"ބައްޔަކީ ތިބާދެކެ ﷲ ސުބުހާނަހޫ ވަތައާލާ ލޯބިވެވޮޑިގެންވާ ކަމުގެ އަލާމާތެކެވެ."

***

"އަޑުއަހާ ހިތުން ދެން އެންމެ މިނިޓަކަށްވެސް ކެތްނުލަވާނެ." ޚައިރާ ސިއާރާގެ ކޮނޑުގައި އެލިގަތެވެ.

"އެކަމަކު އެންމެ ކުރިން ނަމާދުކޮށްގެން....." ސިއާރާ ޚައިރާގެ ކޮލުގައި ބާރަކަށް ހިފައިލިއެވެ.

"ޔަޕް. ކެތްތެރިކަމަކީވެސް އަޅުކަމެއް. އަދި ނަމާދު ގާއިމުކުރާ މީހުންނަށް ﷲ ތައުރީފުގެ ބަސްފުޅު ވަހީކުރައްވާފައިވޭ. އެހެންވީމަ އެހެން ހުރިހާކަމެއް ހުއްޓާލާފައި ބަންގީގެ އަޑަށް ނަމާދުކުރުން އެންމެ އިސްކަމަކަށް ހަދަން އެބަޖެހޭ......" ޚައިރާ ވުޟޫކުރަންވެގެން ހެދުމުގެ އަތުކުރި އޮޅާލައިފިއެވެ.

ނަމާދުކޮށް ނިމިގެން ސުފުރާ ތައްޔާރުކުރުމުގައި ދެކުދިން އަވަދިނެތި އުޅުނުއިރު ސިއާރާ އުފާވެރި ޚަބަރުދިނެވެ. އޭނަ ބަލިވެއިނީއެވެ. އަދި އެނިމުނީއެއް ނޫނެވެ. އުފާވެރިކަން އެތައް ގުނަ އިތުރުވީ އެއްމާބަނޑު ދެކުދިންކަން އެނގުމުންނެވެ. އެއަށްވުރެ ސިއާރާގެ ހިނިތުންވުން ފުޅާވެ ލޮލަށް އުފާވެރިކަމުގެ ކަރުނަ ގެނުވީ އޭނަގެ މާމައާއި ކާފަ އިސްލާމްދީންގެ ހިދާޔަތް ލިބި ޝަހާދަތުގެ ކަލިމަ ކީ ވާހަކަ ބުނި ވަގުތުގައެވެ.

"އެންމެން އެކީ ޖަންނަތުގައި ލެއްވުމަށް އަބަދާ އަބަދު ދުޢާކުރިން. ކާފަ ސްޓަބްންކަމުން ކާބަފައިންގެ ދީނުގައި ސާބިތުވެ ހުރީ. ގުރުއާނުގެ އާޔަތްތައް ކިޔާދީ ދީ ވަރުބަލިވީއިރުވެސް ބުނީ ކާބަފައިން ޖަހަންނަމަށް ދިޔައްޔާ އެމީހުންނާއެކުގައި ވާށޭ ކާފަވެސް ބޭނުމީ. ފަހުން ކާފައަށް ތަރުޖަމާ ދިނިން. ހިދާޔަތް ދެއްވުމަށް އެދި ދުޢާކުރިން...."

"އަލްހަމްދުލިﷲ. އަހަންނަށްވެސް އޯސީޑީއިން އަރައިގަނެވުނީ އެކަހަލަ ގޮތަކަށް. ކުރީކޮޅު ތެރަޕީ ހޯދިން. އަސަރެއްނުކުރި. އޭރު ހާރިސްވެސް ފޫހިވެގެން ދޫކޮށްލާފައި ގޮސްދާނެހެން ހީވި ހިސާބަށްވެސް ހާލަތު ގޯސްވި. އޭނަ މަގޭ ސްޓަފްގައި އަތްލިޔަސް ހުންނަގޮތަށް ބަހައްޓަން ބުނިން. އޭނަގެ އަތުގައި އަތްލިޔަސް ދޮރުތަޅުގައި ތިންފަހަރު އަތްލާގޮތަށް ޓަޗް ކޮށްފައި އަނެއްކާ އަތް ދުރުކޮށްފައި އެކަހަލަ މޮޔަގޮތަކަށް އުޅެވުނު. ބްރީތިން އެކްސަސައިޒްއިން ޕެނިކް ރަގަޅުވާނެކަމަށް ތެރަޕިސްޓް ބުނެފައި އޮތުމުން އެހެން އުޅެން ހަދައިގެން ނޭވާ ލެވެނީ ނުބައިކޮށްކަމަށް ހީކޮށް އިތުރަށް ގޯސްވި ފަހަރުވެސް އައި.ފަހުން ހާރިސް ބުނިގޮތަށް ރުގުޔާކުރިން. ﷲއަށް ބަރޯސާވެ ތަވައްކަލުކުރަން ފެށުމުން ވަރަށް ބޮޑަށް އިމްޕްރޫވްވި..."

