުލަވައިލެއްވެވި އިރު، އެކަށައެޅުއްވި މުޢާހަދާކެވެ.

ކީރިތި މާތް ނަބިއްޔާ މައްކާ ދޫ ކުރައްވައި، މަދީނާ އަށް ހިޖުރަ ކުރެއްވެވީ 622 މ. ގައެވެ. އެއީ، އިތުރު އެކަލޭގެފާނާއި، އެކަލޭގެފާނަށް ތަބަޢަ ވެވަޑައިގެން ތިއްބެވި މުސްލިމުން މައްކާގެ މުޝްރިކުންގެ ނިހާއީ އަނިޔާވެރިކަމާއި ޡުލްމުވެރިކަން ތަޙައްމަލު ކުރައްވާތާ އަހަރުތަކެއް ވެއަތު ވެގެން ދިޔަ ފަހުން، މަދީނާގެ އަހުލުވެރީންގެ ވަފުދުތަކެއް ސިއްރިޔާތުގައި އިތުރު އެކަލޭގެފާނާ ބައްދަލު ކޮށް، އެކަލޭގެފާނަށް ބައިޢަތު ހިފައި، މުސްލިމުންނާއިގެން މައްކާ ދޫ ކުރައްވައި މަދީނާ އަށް ހިޖުރަ ކުރެއްވުމަށް އެކަލޭގެފާނަށް ދަޢުވަތު އެރުވުމާ ގުޅިގެންނެވެ. މަދީނާގެ ވަފުދެއްގެ ބެއިފުޅުން އެންމެ ފުރަތަމަ ފަހަރަށް ކީރިތި ނަބިއްޔާއަށް ބައިޢަތު ހިއްޕެވީ 621 މ. ގައެވެ. ދެވަނަ ވަފުދެއްގެ ބެއިފުޅުން ޖެހިގެން އައި އަހަރު، 622 މ. ގައި، އިތުރު އެކަލޭގެފާނުގެ އަރިޔަހަށް ވަޑައިގެން ބައިޢަތު ހިއްޕެވިއެވެ. ޢަޤަބާގެ ދެ ބައިޢަތު ގެ ގޮތުގައި އިސްލާމީ ތާރީޚުގައި މަޝްހޫރު ވެފައި ވާ މި ދެ ބައިޢަތަށް ފަހު، އިތުރު މާތް ނަބިއްޔާ މައްކާ ދޫ ކުރައްވައި މަދީނާޔަށް ހިޖުރަ ކުރެއްވީއެވެ. 622 މ. ގެ ޖޫން މަހުގެ ތެރޭގައެވެ.

މަދީނާޔަށް ވަޑައިގެން، އެ ޝަހަރުގައި އިސްލާމީ ދައުލަތުގެ ބިންގާ އެޅުއްވުމުގެ މަސައްކަތްޕުޅުގައި، އިތުރު މާތް ނަބިއްޔާ ކުރެއްވި އެންމެ މުހިއްމު އެއް ކަމަކީ ކުރީން އިޝާރާތް ކުރެވުނު މުޢާހަދާ ވުޖޫދަށް ގެންނެވުމެވެ. އެ މުޢާހަދާ އަކީ މަދީނާގެ އިސްލާމީ ދައުލަތް އިޢުލާން ކުރެއްވުމުގައި، އެ ދައުލަތުގެ މެންބަރުން ކަމުގައި ހިމެނުނު މައްކާގެ މުސްލިމުންނާއި، މަދީނާގެ މުސްލިމުންނާއި، އަދި މަދީނާގައި ދިރިއުޅެމުން ދިޔަ ޔަހޫދީން ފަދަ ޣައިރު މުސްލިމުންގެ ކިޔާނެސިޔާސީއެއް (Polity) ނުވަތަ ދައުލަތެއް އުފެއްދުމާ މެދު އެއްބަސްވެވުނު އުޞޫލުތަކާއި ހަމަތައް އިޢުލާން ކުރެއްވުމުގެ ގޮތުން ކީރިތި ނަބިއްޔާ، އެ ހުރިހައި ފަރާތްތަކެއް އެއްބަސް ވާ ވަލިއްޔުލްއަމްރުގެ ޙައިޘިއްޔަތުން، ނެރުއްވެވި ޤަރާރެއް ކަމުގައި ވެސް ދެންނެވިދާނެއެވެ. އެ ޤަރާރު ނުވަތަ މުޢާހަދާ އިސްލާމީ ތާރީޚުގައި މަޝްހޫރު ވެފައި ވަނީ "މީޘާޤުލް މަދީނާ" - ميثاق المدينة - އާއި، "ޞަޙީފާ އަލްމަދީނާ" - صحيفة المدينة - އާއި، "ދުސްތޫރުލް މަދީނާ" - دستور المدينة - މި ނަންތަކުންނެވެ.

