ދާރުލްއާސާރުގެ ވެރިޔާ އެކްސިޑެންޓް ވެ، ހާލު ސީރިއަސް ވެއްޖެ

ރާއްޖޭގެ ގައުމީ ދާރުލްއާސާރުގެ އިސް ވެރިޔާ އަދި ހެރިޓޭޖު މިނިސްޓްރީގެ ސީނިޔާ ޕޮލިސީ ޑިރެކްޓަރު އަހުމަދު ހާޝިމް (ޓިންޓިން)

ހެރިޓޭޖު މިނިސްޓްރީގެ ސީނިޔާ ޕޮލިސީ ޑިރެކްޓަރު އަޙްމަދު ހާޝިމް (ޓިންޓިން) ރޭ ހިނގި އެކްސިޑެންޓެއްގައި އަނިޔާވެ ހާލު ސީރިއަސް ވެއްޖެއެވެ.

ޓިންޓިންގެ ކޮއްކޮ އަދި ވައިކަރަދޫގެ ކުރީގެ ކައުންސިލްގެ ރައީސް އަބްދުﷲ ވާފިރު "ސަން" އާ ވާހަކަ ދައްކަވަމުން ވިދާޅުވީ އެކްސިޑެންޓް ހިނގާފައިވަނީ ރޭގެ 8:00 ގެ ފަހުން މާލޭ ޖަލު ސަރަހައްދުން ހިނގާފައި މަގު ހުރަސްކުރަނިކޮށް ކަމަށެވެ.

"މަގު ހުރަސްކުރަނި ކޮށް ވަރަށް ބާރަށް ޓްރެފިކް ގަވާއިދާ ޚިލާފަށް ދުއްވާފަ އައި ސައިކަލަކުން ޖެހިފަ އެކްސިޑެންޓް ވީ. ހާޝިމް މަގު ހުރަސްކުރީ ހިނގާފަ." އޭނާ ވިދާޅުވިއެވެ.

ވާފިރު ވިދާޅުވީ އެކްސިޑެންޓް ވުމާއެކު ޓްރީ ޓޮޕްގެ އެމްބިއުލާންސްއެއްގައި އެންމެ ފުރަތަމަ ގެންދިޔައީ ޓްރީ ޓޮޕް ހޮސްޕިޓަލަށް ކަމަށެވެ.

" ޓްރީ ޓޮޕަށް ގެންގޮސްފަ ސީޓީ ސްކޭންއެއް ކޮށްފަ އިތުރު ސާޖަރީއެއް ހަދަން އެދިފަ އޮތީމަ އެ ހޮސްޕިޓަލުގަ ޑޮކްޓަރުންގެ ދަތިކަމެއް ހުރެގެން ރޭ ދަންވަރު ބަދަލުކުރީ އޭޑީކޭއަށް." އޭނާ ބުންޏެވެ.

އެކްސިޑެންޓްވެ ޓްރީ ޓޮޕް ހޮސްޕިޓަލަށް ޓިންޓިން ގެންދަނީ -- ފޮޓޯ/ އަބްފުﷲ ވާފިރު

މި އެކްސިޑެންޓުގައި ޓިންޓިންގެ ސިކުނޑި ދުޅަވެ، ސިކުނޑިއަށް ލޭ ފައިބާތީ އަދިވެސް ސާޖަރީ ކުރިއަށް ގެންދެވޭގޮތް ވަނީ ނުވެފައެވެ.

އެކްސިޑެންޓް ގެ ސަބަބުން ލިބުނު އަނިޔާތަކުން މީހާގެ މޫނުމަތީގެ ސިފަ ގެއްލިފައިވާކަމަށް ވާފިރު ވިދާޅުވިއެވެ. އަދި މިހާރު ވެސް ޓިންޓިންގެ ހާލު ދަނީ ދަށަށް ކަމަށް އޭނާ ވިދާޅުވިއެވެ.

" ސިކުނޑިއަށް ޑެމޭޖްވާކަމަށް ވަންޏާ މުޅި ހަށިގަނޑަށް އޭގެ އަސަރު ކުރާނެ ނޫންތޯ." ވާފިރު ވިދާޅުވިއެވެ.

ޓިންޓިންއަށް މީގެ ކުރިން ހާޓް އެޓޭކެއް ވެސް ޖެހިފައިވާކަން ވާފިރު ފާހަގަކުރެއްވިއެވެ. އަދި އެ ހާދިސާ ވެސް ހިނގީ މަގުމަތީ ހުއްޓާކަމަށް އޭނާ ވިދާޅުވިއެވެ.

"މިޒަމާނުގައި ޓެކްނޮލޮޖީ ބޭނުން ކޮށްގެން އެބަޖެހޭ މަގުމަތީގަ މަގު ހުރަސްކުރާ މީހުންގެ ސަލާމަތީ ކަންކަން ބަލަން." ވާފިރު ވިދާޅުވިއެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ ރޭ 08:23 ހާއިރު ޕޮލިސް ޓޯޔާޑް ސަރަހައްދުން ހިނގާފައިދިޔަ މީހެއް ގައިގައި ސައިކަލަކުން ޖެހި އެކްސިޑެންޓެއް ހިނގިކަން ރިޕޯޓުކޮށްފައިވާކަމަށެވެ.

ސައިކަލު ދުއްވި މީހާއަކީ ލައިސަންސް އޮންނަ މީހެއް ކަމަށާއި މިކަމާ ގުޅިގެން ބަލަންޖެހޭ އިތުރު ކަންކަން ބަލަމުންދާކަމަށް ފުލުން ބުންޏެވެ.

ޓިންޓިން އަކީ ހެރިޓޭޖް މިނިސްޓްރީގެ ސީނިޔާ ޕޮލިސީ ޑިރެކްޓަރަށް ވުމުން އޭނާއަށް ވަނީ ދާރުލްއާސާރުގެ އިސް ވެރިޔާގެ މަގާމު ވެސް ލިބިފައެވެ.

އެމްޑީޕީއަށް ނިސްބަތްވާ ޓިންޓިން ވަނީ ގިނަ ދުވަސްތަކެއް ވަންދެން އެމްޑީޕީގެ ވައިކަރަދޫ ދާއިރާގެ ރައީސްކަން ވެސް ކުރައްވާފައެވެ.

comment ކޮމެންޓް