ހާރިސްއާއި އެލިޔަސް އައިއިރު ސުފުރާ ތައްޔާރުކޮށްފައި ހުރީ ބޮޑުކޮޓަރިތެރޭގައެވެ. ރީތި ކުއިލްޓެއް ފަތުރައިލުމަށްފަހު ކާތަކެތި އަތުރައިލީ އަލިފާން އަންދާތަނުގެ ކައިރީގައެވެ. އަލިފާނުގެ ހުޅުތަކުގެ އޮރެންޖް އަލި އެތަނުގައި ފިޔަޖަހަމުން ދިޔައިރު ދޮރުތަކުން ފެންނަނީ ސްނޯ ފައިބާ ހުވަފެނީ މަންޒަރެވެ. ދުވާ މީރުވަހުން ބަނޑު ފުރިގެން އަރާވަރުވެއެވެ. އެލިޔަސްއަކީ މަހުރަމަކަށް ނުވާތީ ޚައިރާއަށް އޭނައާއިއެކު ކާން ފަސޭހަނުވާނެތީ ފަހުން ކާންވެގެން އެތެރެއަށް ވަނެވެ.

"އަހަންނަކަށް ނޭގޭ. މަގޭ ހިތް ބުނަނީ ކޮންމެވެސް ބޮޑުކަމެއްވާން އެބައުޅެއޭ. ސިކުނޑީގެ ކޮންމެވެސް ދިމާލަކުން އެހެން އެބަބުނޭ. އެޕެޓައިޓްވެސް ގެއްލިއްޖެ......." ހާރިސް ކާ ހިތްނުވެފައި ހަމައެކަނި ބާންޓް ކެރެމެލް ލާޓޭތަށި ބޯންފެށިއެވެ.

"ނޫން ހާރިސް ދޮންބެ. އެހާވަރުން ކެއްކީމަ ނުކައިފިއްޔާ ހިތް ހަލާކުވެދާނެ..." ސިއާރާ ތުން ފިތައިލިއެވެ.

"އެންމެ ރަގަޅު. އެކަމަކު މި ލާޓޭތަށިވެސް ހާދަ މީރޭ މާޝާﷲ. ކޮއްކޮވެސް ކައްކަން ވަރަށް މޮޅުވެއްޖެދޯ..."

"އީޒީ ރެސިޕީއެއް..."ސިއާރާ ހާރިސްއާއި އެލިޔަސްގެ ދެމެދުގައި އިށީދެ ހާރިސްގެ ތަށްޓަށް ރޯސްޓްކޮށްފައިވާ ކުކުޅު ފަޔެއްލިއެވެ."މިވެސް ވަރަށް މީރުވާނެ...ސްޕައިސީކަމުން ހަމަ ވިންޓަރއަށް އެންމެ އެކަށީގެންވާގޮތަށް ހުރިހާ އެއްޗެހި ހުންނާނީ..."

ސިއާރާ ކޮންމެ ވައްތަރަކުން އެއްޗެއް ހާރިސް އަދި އެލިޔަސްގެ ތަށްޓަށް އަޅާދެމުން ދިޔައިރު ބޮޑު ބޮޑު އަޅި ދެލޯ އުޖާލާކަމާއެކު ވިދަވިދާ ހުއްޓެވެ. އުފާވެރިކަމުގެ އިންތިހާ މޫނެކެވެ.

"އެލިޔަސްއާއި ދޮންބެއަށްވެސް ޗެރީ މީރުވީމަ މިހިރީ ހޯދާފައި..."