"ދުސްތޫރުލް މަދީނާ" އޮތީ މި ޒަމާނުގައި އަޅުގަނޑުމެންނަށް މި ފެންނަ ޤާނޫނުއަސާސީތަކާ އެއް ސިފައެއްގައެއް ނޫނެވެ. ޒަމާނީ ދުސްތޫރުތަކާ އެއް ސޫރައިގައެއް ނޫނެވެ. މި ޒަމާނުގެ ޤާނޫނުއަސާސީތަކުގައި ހުންނަ ގޮތަށް، ދުސްތޫރީ އެކިއެކި ކަންކަމާ ބެހޭ ބާބުތަކާއި މާއްދާތައް ވަކިވަކި ކުރެވިފައެއް ނޫނެވެ. މި ޒަމާނުގެ ޤާނޫނުއަސާސީތަކުގައި ހުންނަ ކަހަލަ ތަފްޞީލުތަކެއް ވެސް އޭގައި ނެތެވެ. ނަމަވެސް، ޒަމާނީ ޢިލްމީ ހަމަތަކުގެ ދަށުން ވެސް ޤާނޫނުއަސާސީއެއްގެ އެންމެ އަސާސީ އަދި ލާޒިމީ ސިފަތައް ކަމުގައި ކަނޑައެޅޭ ކަންކަން "ދުސްތޫރުލް މަދީނާ" ގައި ފުރިހަމަ ވެއެވެ އެގޮތުން، އެ މުޢާހަދާގައި އިސްލާމީ ދައުލަތުގެ ރައްޔިތުންނާއި ސަރަޙައްދު ކަނޑައެޅުމާއި، ދައުލަތް ހިންގުމުގެ ނިޒާމުގެ އަސާސީ އެންމެހައި އުޞޫލުތައް ކަނޑައެޅުމާއި، ދައުލަތުގެ ދިފާޢީ ކަންކަމުގެ އަސާސީ އުޞޫލުތައް ކަނޑައެޅުން ފަދަ، ޤާނޫނުއަސާސީއަކުން އަސާސީ ގޮތެއްގައި ކުރާ އެންމެހައި ކަންކަން ކުރެވިފައި ވެއެވެ.

"ދުސްތޫރުލް މަދީނާ" އެކުލަވައިލެވުނީ، އިސްވެ ދެންނެވި ފަދައިން، މީޘާޤެއް ނުވަތަ ޢަހުދެއް ނުވަތަ ޢަހުދުނާމާއެއްގެ ގޮތުގައެވެ. ޒަމާނީ ދުސްތޫރީ ފަލްސަފާގައި ވެސް، ޤާނޫނުއަސާސީ އަކީ ހަމަ ޒާތެއްގެ ޢަހުދުނާމާއެކެވެ. އާދެ، ރައްޔިތުންގެ އެންމެން މަޢުނަވީ ގޮތެއްގައި ޝާމިލު ވާ ޢަހުދުނާމާއެކެވެ. އެ ޢަހުދުނާމާއިން ކަނޑައަޅާ ކަމަކީ، ރައްޔިތުންގެ އެންމެން ވަކި ދުސްތޫރީ ނިޒާމެއްގެ ތެރޭގައި ބަނދެވި، ދުސްތޫރީ ވަކި އުޞޫލުތަކެއްގެ މައްޗަށް ހިނގާ ދައުލަތެއްގެ ރައްޔިތުންގެ ގޮތުގައި އެކަކު އަނެކަކާ ގުޅި އެކުލަވައިގެން ތިބޭން ކަނޑައަޅާ ކަނޑައެޅުމެވެ. އެ ނިޒާމުގެ ތެރެއިން، ރައްޔިތުން ކުރެ ބަޔަކު ދައުލަތުގެ އިސް މަޤާމުތަކަށް އިންތިޚާބު ނުވަތަ ޢައްޔަން ކުރެވި، އެ ބަޔަކު އެއްކަލަ ޢަހުދުނާމާގައި ކަނޑައެޅިގެން ވާ ގޮތުގެ މަތީން ދައުލަތުގެ އެކިއެކި މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާ ކުރަމުން ގެންދިޔުމަށް ކަނޑައެޅޭ ކަނޑައެޅުމެވެ. އެހެންކަމުން، ޤާނޫނުއަސާސީ އަކީ "އިޖުތިމާޢީ ޢަޤުދު" (Social Contract) އެކެވެ.

