ކެންސަރާ ބެހޭ ކުޑަ ދިރާސާއަކުން ތާރީޚީ ނަތީޖާއެއް

ދިރާސާގައި ބައިވެރިވި ހަތަރު މީހަކު، ދީރާސާ ކުރިއަށް ގެންދިޔުމުގައި ހަރަކާތްތެރިވި ދެ ސައިންސުވެރިއަކާއެކު -- ފޮޓޯ/ މެމޯރިއަލް ސްލޯން ކޭޓަރިން ކެންސާ ސެންޓަރުގައި

ކެންސަރު ޖެހިފައިވާ 18 މީހަކު ބައިވެރިކޮށްގެން، އެ ބަލި ފަސޭހަ ކުރުމަށް ދެވިދާނެ ބޭހެއް ޓެސްޓު ކުރި ދިރާސާއެއްގައި އެ 18 މީހުން ވެސް ބަލިން ރަނގަޅުވެއްޖެއެވެ.

އެމެރިކާގެ މެންހަޓަންގެ މެމޯރިއަލް ސްލޯން ކޭޓަރިން ކެންސާ ސެންޓަރުގައި ހެދި އެ ދިރާސާގައި ބައިވެރިކޮށްފައި ވަނީ ފުރަގަސްފަރާތުގެ ކެންސަރު ޖެހިފައިވާ 18 މީހެކެވެ. އެ އެންމެންނަކީ ވެސް މީގެ ކުރިން ކެންސަރަށް އެކި ފަރުވާތައް ހޯދާފައިވާ މީހުންނެވެ. އެގޮތުން، ކީމޯތެރަޕީއާއި ރޭޑިއޭޝަން ތެރަޕީ ނަގައި، އެކި ކަހަލަ ބޮޑެތި އޯޕަރޭޝަންތައް ކޮށްފައިވެއެވެ.

ގާތްގަނޑަކަށް ހަ މަސް ދުވަސް ވަންދެން ކުރިއަށްގެންދިޔަ އެ ދިރާސާގައި ޓެސްޓުކޮށްފައި ވަނީ "ޑޮސްޓާލިމަބް" ކިޔާ ބޭހެކެވެ.

ޑޮސްޓާލިމަބްއަކީ ހަށިގަނޑުގައި އުފެދޭ ކެންސަރު ސެލްތައް ދެނެގަތުމަށް ދިފާއީ ނިޒާމަށް އެހީތެރިވެދީ، ކެންސަރު ސެލްތައް ނައްތާލުމަށް މެދުވެރިކުރާ ބޭހެކެވެ.

އެ ދިރާސާގެ ބައިވެރިން ކޮންމެ ތިން ހަފުތާއަކު، ހަ މަސް ދުވަސްވަންދެން އެ ބޭސް ބޭނުންކުރިއެވެ.

އެ ދިރާސާ ނިމުނު އިރު 18 މީހުންގެ ހަށިގަނޑުން ވެސް ޓިއުމަރުގެ އަސަރު ވަނީ ނެތިގެންގޮސްފައެވެ. އެގޮތުން ޕެޓް ސްކޭނާއި އެމްއާރްއައިއާއި އެންޑޮސްކޮޕީ ހެދުމުން ވެސް އެމީހުންގެ ހަށިގަނޑުން ފަހުން ޓިއުމަރު ފެނިފައިނުވެއެވެ.

މީގެ އިތުރުން ދިރާސާ ނިމިގެން، ހަ މަހާއި 25 މަހާ ދެމެދުގެ މުއްދަތަކަށް ބެލި ބެލުމުން އެމީހުންގެ ހަށިގަނޑުން ކެންސަރު ފެނިފައި ނުވާ ކަމަށް ވެސް ދިރާސާގެ ނަތީޖާގައިވެއެވެ.

އެއީ އެފަދަ ބޭހެއް ޓެސްޓުކުރި ދިރާސާއެއްގައި ބައިވެރިވި ކެންސަރު ޖެހިފައިވާ އެންމެން ބަލިން ފަސޭހަވި ފުރަތަމަ ފަހަރެވެ.

އިނގިރޭސިވިލާތުގެ ބޭސް އުފައްދާ ކުންފުންޏެއް ކަމަށްވާ ގްލަކްސޮސްމިތްކްލައިން އިން ސްޕޮންސާކޮށްފައިވާ އެ ދިރާސާ މިހާރު ވަނީ ނިއު އިންގްލެންޑް ޖާނަލް އޮފް މެޑިސިންގައި ޝާއިއުކޮށްފައެވެ.

އެ ދިރާސާގެ ނަތީޖާއަކީ އުންމީދީ ނަތީޖާއެއް ނަމަވެސް އެ ދިރާސާ އަދި ފުޅާ ދާއިރާއެއްގައި، އިތުރު މީހުން ބައިވެރިކޮށްގެން ކުރިއަށްގެންދަން ޖެހޭ ކަމަށް ކަމާ ބެހޭ މާހިރުން ވިދާޅުވެއެވެ.

comment ކޮމެންޓް