"ސިއާރާއަށް ޗެރީ ނުބައި ވީމަ ހަމަ ޝޮކިން........"އެލިޔަސް ޗެރީއެއް އަނގަޔަށް ލާފައި ހަފަންފެށިއެވެ. އަދި އެކަތި ސިއާރާގެ އަނގައިގާ ލައްވަން އުޅުމުން ހީގަނެފައި އެއަތުގައި މަޑުމަޑުން ހިފާ ދުރުކޮށްލިއެވެ. ނިކަން މަޑުންނެވެ. ލޯބިންނެވެ. ހާރިސްއަށްވެސް އެދެމަފިރިން އެކަކު އަނެކަކަށް ކުރާ އިހުތިރާމްއާއި ލޯބިވާވަރު އަންދާޒާކުރެވުނެވެ. އެކަކު އަނެކަކަށް ބަލާގޮތުންވެސް މެއެވެ.

"ބައެއް މޭވާ އެއްގޮތަކަށްވެސް ނުކެވޭ...."

"އަދި ކޮންމެވެސް ދުވަހަކުން މީރުވެދާނެ. ލައިކް ޕްރެގްވީމަވެސް.."ހާރިސް ބުމަ އަރުވައިލިއެވެ.

"ހޫމް..އައި ތިންކް...އެލިޔަސްއަށް ނުހުރެވިގެން މާ ކުރިން ބުނެފި........" ސިއާރާއަށް ހާރިސްގެ ތުންފަތަށް ވެރިވި ލާނެތް ހިނިތުންވުން ފެނުނެވެ.

"ޔަޕް...މަރުހަބާ ސިސް. އަންކަލްއަށްވާން އުޅޭތީ ﷲއަށް ހަމްދުކުރަން. އަމިއްލަ ދަރިއެއްލިބުމުންވެސް އުފާވާނީ މިހާވަރަށް ކަން ނޭގޭ. މަންމަވެސް އަބަދު ސިއާރާ ނުފެނިގެން އެވާހަކަ ވަރަށް ދައްކާ..." ހާރިސް ބުނެލިއެވެ.

"ޖަޒާކަﷲ ޚައިރަން..." ސިއާރާ ހުރިހާ ދަތްތައް ފެންނަވަރަށް ހީލިއެވެ.

"މަންމަ އަދިވެސް ދީނާއިބެހޭގޮތުން ރިސާޗް ހަދަނީ ދޯ.ދޮންބެއާއެކު މިހާ ގިނަ އަހަރުވީއިރު މަންމައަށް އަދިވެސް ދީން ނޭގެނީބާވައޭ ހިތަށް އެރި. އެހެނެއްނޫން ދޯ އެވަނީ. ހިދާޔަތަކީ އަދި މުޅިން އެހެން ކަމެއް.އަހަރެމެންނަށް އޮތީ މަންމައަށްޓަކާ ދުޢާކުރުން. މަންމަ މަތިން މިސްވޭ އެކަމަކު އަހަރެމެންނަށް މިހާރު އޮތީ ކެތްކުރުން...މިދިރިއުޅުންވެސް ހިތްހަމަޖެހޭ. މަންމައާއެކު ޖަންނަތުގައި އެކީވާނެ އިންޝާﷲ. މިއީ ވަގުތީ ފާލަމެއް. އެންމެނަކީ ދަތުރުވެރިން. ވަރަށް ގިނަ އިމްތިހާނުތަކާއި ކުރިމަތިލާން ޖެހޭނެ. ދާއިމީ ގޮވަތީގައި ލޯބިވާ މީހުންނާއެކު އުޅެވުމަށް އެދި މި މަސައްކަތްކުރަނީ......" ސިއާރާގެ ވާހަކަތައް ހުރީ އެލިޔަސްއާއި ހާރިސް އުފާވާފަދަ ގޮތަށް ކަން އެދެޒުވާނުންގެ މޫނަށް ބަލައިލި ކޮންމެ މީހަކަށް އެނގޭނެއެވެ.

އެލިޔަސް ނިދާކޮޓަރިއަށް ވަނުމުން ޚައިރާ ކާން ނުކުތެވެ.