މި ހިސާބުން އަޅުގަނޑުމެން ހަނދާން ކުރާން ޖެހެނީ، ޔޫރަޕުގެ ޢަޞުރު ތަންވީރު (Age of Enlightenment) ގެ ދުވަސްވަރު، ސިޔާސީ އަދި ޤާނޫނީ ފަލްސަފާގެ މައްޗަށް ވާހަކަ ދެއްކެވި ޢިލްމުވެރީން ވެސް، ދައުލަތާއި ޤާނޫނާއި ދުސްތޫރުތައް އެކުލަވައިލާ އެކުލަވައިލުމަކީ ރައްޔިތުންގެ އެންމެން މަޢުނަވީ ގޮތެއްގައި ޝާމިލު ވާ "އިޖުތިމާޢީ ޢަޤުދެއް" ކަމުގައި ބެއްލެވިކަމެވެ. މި ފިކުރު ޔޫރަޕުގައި އެންމެ ފުރަތަމަ ފަހަރަށް ނެރުއްވަވައި، އެ ފިކުރުގެ މައްޗަށް ޢިލްމީ ގޮތުން ވާހަކަ ދެއްކެވި ބެއިފުޅުންނަކީ ތޯމަސް ހޯބްސް (Thomas Hobbes, d. 1679 CE) އާއި، ސެމިޔުލް ޕޫފެންޑޯރފް (Samuel Pufendorf, d. 1694 AC) އާއި، ޖޯން ލޯކް (John Locke, d. 1704 AC) އާއި، ޖީން-ޖެކްސް ރޫސޯ (Jean-Jacques Rousseau, d. 1778) ފަދަ ބެއިފުޅުންނެވެ. މި ބެއިބެއިފުޅުންގެ ލިޔުއްވުންތަކުގައި، ދައުލަތެއް ވުޖޫދު ވުމުގެ އިބްތިދާއީ އަސާސަކީ (Primary Basis) އެ ދައުލަތުގެ ރައްޔިތުންގެ މެދުގައި ވެވޭ "އިޖުތިމާޢީ ޢަޤުދެއް" ކަމުގެ ފިކުރާ މެދު ތަފްޞީލީ ގޮތެއްގައި ބަޙުޘް ކުރެއްވިއެވެ.

ކީރިތި މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ، މަދީނާގެ އިސްލާމީ ދައުލަތް އެކުލަވައިލެއްވުމަށް ޓަކައި، މަދީނާގެ އަހުލުވެރީންގެ ރުހުމާއި މުވާފަޤާ އާއި ޤަބޫލު ހޯއްދަވައި، އެކަން ޢަހުދުނާމާއެއްގައި ޤަރާރު ކުރެއްވި ކުރެއްވުމަކީ، ދައުލަތެއް ބިނާ ކުރުމަށް ޓަކައި އިންސާނީ ތާރީޚުގައި "އިޖުތިމާޢީ ޢަޤުދެއް" ވީ ފުރަތަމަ ފަހަރެވެ. ސުވާލަކީ، ޔޫރަޕުގެ މި ދެންނެވި ޢިލްމުވެރީން "އިޖުތިމާޢީ ޢަޤުދު" ގެ މަފްހޫމާއި، "އިޖުތިމާޢީ ޢަޤުދު" އެއްގެ ވަސީލަތުން ދައުލަތް ބިނާ ކުރުމުގެ އުޞޫލުގެ ފިކުރުތައް ހޯއްދެވީ ކޮން ތަނަކުން ހެއްޔޭ، މިއެވެ. އެ ބެއިފުޅުންގެ އެ ފިކުރުގެ އެންމެ މުހިއްމު، ނުވަތަ މައިގަނޑު އެއް މަޞްދަރަކީ ނަބިއްޔާގެ ސުންނަތް ކަމުގައި ނުވާނެޔޭ ބުނެވިދާނޭތޯއެވެ؟

