މެއި މަހު މީރާއަށް 1.28 ބިލިއަން ރުފިޔާ ބަލައިގަނެފައިވޭ

މީރާ ހިންގަމުންދާ އިމާރާތް--- ސަން ފޮޓޯ/ ފަޔާޒް މޫސާ

މިދިޔަ މަހު މީރާއަށް 1.28 ބިލިއަން ރުފިޔާ ބަލައިގަނެފައިވާ ކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)އިން ބުނެފިއެވެ.

މީރާ އިން ބުނީ އެ އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 63 އިންސައްތަ އިތުރު އަދަދެއް ކަމަށެވެ. އަދި މިއަހަރުގެ މެއި މަހުގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ 12.8 އިންސައްތަ އިތުރު އަދަދެއް ކަމަށެވެ.

މިދިޔަ އަހަރުގެ މެއި މަހު ލިބުނު އާމްދަނީއާ އަޅައިބަލާއިރު މި އަހަރުގެ މެއި މަހު ލިބިފައިވާ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ރާއްޖެއަށް ޒިޔާރާތްކުރި ފަތުރުވެރިންގެ އަދަދު އިތުރުވުން ކަމަށް މީރާއިން ބުންޏެވެ.

މީގެ އިތުރުން ޓޫރިޒަމް ދާއިރާއާ ގުޅުންހުރި ޓެކްސްތަކުން ލިބިފައިވާ އާމްދަނީ އިތުރުވުމާއި، އެއާޕޯޓް ޓެކުހާއި ފީ ނެގުމުގެ ގާނޫނަށް ގެނައި އިސްލާހާއެކު އާމްދަނީ އިތުރުވެފައިވާ ކަމަށް ވެސް މީރާއިން ބުންޏެވެ.

މީރާއިން އިތުރަށް ބުނީ ޖީޖީއެސްޓީ އަދި ނަން-ރެޒިޑެންޓް ވިތްހޯލްޑިން ޓެކްސްގެ ގޮތުގައި ބޮޑު އާމްދަނީއެއް ލިބިފައިވުމަކީ ޖުމުލަ އާމްދަނީއަށް ލިބުނު ކުރިއެރުމެއް ކަމަށެވެ.

މިދިޔަ މަހު މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީކަން ފާހަގަކޮށް މީރާއިން ބުނީ އެއީ 64.7 އިންސައްތަ ނުވަތަ 829.44 މިލިއަން ރުފިޔާ ކަމަށެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އިންކަމް ޓެކްސްއިން ކަމަށް ވާއިރު އެއީ 8.3 އިންސައްތަ ނުވަތަ 105.85 މިލިއަން ރުފިޔާ ކަމަށް މީރާއިން ބުނެއެވެ.

ގްރީން ޓެކްސްގެ ގޮތުގައި 96.58 މިލިއަން ރުފިޔާ، އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 60.61 މިލިއަން ރުފިޔާ، އެއާޕޯޓް ސާވިސް ޗާޖްގެ ގޮތުގައި 59.80 މިލިއަން ރުފިޔާ އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 129.81 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ވެސް މީރާއިން ބުނެއެވެ.

މިދިޔަ މަހު ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 53.47 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.

comment ކޮމެންޓް