އުފާވެރި މާހައުލެއްގައި ކެއުން ނިންމައިލުމަށްފަހު ތަށިތައް ނަގަން ހާރިސްވެސް އެހީވެދިނެވެ. ކިރިޔާ އަޑެއް އިވިލިޔަސް ހާރިސް އެދިމާލަށް ބަލައިލަނީ ކޮންމެވެސް ވަރަކަސް ހާސްވެފައި ހުރެއެވެ. ކޮންމެވެސް ކަމަކާއި ނުތަނަވަސްވެފައި ހުރި ފަދައިންނެވެ. މިހުރިހާއިރުވާންދެން އެ އިހުސާސްތައް އޭނައާއި ވަކިވެފައި ހުރުމަށްފަހު އަނެއްކާވެސް އެ ބިރުވެރިކަން ހިތަށް އުދަގޫކުރުވިއެވެ.

***

ދަންވަރު ސިއާރާ ހަޅޭއްލަވައިގެންފާ އެނދުގައި އިށީންއިރު ފިނި ދަލެއް ހިއްލާލައިފިއެވެ. އަވަހަށް ކިޔައިލެވުނީ ބިރުވެރި ހުވަފެނެއް ގައި ހޭލެވުމުން ކިޔަން ޖެހޭ ދުޢާއެވެ. أَعُوذُ بِكَلِمَاتِ اللَّهِ التَّامَّةِ مِنْ غَضَبِهِ وَعِقَابِهِ وَشَرِّ عِبَادِهِ وَمِنْ هَمَزَاتِ الشَّيَاطِينِ وَأَنْ يَحْضُرُونَ.އެލިޔަސްއަށް ހޭލެވިގެން ސިއާރާ މަސަލަސްކުރަން އުޅުނެވެ.

"لَا حَوْلَ وَلَا قُوَّۃَ اِلَّا بِاللّٰهِ الْعَلِیِّ الْعَظِیْمِ .ކޮންފަދަ ބިރުވެރި ހުވަފެނެއް ފެނުނީ....." ސިއާރާއަށް މަޑުމަޑުން އަތް ޖައްސައިލެވުނީ ބަނޑުގައެވެ.

"ހުވަފެނަކީ ބިލާހެއް.. ގޯސް ހުވަފެން ދައްކަނީ ޝައިތާނާ. ކުރުސި ކިޔަވައިގެން ނިދާލީމަ ރަގަޅުވާނެ.." އެލިޔަސް ރަޖާގަނޑު ރީތިކޮށްލަދިނެވެ.

"އެންމެ ހައިރާންވަނީ ހުވަފެން ހަނދާންނެތުނީމަ. އެނގޭކަމަކީ ނުރައްކާތެރި ހާދިސާއެއް ހިނގިކަން. ދޮންބެ މެންނަށް ގެއަށް ފޯރަފާނެތަ؟ ގަޑިން ކިހާއިރެއް؟" ސިއާރާ ކަންބޮޑުވީ ހާރިސްއާއި ޚައިރާއާއިމެދުގައެވެ. ބޯކޮށް ސްނޯފައިބަމުން ދާއިރު ހާރިސްމެންނަށް ސަލާމަތުން ދެވިއްޖެއްޔާ ކިތަންމެހާވެސް ރަގަޅެވެ. ސަލާމަތް ދަތުރަކަށް އެދި އަނެއްކާވެސް ދުޢާކުރެވުނެވެ.

**

ޚައިރާ ލައިގެން އިން ބޯ ކެހެރި ކޯޓާއެކުވެސް ފިނިވެގެން އުޅެން ފެށުމުން ހާރިސް އޭނަގެ ކޯޓުވެސް ލައްވާދިނެވެ. ކާރުގެ ވައިޕަރުން މަޑުމަޑުން ސްނޯގެ އެތިކޮޅުތައް ފޮހެމުންދިޔައިރު ކޮންމެވެސް ކާރެއް އޭނަގެ ފަހަތުން އަންނަކަން ޔަގީންވިއެވެ. ފާރަލަނީ ކާކުހެއްޔެވެ؟ ކަޅުކުލައިގެ ކާރު ފަހަތުން އަންނަ ވާހަކަ ބުނެގެން ޚައިރާ ބިރުގަންނަވަން ބޭނުމެއްނުވިއެވެ. އެއާއެކު ޚައިރާގެ ސަލާމަތާއިމެދުވެސް ވިސްނިއެވެ. ތަންކޮޅެއް ދުވެލި ބާރުކޮށްލައިފިއެވެ.