ދެން އޮތީ މި ކަމާ ގުޅޭގޮތުން އަޅުގަނޑުމެން ފާހަގަ ކުރާން ޖެހޭ އެންމެ މުހިއްމު އެއް ނުކުތާއެވެ. މަދީނާގެ އިސްލާމީ ދައުލަތް ޤާއިމު ކުރެއްވުމުގެ ކަންކަމުގައި އެ ދައުލަތުގެ ރައްޔިތުން ޝާމިލު ކުރައްވައި، އެ ރައްޔިތުންގެ ރުހުމާއި މުވާފަޤާ އާއި ޤަބޫލު (Consent of the Governed) އެކަމުގައި ހޯއްދެވި ހޯއްދެވުމަކީ، އިތުރު މާތް ނަބިއްޔާގެ ހަހުރަވެތި ސުންނަތުން ދެއްކެވި ވަރަށް ވެސް މަތިވެރި ނަމޫނާއެކެވެ. ދުނިޔޭގެ ތާރީޚުގައި އެއިގެ ކުރީން އެފަދަ ނަމޫނާއެއް ފެނިފައި ނުވާ ނަމޫނާއެކެވެ. ޙަޤީޤަތުގައި، އެއީ ތާރީޚުގެ މުޢްތަބަރު ޞަފުޙާތަކުން ފެންނަ، ރައްޔިތުންގެ ރުހުމާއި ޤަބޫލުގެ މައްޗަށް ދައުލަތެއް އުފެއްދުމުގެ ފުރަތަމަ މިސާލެވެ. އެ މިސާލަކީ، އެއްވެސް ޝައްކެއް ނެތް ގޮތުގައި، އިންސާނީ ތަހުޒީބާއި އިޙްސާންތެރިކަމާއި ހެޔޮ ކަމުގެ މައްޗަށް އިތުރު އެކަލޭގެފާނުގެ މަތިވެރި ސުންނަތުން ދައްކަވައިފައި ވާ އެތައް އަލިކަމެއްގެ ތެރެއިން ވެސް ޚާއްޞަ އަލިކަމެކެވެ. އެ ޙާދިޘާއެއްގެ ވާހަކަ އިންސާނީ ތާރީޚުގައި ރަންފެން ކޮށްގެން ލިޔުން އެކަށޭނަ ޙާދިޘާއެއް މެއެވެ.

މި ދެންނެވި ނުކުތާއާ މެދު ދެކެވޭ ވާހަކައިގައި، ސްކޮޓްލޭންޑުގެ މަޝްހޫރު ފަލްސަފާވެރިޔާ ޑޭވިޑް ހިޔުމް (David Hume, d. 1776 AC) އޭނާގެ އޮފް ދި އޮރިޖިނަލް ކޮންޓްރެކްޓް ގެ ނަން ދެވުނު ރިސާލާގައި ވިދާޅުވެފައި ވާ ބަސްތަކެއް ހަނދާނަށް ގެންނާން ޖެހެއެވެ. އޭނާ ވިދާޅުވެފައި ވާ ގޮތުގައި، އިންސާނީ ތާރީޚުގައި ދައުލަތްތައް އުފެދިފައި ހުރި ގޮތަށް ބަލައި ދިރާސާ ކޮށްލުމުން، އަބަދުވެސް ފެންނަނީ "ފޭރިގަތުމެއްގެ ތެރެއިން، ނުވަތަ ގަދަބާރުން ތަނެއް ފަތަޙަ ކޮށް ހިފައިގަނެގެން، ނުވަތަ މި ދެ ގޮތުން" ދައުލަތްތައް ބިނާ ކުރެވުނު މަންޒަރެވެ.

ޑޭވިޑް ހިޔުމްގެ މި ވާހަކަ އަކީ ވަރަށް ވެސް ތެދު ވާހަކައެކެވެ. އެ ވާހަކައިގެ ތެދުކަން ދައްކައިދިނުމަށް ޓަކައި އަޅުގަނޑުމެންނަށް ދުނިޔޭގެ ތާރީޚުގެ އެތައް ޞަފުޙާތަކަކުން، އެތައް މިސާލުތަކެއް ދެއްކިދާނެއެވެ. މިތަނުގައި ދެ މިސާލެއްގެ ވާހަކަ ޒިކުރު ކޮށްލެވިދާނެއެވެ.

މިއަދު ޔޫރަޕުގެ އެންމެ މުހިއްމު އެއް ދައުލަތަކީ، އަދި ޑޭވިޑް ހިޔުމް އެ ދައުލަތެއްގެ ރައްޔިތެއްގެ ގޮތުގައި އުޅުއްވި ދައުލަތަކީ އިނގިރޭސި ވިލާތެވެ. އިނގިރޭސި ރަސްކަން އުފެދުނީ ފަރަންސޭސި ވިލާތުގެ ނޯރމަންޑީއަށް ނިސްބަތް ވެވަޑައިގަންނަވާ ވިލިއަމް ދަ ނޯރމަން އޭނާގެ ހަނގުރާމަވެރި ލަޝްކަރާއިގެން އިނގިރޭސި ވިލާތޭ މި ކިޔާ ބިމަށް 1066 މ. ގައި ޙަމަލަ ދެއްވައި، އެ ބިމުގެ ބޮޑު ބައެއް ގަދަބާރުން ފަތަޙަ ކުރައްވައި، އެ ބިމުގެ އަހުލުވެރީންގެ ބިންތައް ފޭރިގަންނަވައި، އެ ބިންތަކުގައި އޭނާގެ އަމިއްލަ ރަސްކަމެއް ޤާއިމު ކުރެއްވި ހިސާބުންނެވެ.