"ޕަރަނޮއިޑްވަނީއެއް ނޫން. ޔަގީނުންވެސް އެ ކާރު އެބަ ފޮލޯ ކުރޭ.އަހަންނާއި ޖައްސާލައިގެން މިއުޅެނީ ކާކުބާ.." ހާރިސް ހިތާހިތުން ކިޔައިލިއެވެ.

***

ދެއަހަރުވާންދެން އެއް ފުރާޅެއްގެ ދަށުގައި ވޭތުކުރެވުނުއިރު އަލާނާގެ މަޑުމައިތިރި މިޒާޖާއި ބަސް އަހާވަރާއި އަޅުވެރިކަން އެރިކްއަށް ކޮންމެވެސް ވަރަކަށް ފެނުނެވެ. ކަންދިމާވިގޮތުން އެއް ދުވަހު އެކުއްޖާގެ ލޯ ފެނުމާއެކު އެރިކްގެ ހިތަށް ވީގޮތް ދެނެވޮޑިގެންވަނީ ހެއްދެވި ފަރާތެވެ. އެހާ ރީތި ވިދުންގަދަ ލޮލެއް ހަޔާތުގައިވެސް އޭނަ ދެކެފައެއްނެތެވެ. އެރިކްއާއި ހަތަރުކަޅި ބައްދަލުވީހިނދު ސިހިފައި އަލާނާ މޫނުފޮތިކޮޅު ވައްޓައިލިއެވެ. އެރިކްގެ ހިތަށް ވީ އާދަޔާ ޚިލާފު ގޮތެކެވެ.ސިއްރު ސިއްރުން އަލާނާއަށް ހިތްދެވުނުއިރު މި ލޯބީގެ ނަތީޖާ ނިކުންނާނެގޮތެއް ޚިޔާލަކަށްވެސް ނުގެނެވެއެވެ. އެނގުނީ އެންމެ ގާތްއެކުވެރިޔާގެ އަންހެނުންދެކެ ލޯބި ވެވުނުކަމެވެ. ސިއްރުން އެކުއްޖާއަށް ފާރަލަވެންފެށިއެވެ.ކޮޓަރިން އަލާނާ ނިކުންނަނީ ކަޅުހެދުމުގައި މޫނުވެސް ނިވާކޮށްގެން ކަމުގައިވިޔަސް އެކުއްޖާ ހިނގާމަގުގައިވެސް ލިލީ ފިނިފެންމާ ގާޑެނިއާފަދަ މީރުވަސް ހިފާލާފައި ހުންނަކަން އެނގެއެވެ. ހިގުމާއި ހަށިގަނޑުގެ ސީދާކަންވެސް ހިތަށް އުދަގޫކުރުވައެވެ. އެރިކްގެ ހިތުގައި ހަމްދަރުދީ އުފެދެނީ އަލާނާއާއިމެދުގައެވެ. އަސްލަން އެކުއްޖާއާއިމެދު އަޅާލާ ލޯބިވާކަމުގެ ނިޝާނެއް ނުފެންނާތީއެވެ.

އެރިކް ކޮފީއެއް ބޯލަންވެގެން ކާބަޔާއި ދިމާލަށް ދިޔައިރު އަލާނާ އެތާ ހުރެދާނެކަމަށް ހީކޮށްފައެއްނެތެވެ. ނަމަވެސް ނުނިދާ އޮވުމުގެ ސިއްރަކީ އެ އަންހެންކުއްޖާއެވެ. މީހެއްގެ ހިލަންވުމާއެކު އަލާނާ އަވަހަށް މޫނުފޮތިކޮޅު ވައްޓައިލަމުން ކުޑަކޮށް އަނެއްފަރާތަށް އެނބުރުނީ މޫނު ނުދައްކަން ވެގެންނެވެ. ނަމަވެސް ލޯ ފޮހެލިހެން ހީވިއެވެ.

"ސުބުހާނަﷲ. އަލާނާ ރޮނީތަ؟ އަލާނާ ހުމާއި އުޅޭ ވާހަކަ މަންމަ ކި. އަސްލަން ކޮބައިތަ؟ އަލާނާ މިހާ ބަލިއިރުވެސް އަޅާނުލާ އޭނަ ހުރިތަނެއް ނޭގޭ.."އެރިކް ކޮފީ ތަށްޓެއް އަޅައިގެން އެނބުރި ދާން އުޅެނިކޮށް އަސްލަން ދޮރުމައްޗަށް އެރިތަން ފެނުމުން ފިޔަވަޅުތައް ހުއްޓުނެވެ.