ދެން، ތިމާމެންނަކީ ދުނިޔޭގެ އެންމެންނަށް ޤާނޫނާއި ޢަދުލުއިންޞާފާއި ވެރިކަން ކުރާންވީ ގޮތާއި އިންސާނީ ޙައްޤުތައް ކިޔަވައިދޭން ވީ މީހުން ކަމުގައި ޤަބޫލު ކުރާ ޔޫރަޕިއަނުން އުފެއްދި އެންމެ މުހިއްމު ދައުލަތް ކަމަށް ވާ ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާއަށް ބަލައިލަމާ ހިންގަވާށެވެ! ޔުނައިޓެޑް ސްޓޭޓްސްގެ ދައުލަތަކީ ޑޭވިޑް ހިޔުމް ވިދާޅުވި ފަދައިން، ގަދަބާރާއި ފޭރުމާއި މަކަރު ޙީލަތުގެ ތެރެއިން، ޔޫރަޕުގެ ދޮން މީހުން އުތުރު އެމެރިކާގެ ބިމުގައި އުފެއްދި ދައުލަތެކެވެ. ޔޫރަޕުގެ ލަޝްކަރުތައް އުތުރު އެމެރިކާ ބައްރަށް އަރައިގަތުމުގެ ސިލްސިލާ ފެށުނީ 1565 މ. ގައި ސްޕޭނުގެ ހަނގުރާމަވެރީން މިހާރުގެ ފްލޮރިޑާއަށް އެރި ހިސާބުންނެވެ. 1587 މ. ގައި އިނގިރޭސީންގެ ފުރަތަމަ ކޮލޮނީ މިހާރުގެ ވަރޖީނިޔާގައި ޤާއިމު ކުރެވުނެވެ. 1608 މ. ގައި ފަރަންސޭސީން މިހާރުގެ ކެނެޑާގެ ކިޔުބެކް ފަރުވިންސުގައި އެމީހުންގެ ކޮލޮނީއެއް ބިނާ ކުރިއެވެ. ހޮލެންޑުގެ އިސްތިޢުމާރީ ޖަމާޢަތްތައް 1609 މ. ގައި މިހާރުގެ ނިއު ޔޯރކަށް ފެއިބިއެވެ. ދެން އައި ދަހަތަކުގައި، ޔޫރަޕިޔަނުން ވަނީ އެއްވެސް ރަޙްމެއް، ހަމްދަރުދީއެއް، ހަމައެއް، އިންޞާފެއް ނުބަލައި، އުތުރު އެމެރިކާގެ އަޞްލު ވަޒަންވެރީން މަރައި، އެމީހުންގެ ބިންތައް ފޭރުމުގެ ދިގު ސިލްސިލާއެއް ހިންގައިފައެވެ. މި ޤަތުލުޢާއްމުތަކުގައި، އެއިރު އުތުރު އެމެރިކާގެ ގާތްގަނޑަކަށް ފައްސަތޭކަ ވަރަކަށް އާބާދީގައި ތިބި މަދު ވެގެން ދިހަ ވަރަކަށް މިލިޔަން މީހުންގެ އައްޑިހަ އިންސައްތަޔާއި ނުވަދިހަ އިންސައްތަޔާ ދެމެދުގެ މިންވަރެއް ވަނީ ފަނާ ކޮށްލެވިފައެވެ. ޔޫރަޕު މީހުން މި ޤަތުލުޢާއްމުތައް ހިންގައިފައި ވަނީ އިންތިހާ ދަރަޖައިގެ ވަޙުޝީ އަދި އަނިޔާވެރި ގޮތްގޮތަށެވެ. އޭގެ ތެރެއިން އެންމެ ފާހަގަ ކޮށްލެވޭ އެއް ގޮތަކީ، އިނގިރޭސީން އެމެރިކާގެ އަޞްލު ވަޒަންވެރީންނަށް ކަށިވިދުރީގެ ޖަރާސީމު ހުރި ރަޖާތަކެއް ފޮނުވައިގެން، އެމީހުންގެ ތެރޭގައި ކަށިވިދުރި ފަތުރައިގެން އެތައް ލައްކަ ބަޔަކު ފަނާ ކޮށްލި ގޮތެވެ. އެންމެ ފުރަތަމަ އިނގިރޭސީން ހިފީ އުތުރު އެމެރިކާގެ އުތުރުއިރުމަތީ އައްސޭރީގައި ހުރި ސަރަޙައްދުތަކެވެ. އެއީ އެމެރިކާގައި އިނގިރޭސީން ޤާއިމު ކުރި ފުރަތަމަ ތޭރަ ކޮލޮނީއެވެ. އިނގިރޭސި ރަސްކަމާ ދެކޮޅަށް ހަތިޔާރު އުފުލައި، ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާގެ ދައުލަތް 1776 މ. ގައި އިޢުލާން ކުރީ ވެސް މި ތޭރަ ކޮލޮނީގެ ރައްޔިތުންނެވެ. އެމެރިކާގެ ދައުލަތް އުފެދުމަށް ފަހު، އެ ދައުލަތުން އުތުރު އެމެރިކާގެ އަޞްލު ވަޒަންވެރީންގެ ބިންތައް މަޑުމަޑުން ފޭރެމުން، ގަދަބާރުންނާއި މަކަރުޙީލަތުން އަތުލަމުން ގޮސް، މިހާރުގެ ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާގެ ބޮޑުމިނަށް އެ ޤައުމު ބޮޑު ކޮށްފައި ވަނީ ވިހިވަނަ ޤަރުނު ފެށުނު ހިސާބުގައެވެ. ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާގެ ދައުލަތް އިޢުލާން ކުރުމަށް ފަހު، ލަސްތަކެއް ނުވެ، ޔުނައިޓެޑް ސްޓޭޓްސްގެ ޙުކޫމަތުން ވަނީ އެމެރިކާގެ އަޞްލު ވަޒަންވެރީންގެ ބިންތައް ފޭރުމުގެ މަސައްކަތްތައް ކޮންމެވެސް ސިފައެއްގައި ފަށައިފައެވެ. އެއީ 1787 މ. ގެ ނޯރތުވެސްޓް އޯރޑިނެންސް އާ ހަމައިންނެވެ. ޖޭމްސް މޮންރޮއިގެ ރިޔާސަތުގެ ދަށުން، 1820 ގެ އަހަރުތަކުގެ ތެރޭގައި، އެމެރިކާގެ އަޞްލު ވަޒަންވެރީންގެ ބިންތައް ފޭރިގަތުމަށް ޓަކައި މަޝްހޫރު ކެލްހޫން ޕްލޭން އެކުލަވައިލެވުނެވެ. 1830 މ. ގެ އިންޑިޔަން ރިމޫވަލް އެކްޓް ޤާނޫނުގެ ދަށުން މި ޕްލޭން ތަންފީޛު ކުރެވޭން ފެށިއެވެ. ދުނިޔެ ދުށް އެންމެ އަނިޔާވެރި އަދި އެންމެ ހަމައެއްނަމައެއް ނެތް ބިން ފޭރުމުގެ ސިލްސިލާގެ ތެރެއިން، ޔޫރަޕުގެ މީހުން، ޚާއްޞަކޮށް އިނގިރޭސީން، އުތުރު އެމެރިކާގެ ވަޒަންވެރީންގެ ބިންތައް ފޭރިގަނެ އެ ބިންތަކުގައި މިއަދުގެ ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާ އުފެއްދި ގޮތުގެ ވާހަކަ ތަފްޞީލާ އެކު ވިދާޅުވުމަށް ޓަކައި ރަސްލް ތޯރންޓަން އާއި، ޑޭވިޑް އީ. ސްޓެނަރޑް އާއި، ވޯރޑް ޗަރޗިލް ފަދަ ލިޔުންތެރީންގެ ފޮތްތަކާއި މަޒުމޫނުތައް ބައްލަވައިލައްވާށެވެ.

މި ދެންނެވީ، ދުނިޔޭގެ ތާރީޚުގައި ދައުލަތްތައް އުފެދިފައި ހުންނަނީ "ފޭރިގަތުމެއްގެ ތެރެއިން، ނުވަތަ ގަދަބާރުން ތަނެއް ފަތަޙަ ކޮށް ހިފައިގަނެގެން، ނުވަތަ މި ދެ ގޮތުން" ކަމަށް ޑޭވިޑް ހިޔުމް ވިދާޅުވެފައި ވާ ބަސްފުޅަށް ޔޫރަޕުގެ ތާރީޚުން ދެ މިސާލެވެ.

ޑޭވިޑް ހިޔުމްގެ ތަޢައްޞުބުގެ ސަބަބުން، ނުވަތަ އޭނާގެ މަޢުލޫމާތުގެ އުނިކަމުގެ ސަބަބުން، ނުވަތަ އޭނާގެ ރިސާލާ ކުރު ކުރެއްވުމަށް ކުރެއްވި މަސައްކަތުގެ ތެރެއިން، އޭނާ ވަނީ އިސްލާމް ދީނުގެ ނަބިއްޔާ ދައުލަތެއް އުފެއްދެވުމުގައި ދެއްކެވި މަތިވެރި ނަމޫނާގެ ވާހަކަ އެއްގޮތަކަށް ވެސް ނުދައްކަވައި ދޫ ކޮށްލައްވައިފައެވެ. އޭނާ ޙަޤީޤަތް ބައްލަވައި، ޙަޤީޤަތަށް ވާހަކަ ދައްކަވައި، ޙަޤީޤަތް ތަބްލީޣު ކުރެއްވި ނަމަ، މަދީނާގައި އިސްލާމް ދީނުގެ ލޮބުވެތި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޤާއިމު ކުރެއްވެވި އިސްލާމީ ދައުލަތަކީ ރައްޔިތުންގެ ރުހުމާއި ޤަބޫލާއި، ރައްޔިތުންގެ އެދުމާއި، ރައްޔިތުންގެ ބައިވެރިވުމާ އެކު ދައުލަތެއް ޤާއިމު ކުރުމުގެ އެންމެ ރިވެތި އަދި އެންމެ ހެޔޮ ނަމޫނާ (quintessential example) ކަމުގައި ވިދާޅުވީހެވެ.

އިތުރު މާތް ނަބިއްޔާ މަދީނާގެ ދައުލަތް ބިނާ ކުރެއްވުމުގައި ޢަމަލުފުޅު ކުރެއްވެވި ގޮތުގެ ސަބަބުން، އެ ދައުލަތް ވެފައި ވަނީ ދުނިޔޭގެ ތާރީޚުގައި އުފެއްދުނު ދައުލަތްތަކުގެ ތެރެއިން އެންމެ ފުރިހަމަ ގޮތުގައި ޝަރްޢިއްޔަތު (Legitimacy) ލިބުނު ދައުލަތް ކަމުގައެވެ. އާދެ، އެއީ ރައްޔިތުންގެ ދައުލަތެކެވެ. ރައްޔިތުން ލޮލުން ބޮލުން އެކަމަށް އެދިގެން ރުހިގެން ޤާއިމު ކުރެވުނު ދައުލަތެކެވެ. އެ ދައުލަތުގެ ހުންގާނުގައި މާތް ނަބިއްޔާ ހިއްޕެވީ އެ ދައުލަތުގެ ރައްޔިތުންގެ ދަޢުވަތަށެވެ. އެމީހުންގެ އެދުމާ އެއްގޮތަށެވެ. ކީރިތި މާތް ނަބިއްޔާގެ ސިޔަރަތުގައި، ނަބީކަމުގެ މައްކީ ދައުރުގެ ފަހު ދެ އަހަރާއި، މަދީނީ ދައުރުގެ ފުރަތަމަ އަހަރުގެ ތާރީޚު ރަނގަޅަށް ދިރާސާ ކުރައްވައި މުޠާލިޢާ ކުރެއްވުމުން، މި ދަންނަވާ ވާހަކައިގެ ތަފްޞީލުތައް ފެނިވަޑައިގަންނަވާނެއެވެ. އިތުރު މާތް ނަބިއްޔާ މި ކަމުގައި ޢަމަލުފުޅު ކުރެއްވި ގޮތުން އަޅުގަނޑުމެންނަށް ލިބޭ ވަރަށް މުހިއްމު ފިލާވަޅެއްގެ ވާހަކަ، ނިންމައިލުމުގެ ގޮތުން، ފާހަގަ ކޮށްލާނަމެވެ. އެ ފިލާވަޅަކީ، ދައުލަތަކީ ވަކި މީހެއްގެ އެއްޗެއް ނޫންކަމުގެ ފިލާވަޅެވެ. ވަކި ޢާއިލާއެއްގެ، ވަކި ޕާޓީއެއްގެ، ވަކި ޤަބީލާއެއްގެ، ވަކި ބައިގަނޑެއްގެ އެއްޗެއް ނޫންކަމެވެ. ދައުލަތަކީ އެންމެހައި ރައްޔިތުންގެ އެއްޗެއްކަމެވެ. ދައުލަތް ބިނާ ކުރެވެނީ ރައްޔިތުންގެ އެންމެން ނުވަތަ ރައްޔިތުންގެ ތަނަވަސް އަޣްލަބިއްޔަތެއް ޤަބޫލު ކުރާ ފިކުރީ އަސާސުތަކެއްގެ މަތީގައި ކަމެވެ. އެންމެންގެ މަޞްލަޙަތާއި މަންފާއަށް ޓަކައި ކަމެވެ.

ކަން މިހެން ހުރި އިރު، އިތުރު މާތް ނަބިއްޔާގެ މި މަތިވެރި ސުންނަތުން އަޅުގަނޑުމެންނަށް ލިބިދޭ މަތިވެރި ފިލާވަޅުތަކުގެ އަލީގައި، މުސްލިމުންގެ ސިޔާސީ އަދި ދުސްތޫރީ ކަންކަން ބައްޓަން ކުރުމުގެ ބަދަލުގައި، ހުޅަނގުގެ ފިކުރުތަކާއި ފަލްސަފާތަކާއި އުޞޫލުތައް ކޮޕީ ކުރާން ތެޅިފޮޅޭ މުސްލިމުންނާ މެދު ބުނާނީ ކީކޭ ބާވައެވެ! ޖަހާލަތާއި ޣަފްލަތާއި އަޅުވެތިކަން މިއަށްވުރެ ބޮޑު ވާނޭ ގޮތަކީ ކޮބައިބާވައެވެ!

ގުޅޭ ޓެގު
comment ކޮމެންޓް