"އަނހަ ޑޮކްޓަރ އެރިކް ފެނުމުން މަގޭ ވައިފްގެ ބަލިގަނޑުވެސް ރަގަޅުވެއްޖެ. މަ ނިދިއިރު ރަޖާލައިގެން ކުކުރަން އޮތް ކުއްޖާ ވިއްޔަ. މަގޭ ބެސްޓީ ކިހާ ކެއަރިން. މަ ނެތީމަ އަލާނާއާއި އަޅާލަނީ. ކޮފީވެސް ހަދާދިނީދޯ...." އަސްލަން ކޮފީތަށި އަތުލިއެވެ. އެ އަޑުގައި ހުރި ދިމާކުރުމާއި ޖެއްސުމުގެ ރާގު އެރިކްގެ ހިތަށް އުދަގޫކުރުވިއެވެ. އަސްލަންއަށް އެ މަންޒަރު ނެގުނީ ނުބައިކޮށެވެ."އަލާނާ. މަށަށްވެސް ކޮފީއެއް ހަދާދީފާނަންތަ؟"

އަސްލަން ހުއްޓުނީ ކުޑަދޮރު ކައިރީގައެވެ. ހުއްޓުމެއްނެތި ވެހެމުން ދިޔަ ސްނޯއިން ގަސްތަކުގައި ހުދު ފޭރާން ލައްވަމުން ދިޔައެވެ. އަލާނާ ކޮފީތަށްޓެއް އަޅައިގެން އައިސް އަސްލަންގެ އަތަށް ދިނުމުން އަލާނާގެ ބޮލުގައި މަޑުމަޑުން ފިރުމައިލަމުން ޝުކުރު އަދާކުރިއެވެ. އަލާނާ ނިކަން އަވަސް ހިނގުމެއްގައި އެތަނުން ނުކުތެވެ.

"ވަރަށް އަންރޮމެންޓިކް ދޯ. ފްލާވާސް. ލިޓްލް ގިފްޓްސް، އެކަހަލަ އެއްޗެއްވެސް ބޭނުމެއްނުވޭ. އުއްބައްތިތައް ދިއްލިޔަސް ދެން ގޭގައި ހުޅު ރޯވެދާނެތީ އުޅޭފަދަ. އެއްވެސް ކަހަލަ ސްޕެޝަލް ޑޭއެއް ފާހަގަކުރުމެއްނެތް. ބާތްޑޭ ދުވަހުވެސް އެންމެ ކުޑަވެެގެން ވިޝްވެސް ކޮށްނުލާ. އަދިއެހާ ލަދުރަކިވީމަ ކިހާ ބޮލަށް އުދަގޫ. ތެދަށް ބުނަންޏާ މިހާރު އިނދެވުނުކަމުގެ މޮޔަ ހީވޭ. އެކަމަކު. ވައިފްވީމަ ހުރިހާ ކަމަކަށް ކެތްކޮށްގެން ދެއަހަރު ހޭދަކުރީ...." އަސްލަން ކޮފީތަށިން ކޯވަރެއް ދިރުވައިލިއެވެ.

"ރީތި އެކަމަކު ކެހިވެރި ދުނިޔެއެއް ދޯ..."

"އަސްލަން. ތިބުނީ ކީކޭ؟ލޮލަށް ފެންނަ ކޮންމެ މަންޒަރަކީ ހަގީގަތެއްނޫން......"

"އާނ. ދެން ލަދެއް ކިރިޔާވެސް ހުރިއްޔާ އެރިކް އެވައްތަރަކަށް ނުތެޅޭނެ ހެހެ. އައި ވޯޒް ކިޑިން. އެރިކްއަކީ އަންހެނުން ނެތް ޕްލެނެޓަކަސް ހިޖުރަ ކުރަން ޖެހޭ ފުރާނައެއްކަން ހަދާން ނައްތައިލެވުނީ. އެކަމަކު މިރޭ ނުނިދިގެން ހުރިހާ ކުދިންނަށް އުޅެނީ ކިއްވެތަ؟" އަސްލަން ކުޑަދޮރަށް ލެނގިލިއެވެ. އެއް އަތުން ކޮފީތަށި ހިފަހައްޓައިގެން ހުރެ އޭނަ އެރިކްގެ މޫނަށް ބަލަމުންދިޔައީ ވިސްނުންތެރިކަމާއެކުގައެވެ. އެރިކް އަށް ކުށްވެރި އިހުސާސްތަކެއް ކުރެވުނެވެ. ހަގީގަތުގައި އަސްލަންއަށް އެކުރެވުނީ މުޅިން ކުށްހީއެއްވެސް ނޫންތާއެވެ. އަސްލަންގެ އަންހެނުންނާއިމެދު އޭނަ ނުބައިކޮށް ވިސްނާން ފަށައިފިއެވެ. އެ ޚިޔާލުތަކުން އޭނަގެ ނިދި ނަގާލައިފިއެވެ.

"ސްނޯގެ ސަބަބުން..ތޫފާނެއް އަންނަން އުޅޭތީ...."

"އަންނަން އޮތް ތޫފާނެއްގެ ބޮޑުކަން ޕްރެޑިކްޓްކުރަން ވަރަށް ކުޅަދާނަ. ގެވެސް ހިއްލައިގެން ދާވަރުވާނެ މިފަހަރު.."

"ނިދަން އޮވެފައި ތިއައީ؟ ހާދަ ފްރެޝްކޮށް......"އެރިކް އެހިއެވެ.

"މަންމަ ބުނީ މަ ވިހެއީވެސް ބޯކޮށް ސްނޯ ފޭބި ދުވަހެއްގައޭ. އެހެންވެގެންނޯ އަބަދު ސްނޯހާ ފްރެޝްކޮށް ހުންނަނީ. ދެން މަ ކީއްކުރާނީ އެރިކް. ދަންވަރު ނިދާ ހޭލިޔަސް ސްނޯކޮޅެއްހެން. އެރިކްވެސް ހަމަޖެހިލައިގެން ގޯޑްއަށް ޓްރަސްޓްކޮށްގެން ނިދަންދޭ. އަހަރެމެންވެސް ޕްލޭންކުރަނީ އެކަމަކު ގޯޑްގެ ޕްލޭންސްއާއި ވާދައެއް ނުކުރެވޭނެ.................." އަސްލަންގެ ޖުމްލައިން އެރިކް ބުމަ އެރުވިއެވެ.ބައެއްފަހަރު އަސްލަންއަކީ މުސްލިމެކޭ ހީވާގޮތަށް ވާހަކަ ގެންގޮސްދާނެއެވެ. ކުއްލިއަކަށް އެރިކްގެ ހިތަށް ނުބައިގޮތެއްވިއެވެ. އަލާނާއަށް އަސްލަންގެ ހަގީގަތް އެނގޭހެއްޔެވެ؟ އަސްލަންއާއި އަލާނާގެ ކައިވެނި ހަލާލުވާނެ އެއްވެސް ގޮތެއްނެތެވެ. އަލާނާފަދަ އަޅުވެރި މުސްލިމް ކުއްޖަކު މިފަދަ ކެހިވެރި އޮޅުވާލުމުގެ ދަންތުރައެއްގައި ޖެހިފައި އިންއިރު އޭނަވީ ބަލަހައްޓައިގެން ހުންނަން ހެއްޔެވެ؟

އެރިކްގެ ބޮލަށް ވާންވެލިއެވެ. ޓެންޝަން ބޮލު ރިހުން މިފަހަކަށް އައިސް އިތުރުވާން ފަށައިފިއެވެ.

އަލާނާ ގާތު ބުނަންވީހެއްޔެވެ؟

"ހޫމް. ވަރަށް ނިދި އައިސްފި. މިހާ ފިނި ރެއެއްގައި އަރާމުކޮށް ނިދާލެވޭނެ..." އެރިކް ހިނގައިގަތެވެ."ފަތިސް ނަމާދަށް ހޭލައްޗޭ. ގުޑްނައިޓް..."

އަސްލަންގެ ތުންފަތްމައްޗަށް ނުލަފާހިންޏެއްވެރިވިއެވެ. އަސްލަން ކޮންމެވެސް މީހަކަށް ގުޅައިގެން ވާހަކަދައްކަން ފެށީ ނިކަން މަޑުންނެވެ.

ނުނިމޭ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު