"ކޮންމެ ދުވަހަކު ކީރިތި ގުރުއާން ކިޔަވާނަމަ ހިތް ސާފުވެ ވިސްނުމުގެ ބާރު ގަދަވެ ހިތުގެ ހަމަޖެހުން އިތުރުވެ އުފާވެރިކަން އިހުސާސްވާނެއެވެ. އަދި ގުރުއާނުގެ ނޫރުން މީހާގެ ސުލޫކު ބަދަލުވާނެއެވެ."

***

އެތައް މިނިޓެއް ވޭތުވެގެން ދިޔަފަހުން އެންމެ ފަހުން މޭރީގެ ދޫ ހަރަކާތްކުރިއެވެ. އެ ސަރަހައްދުގެ ހިމޭންކަން ފުން ކަމުން ނޫންނަމަ މޭރީ ވައިއަޑަކުން ބުނެލި ޖުމްލަ އަލްވާއަށް ނީވުނީސްކަން ޔަގީނެވެ.

"އެކުއްޖާ ދުވަސްކޮޅެއް ކުރިއާއި ހަމަޔަށް މުޅިން ރަގަޅަށް ހުރީ..."މޭރީ ގެ އަޑުގައި ހިތާމައާއި މޮޅިވެރިކަން ވިއެވެ."އެކުއްޖާ ހަމައެކަނި ބީރު ކުއްޖަކަށް ވިކަން. އެކަމަކު އެއްވެސް ކަހަލަ ބައްޔެއްގައި އުޅުނު ކުއްޖެއްނޫން. އެ ފިރިހެނުން އެކުއްޖާ މަރައިލީ. ޔަތީމު މިސްކީނު ކުދިންނަށް ފާރަލަމުން އަންނަ މީހުން............."

އަލްވާގެ ބުރަކަށީގައި ފިނި ރާޅެއް ދުވެލިއެވެ. އަދި ލޯ އިންތިހާއަށް ބޮޑުވިއެވެ.

"ޔަތީމުކުއްޖެއް؟ އެކަމަކު ސޯފިއާއަކީ މޭރީގެ އަމިއްލަ ދަރިއެއް ނޫންތަ؟" އަލްވާގެ މޫނުމަތިން ފެނުނީ ހައިރާންކަމެވެ. އޭނަ ޖަވާބަކަށް އެދި އިންތިޒާރުކުރަމުން މޭރީގެ މޫނަށް ބަލަން އިނެވެ. މޭރީވެސް އަލްވާގެ ލޮލާއި ލޯ ގުޅުވައިލިއެވެ. މޭރީގެ ލޮލުގައިވި ކުލައަކުން އަލްވާގެ ހިތްވެސް ތުރުތުރުލައިގެން ދިޔައެވެ. މޭރީގެ ލޮލުގައިވީ ހުރިހާ އެއްޗެއް އެނގޭފަދަ ބެލުމެކެވެ. އަލްވާ ބިއްލޫރިކޮޅެއްހާ ސާފުކޮށް އޭނައަށް ފެންނަފަދައެވެ. އަދި ހުރިހާ ސިއްރެއް ފަރުދާގެ ތެރެއިން ހާމަވިހެން ހީވި ވަގުތުކޮޅެކެވެ.

"ނޫން އަލްވާ ޑިއަރ. މަގޭ ލޯބި ލޯބި ސޯފިއާއަކީ ހަމަ އަލްވާ ފަދަ ކުއްޖެއް......"މޭރީގެ އަޑު އެ ހިމޭންކަމުގެ ތެރެއިންވެސް އިވުނީ ނިކަން މަޑުންނެވެ. އަލްވާގެ ނޭވާވެސް ހުއްޓުނެވެ. މޭރީގެ ތޫނު ވިސްނުންތެރި ލޮލުން ލޯ ދުރުކޮށްލުމާއެކު އަލްވާއަށް ބަލައިލެވުނީ ދުރުދުރަށްދާންދެން ދެމިފައި އޮތް އުޑުމައްޗަށެވެ. މޭރީގެ އެ ވާހަކައަކީ އަލްވާއަށް އަލަށް އެނގުނު އެއްޗެއް ނޫނެވެ. އޭނައަކީ ޔަތީމު ކުއްޖެއްކަން އޭނަ ދަނެއެވެ. އެކަމަކު ސީދާ އޭނަގެ މޫނުމަތީ އެވާހަކަ ބުނުން ވީ އާކަމަކަށެވެ. އުއްމީދުނުކުރާވަރަށް އޭނަގެ ހިތަށް އަސަރުކުރިއެވެ. އުމުރުން ހަތްދިހައިގެ އަހަރުތައް ގުނަމުންދާ މޭރީ އަލްވާގެ މޫނަށް ބަލައިލިއެވެ. އަދި އަލްވާގެ އިސްތަށިގަނޑުގައި ފިރުމަންފެށިއެވެ.

އަލްވާއަކީ ޔަތީމު އަންހެންކުއްޖެކެވެ. އެ އަވަށުގެ ދުވަސްވީ އެންމެންހެން އެކަން ދަނެއެވެ. އެ ދުވަސްމަތިން މޭރީ މާ ރަގަޅަށްވެސް ހަނދާން ހުރެއެވެ. ދިހައަހަރު ކުރިން ވިއްސާރަ އަދި ބޯކޮށް ވާރޭ ވެހުނު ދުވަހެކެވެ. ހާމިދު ގެއަށް އައީ ހަތްއަހަރުގެ ކުޑަ އަންހެންކުއްޖެއް ގޮވައިގެންނެވެ. ބަލިކަށި އަދި ކާންނުލިބި ކަށިގަނޑެއްހެން ހީވާ ކުޑަކުއްޖާގެ ހުރިހާ ކަށިތައްވެސް ހުރީ ފެންނާށެވެ. ކޯތާފަތް ވަޅުވަދެފައެވެ. އަދި ބޭރަށް ނިކުމެފައިވާ ބޮޑު ދެލޮލުގައި ތަފާތު ދެކުލަވިއެވެ. އޭރު މީހުންނަށް އެއީ ސިއްހީ ހާލަތެއްކަމާއި އެ މައްސަލައަށް ކިޔަނީ ހެޓެރޯކްރޯމިއާ ކަމެއް ނޭގެއެވެ. އަވަށު ބައެއް މީހުންނަށް އެކުއްޖާގެ ލޯ ފެނި އެއީ ސުންޕާކަމެއްގެ ގޮތުގައި ދެކުނެވެ. އަދި އެ އެދުވަސްކޮޅު އަވަށުތެރޭ ފެތުރުނު އަޑަކީ ހާމިދުއާއި އަމީރާ ގެންގުޅެނީ ޝައިތާނީީ ދަރިކޮޅުން އައިސްފައިވާ ޝައިތާނެއްކަމުގައެވެ. އެކަމަކު ދުވަސްކޮޅެއްގެ ތެރޭ އެ ވާހަކަ އޮބުނެވެ.

އަވަށު މީހުންގެ ހިތްތަކުގައި އެކުއްޖާއަށް ހަމްދަރުދީ އުފެދި އެއީ ޝައިތާނީ ނަސްލުން އައިސްފައިވާ ކުއްޖެއް ނޫންކަން އެނގުނީއެވެ. އެއީ މައިންބަފައިން ބޭނުންނުވެގެން އެއްލާލާފައިވާ މައުސޫމް ކުޑަކުއްޖެއްކަން އެނގުނީއެވެ. އަނިޔާލިބިފައިވާ ކުޑަ ފުރާނައެކެވެ. އެކުއްޖާގެ އަތާއި ފައިގާ ހުރި ޒަޚަމްތަކާއި ނޫފައިގެންފައިވާތަން ތަން މޭރީގެ ހަނދާނުގައި ހަރުލާފައިވިއެވެ. އެކުޑަ މައުސޫމްއަށްޓަކާ މޭރީގެ ހިތް ބަންޑުންވެ ލޮލުން ކަރުނަ އޮހޮރުވައިލިއެވެ. ހާމިދުއާއި އަމީރާއަކީ ހިތްހެޔޮ ދެމަފިރިންނަށްވެފައި އެކުއްޖާ ފެނުމުން އަޅާނުލާ ދޫކޮށްލުމަށް އެމީހުންގެ ހިތް ކެތްނުކުރީއެވެ. މަރުގެ އަނގަމަތީގައިވަނިކޮށް އެމީހުން އެކުއްޖާއަށް ބޭސްކޮށް އަޅާލުމާއި ލޯބި ދިނެވެ. އަދި އެކުއްޖާ ސަލާމަތްކުރިއެވެ. އެކުއްޖާގެ މާޒީގެ އެއްވެސް ހަނދާނެއް ނެތެވެ. އަދި މަގުމަތީގައި ވާރޭ ތެރޭ އެގޮތަށް އެއްލާލެވިފައި އޮންނަން ޖެހުނު ސަބަބެއްވެސް ނޭގުނެވެ. އެވެސް ނިއުމޯނިއާޖެހިފައެވެ. އަލްވާ މާޒީ ހަނދާންނެތުމަކީ ހާމިދުގެ ދެމަފިރިން ހެއްދެވި ފަރާތަށް ޝުކުރުކުރިކަމެވެ. އެ މާޒީއަކީ ޔަގީނުންވެސް އުފާވެރި އެއްޗަކަށް ނުވާތީއެވެ. އެމީހުން ބޭނުންވީ އަލްވާގެ މުސްތަގުބަލް އުފާވެރި ހަނދާންތަކުން ރީތިކޮށްލުމަށެވެ. އަދި އަމިއްލަ ދަރިއެއްފަދައިން ބަލާބޮޑުކުރުމަށެވެ. އެކަމަކު ސަރުކާރުން ދިން ފޯމްތަކެއްގައި ސޮއިކޮށް ގާނޫނީ ހުދޫދުގެ ތެރެއިން އެކަން ކުރަން ޖެހުނެވެ.

އަހަރުތަކެއްފަހުން އެކުއްޖާވީ އަވަށުގެ ދިރުމަށެވެ. ބިރުވެރި މާޒީއެއްގެ ތެރެއިން އައި އެކުއްޖާދެކެ ލޯބިނުވާ އެންމެ މީހެއްވެސް އެރަށަކު ނެތެވެ. އެންމެންގެ ހިތުގައިވީ އިންތިހާއަށް ލޯތްބާއި ކުލުނެވެ. އެކުއްޖާގެ ކުޅަދާނަކަމާއި ހިތްވަރާއި އަދި އެ އުފާވެރި ފުރާނައަށް އެންމެންގެ ތައުރީފު އޮހުނީ އެފަދަ ހިތްދަތި ދިރިއުޅުމަކަށްފަހުވެސް އެހިސާބަށް އައިގޮތުންނެވެ. މިނިވަން ދޫންޏެއްފަދައިން އަލްވާ އޭނަގެ ބައިސްކަލުގައި އަވަށް ކުޑަކޮށްލާފައި ދުއްވާ އެންމެނަށް ސަލާމްކޮށް ހާލު ބަލާ އުޅެއެވެ. އެކުއްޖާގެ މޫނުމަތިން ހިނިތުންވުމެއްނެތި މީހަކަށް އޭނަ ފެނިފައެއްނުވެއެވެ.

މޭރީ ދިގު ނޭވާއަކަށްފަހު ގޮނޑިން ތެދުވުނެވެ."އެތެރެއަށް ހިނގާ ސްވީޓްހާޓް. ސައިފޮދެއް ނަމަވެސް ބޯލަންވާނެ. ތިކުދިން މިއަދު އިވެންޓެއް ފާހަގަ އެބަކުރަމެއްނު. އެއަށް ކިޔަނީ......ހޫމް އީދު....ނޫންތަ؟"

މޭރީ ލަސްލަހުން ހިނގާފައި އެތެރެއަށް ވަނެވެ. ބުރަކޮށް މަސައްކަތްކޮށް ބޭކަރީއެއް ހިންގާ މީހަކަށްވިޔަސް މިހާރު އުމުރުން ދުވަސްވެ ބަލިކަށިވާންފެށީއެވެ. އެވެސް ދަރިފުޅުގެ ކުއްލި ވަކިވުމަށްފަހު ތަހައްމަލު ކުރަން ދަތި ހިތާމައަށް ކެތްނުކުރެވިގެންނެވެ. އެވަރުންވެސް އޭނަ ޕާންފިހެއެވެ. އެ އަވަށުމީހުންނަށް އެންމެ ކަމުދަނީވެސް މޭރީގެ ޕާނެވެ. މިހާރު މޭރީއަށް އިހުސާސްވަނީ ދުނިޔޭގައިވާހާ އެއްޗެއް ގެއްލިފައިވާކަމުގައެވެ. އިތުރު އުފާވެރިކަމެއް މަޖަލެއް ހަޔާތަކު ބާކީ ނެތެވެ. އިތުރަށް ބުރަ މަސައްކަތްކުރުމުގެ މާނައެއްވެސް ނެތެވެ. އެ ވިސްނުންވެސް އޭނަ އިތުރަށް ބަލިކަށި ކުރުވީއެވެ.

މޭރީ ގޭތެރެއަށް ވަދެ ނިވާވުމުންވެސް އިރުގަނޑެއްވާންދެން ފަހަތުން ނުގޮސް އަލްވާއަށް ހުރެވުނީ އަމިއްލަ ނަފުސާއެކު އެކަނިވެރި ވަގުތުކޮޅެއް ހޭދަކޮށްލުމަށެވެ. އަމިއްލަ ޚިޔާލުތަކާއި އޭނަ އެކަންޏެވެ. އަލްވާއަށް އޭނައަކީ ޔަތީމު ކުއްޖެއްކަން އެނގެއެވެ. ކުޑައިރު ހިނގާދިޔަ ހާދިސާތައް އަދި ޅަދުވަސްތައް އޭނަގެ ހަނދާނުން ފިލައިފިއެވެ. އެކަމަކު އުމުރުން ދިހަ އަހަރުގައި އޭނަ އެޑޮޕްޓްކުރިކަމުގެ ކަރުދާސްތައް ދެކުނެވެ. އޭނައަކީ ހާމިދުއާއި އަމީރާގެ އުފަން ދަރިއެއް ނޫންކަން އޭނަގެ ވިސްނުން ތޫނުކަމުން ދެނެގަތެވެ. ހާމިދުއާއި އަމީރާގެ ހުދު ދޮންކަން ހުންނައިރު އަލްވާގެ ހަމުގައި ބޮޑަށް ހުންނަނީ ރީދޫކުލައެކެވެ. ރަން ޒައިތޫނި ކުލައެވެ. މައިންބަފައިންގެ އިސްތަށިގަނޑުގައި މުށިކުލައިގެ ކުލަތައް އެކުލެވޭއިރު އޭނަގެ އިސްތަށިގަނޑު އޮންނަނީ ކަޅުކުލައިގައެވެ. އެލީސާ އަކީ އަމީރާގެ ކާބަންކޮޕީއެކެވެ. އަލްވާ އޭނަގެ ބައްޕަ ހާމިދު އަދި އަމީރާއާއިވެސް ވައްތަރެއް ނޫނެވެ. އަލްވާއަށް ހުރިހާކަމެއް އެނގެއެވެ. އެކަމަކު އޭނަ ހުރީ ހިތުގެ އެންމެ އެތެރޭގެ ބަޔަކަށް އެ ސިއްރު ލާ ތަޅުލައިގެންނެވެ. އޭނަ ދިރިއުޅެމުން އައީ ހާމިދުއާއި އަމީރާއަކީ މައިންބަފައިންކަމުގައި ދެކެގެން ހުރެއެވެ. އަދި އެލީސާއަކީ އޭނަގެ އަންހެންކޮއްކޮއެވެ. އެއީ އޭނަގެ އާއިލާއެވެ. އޭނަގެ ގެއެވެ. އެމީހުންނަކީ އޭނަގެ ގާތުގައި ދުނިޔެއެވެ. ދުނިޔޭގެ އެހެން އެއްޗަކާއި ބަދަލުކުރަން ދުވަހަކުވެސް އޭނަ ނޭދޭނެއެވެ. އެކަމަކު މޭރީ އެކަން ހަނދާންކޮށްދިނުމުން އަލްވާ އޭނަގެ ޝަޚުސް ފޮރުވައިގެން ހުރި ހިތުގެ އެބައިވެސް ތުރުތުރުލައިފިއެވެ.

މާރިއާގެ މަރުވި ދަރިފުޅު ސޯފިއާއަކީވެސް ޔަތީމުކުއްޖެކެވެ. އަލްވާއަށް ކުރިން އެކަން އެނގިފައެއްނުވެއެވެ. އޭނަ ނާކިއާއަށްޓަކާ ޑޮކްޓަރެއް ބަލާ އެ ކްލިނިކަށް ދިޔަ ދުވަހު ސޯފިއާ ދުނިޔެއާއި ވަކިވެގެން ދިޔައީއެވެ. އެދުވަހު މޭރީގެ ހިތް ހަލާކުވެ އަނދިރީގެ ތެރެއަށް އެއްލާލެވުނު ހިނދު އެއީ ނާކިއާއަށް ރަހުމަތުން ފުރިގެންވި ދުވަހެކެވެ. ނާކިއާ ބަލިވެއިންކަން އެނގުނު ދުވަހެވެ. ދިރިއުޅުމަކީ އެއީއެވެ. އަޑި ގުޑަންތަކާއި އުސްގަނޑުތަކުން ފުރިފައިވާ ހަޔާތުގެ ބާބުތަކެވެ. ﷲ ސުބުހާނަހޫ ވަތައާލާ ހުރިހާކަމެއް ދެނެވޮޑިގެންވާ ހިކުމަތްތެރި ފަރާތެވެ. ކޮންމެ ކަމެއްވާނީ ރަގަޅަށެވެ. ނާކިއާވަނީ އެ ފިލާވަޅު އޭނައަށް އުގަންނާދީފައެވެ.

އަލްވާ އިންތަނުން ތެދުވެގެން އެތެރެއަށް ވަންނާން ހިނގައިގަތެވެ. މިއަދު އޭނައަށް އެގިފައި ހުރި އިލްމެއް މޭރީއާއި ހިއްސާކުރާނެއެވެ. އޭރުން މިދުނިޔޭގެ ކަންތައްތަކާއި ކުރިމަތިލުމުގެ ބާރު ލިބި އެފަދަ ހާދިސާތަކުން ލިބޭ ހިތާމަ ކުޑަވާނެއެވެ.

އެކުޑަ ކޮޓަރިތެރޭގައި ތާޒާ ޕާން ފިހެވޭވަސް ހަރުލިއެވެ. މޭރީ މޭޒުމަތީގައި ޕާނާއި ކްރީމް އަދި މާމުއި ބަހައްޓާފައި ހާބަލް ސައިތަށްޓެއްވެސް ބެހެއްޓިއެވެ.

އަލްވާގެ ގާތުގައި ނާކިއާ ދައްކާފައި ހުރި ވާހަކަތައް ހަނދާންކޮށްފައި އޭނަ މޭރީއަށް ރައްދުކޮށްދިނެވެ. މޭރީއަށް އިސްލާމްދީނާއިބެހޭ މާ ގިނަ މައުލޫމާތެއް ފޯރުކޮށްދެވިފައެއްނެތެވެ. އަލްވާ ބުނެދިނީ އެމީހުންގެ ދީނުގައި ކޮންމެ ފަދަ ކަމެއްވިޔަސް ހެއްދެވިފަރާތަށް ޝުކުރުކުރާގޮތެވެ. ދެރަ ހިތާމަވެރިކަމެއް ކުރިމަތިވިޔަސް އުފަލެއް ލިބުނަސް އޮތީ ﷲ ސުބުހާނަހޫ ވަތައާލާއަށް ޝުކުރުކުރުމެވެ. ލޯބިވާ މީހެއް ވަކިވިޔަސް ﷲއަށް ޝުކުރުކުރަން ޖެހެނީ އެކަމުގެ ހިކުމަތް ދެނެވޮޑިގެންވަނީ އެފަރާތްކަމަށް ވާތިއެވެ. އަދި އެމީހަކު ގެންދެވި ސަބަބުވެސް ދެނެވޮޑިގެންވަނީ އެފަރާތުންނެވެ. ކޮންމެ ފުރާނައަކީ މަރުގެ ރަހަ ލިބިގަންނާނެ އެއްޗެއްކަން ގުރުއާނުގައި ވަހީކުރައްވާފައިވެއެވެ. މަރަކީ އެހެން މީހެއްގެ އިހުސާސްތަކަށް އިހުތިރާމްކުރާނެ އެއްޗެއް ނޫނެވެ. އެމީހެއްގެ އަޖަލު ޖެހުމުން މަރު އަންނާނެއެވެ. އެމީހާއަކީ އެހެން މީހުންނަށް ކިތަންމެ އަގުހުރި ކިތަންމެ ލޯބިވާ ފަރާތެއްވިޔަސް މަރަށް ފަރުވާލެއްނެތެވެ. ސޯފިއާއަކީވެސް މޭރީގެ އަދި ދުނިޔޭގެ މިލްކެއްވެސް ނޫނެވެ. ސޯފިއާ އަދި ދުނިޔޭގައިވާހާ އެއްޗެއްގެ ވެރިއަކީ މާތްﷲއެވެ. ސޯފިއާ ދުނިޔެއާއި ވަކިވެ މޭރީ ދުނިޔޭގައި ލެހެއްޓެވުމުގެ ސަބަބެއް ވާނެއެވެ.

މޭރީގެ ހަޔާތުގެ ހަތްދިހަ އަހަރު ފަހުން ކުރިން އެނގިފައި ނުވާވަރަށް އިސްލާމްދީނާއި ބެހޭގޮތުން އޮޅުންފިލިއެވެ. އަލްވާ އާޚިރަތުގެ ވާހަކަ ދައްކަން ފެށުމުން މޭރީގެ ލޮލުން ކަރުނަ އޮހިގަތީ އިޚުތިޔާރަކާއި ނުލައެވެ. މޭރީ މި ދީނާއި ބެހޭގޮތުން އިތުރަށް އުނގެނެން ބޭނުންވިއެވެ. ސަބަބަކީ އާޚިރަތާއި ސުވަރުގެ އަދި ނަރަކައިގެ ވާހަކަތަކުން ޔަގީންކޮށްދީފައިވާތީއެވެ. އޭނަ ބޭނުންވީ އޭނަގެ ސޯފިއާ ޖަންނަތުގައި ލެއްވުމަށް އެދި ﷲއަށް ދުޢާ ކުރުމަށެވެ. އަލްވާ ވައުދުވީ ގުރުއާނުގެ ތަރުޖަމާއަކާއި އަދި ނާކިއާ އަތުން އަތުލައިގެން ތަފްސީރު ފޮތްތައްވެސް ގެނެސްދޭނެކަމުގައެވެ. މޭރީއަށް ޝޮކެއް ލިބުނީ އޭނަފަދަ މުސްކުޅިއަކާއި ބަލާފައި އަލްވާ އެހާ ޅައިރުވެސް ބުއްދިވެރިކަމުންނެވެ. އޭނަ އެކަމާއި ހިތާމަކުރިއެވެ. ފުން ހިތާމައަކީ ޖާހިލުކަމުގައި ހަޔާތުގެ ބޮޑުބަޔެއް ވޭތުކޮށްލެވުމުންނެވެ. އޭނަ ރުޔެވެ. މިފަހަރު ސޯފިއާއަށްޓަކައެއް ނޫނެވެ. އަމިއްލަ ނަފުސަށްޓަކައެވެ.

މޭރީ ހަމަޔަކަށް އެޅުމުން އަލްވާ ޝައުގުވެރިވާފަދަ އެއްޗެއް ހާމަކުރިއެވެ. ސޯފިއާ ފެނުނީ މަގުމައްޗަށް އެއްލާލާފައި އޮތްވައެވެ. އެކުއްޖާ ލީ ޔަތީމު ޚާނާއަކަށެވެ. ސޯފިއާ ޔަތީމު ޚާނާއިން ފިލައިގެން އުޅެނިކޮށް މޭރީއާއި ފިރިމީހާއަށް ފެނުނުއިރު އެކުއްޖާގެ ހަށިގަނޑުން ފެންމަދުވެ މަރުވަނީކަމުގައި ހީކުރެވުނެވެ. އެކުއްޖާއަށް އަނގައިން ނުބުނެވޭތީ އެމީހުން ހީކުރީ ނުކުޅެދޭ ކުއްޖެއްކަމުގައެވެ. ފަހުން އެނގުނީ އެކުއްޖާގެ ދޫ ބުރިކޮށްފައިވާކަމެވެ.

މޭރީ ސޯފިއާ ގޮވައިގެން ބާޒާރުކުރަން އެމްސްޓަޑަމްއަށް ގޮސް އުޅެނިކޮށް ނުދަންނަ ފިރިހެނުންތަކެއް ފަހަތުން އަންނަކަން ވިސްނުނެވެ. އަދި އެމީހުން އަންނަނީ ސޯފިއާގެ ފަހަތުންކަންވެސް މޭރީ ވިސްނައިގަތެވެ. ސޯފިއާއަކީ މޭރީގެ އުފަން ދަރިއެއްނޫނެވެ. އެ ނުދަންނަ މީހުންނާއި ސޯފީއާއި ކޮންމެވެސް ކަހަލަ ގުޅުމެއް އޮތީކަމަށް ވެދާނެއެވެ. އޭރު ޔަތީމުޚާނާއިން އާއިލާއެއް ނަމެއްނެތް ކުދިންތައް ގެއްލި އަދި މަރުވާކަމުގެ ވާހަކަތައް ރޭޑިއޯތަކުން ޚަބަރު ފެތުރުން އިތުރުވެފައިވިއެވެ. މޭރީއާއި ސޯފިއާއަށް ފާރަލަމުން އެ ފިރިހެނުން އުޅުނު ދުވަހު ފަހު ދުވަހު ސޯފިއާ ވަކިވެގެން އެދިޔައީއެވެ. އަދި އެދުވަހު އެމީހުންގެ ގެ ކައިރިން ކަޅުކުލައިގެ ކާރެއްވެސް ފެނުނެވެ.

އަލްވާ އެހުރިހާ އެއްޗެއް ބޮލުތެރޭ ރައްކާކޮށްލީ ޖާސޫސެއް ފަދައިންނެވެ. މޭރީ އެކިޔާދިން ވާހަކައިގާ ބުރަދަން އެބަހުއްޓެވެ. މަރުވާ އަދި ގެއްލޭ ކުދިންނަކީ ޔަތީމުންނަށްވެފައި އެކުދިންގެ އާއިލާއެއް ނެތުމުން މީހުން އެކަމަށް ސަމާލުކަމެއް ނުދެނީއެވެ. އަޖައިބުވާހާ އެއްގޮތްކަމެއް މި ކޭސްތަކުގައި އެބަހުއްޓެވެ. އެ ހުރިހާކަމެއްގެ ފަހަތުގައިވާ ފިރިހެނުންގެ އަމާޒަކަށްވަނީ އެފަދަ އާއިލާއެއްނެތް ނިކަމެތި ކުދިންނެވެ. އަޅާލާނެ ފަރާތެއް ވާލެއް ޔާރެއްނެތް ކުދިންނެވެ. އަލްވާއަކީވެސް އެފަދަ ކުއްޖެއް ނޫންހެއްޔެވެ؟ އެމީހުންގެ އަމާޒަކަށް ނުވާނެބާވައެވެ. އަލްވާގެ ކަރުތެރެ ހިކުމާއިއެކު އަވަސްއަވަހަށް ވަށައިގެން ހޯދައިލެވުނީ ކޮންމެވެސް މީހަކު ފާރަލައިގެން ހުރެދާނެކަމުގެ ބިރު ހިތުގައި ހިނގައިގަނެފައެވެ. އެކަމަކު އެމީހުން އަންނަންވީ ކީއްވެހެއްޔެވެ؟ އޭނަގެ އާއިލާއެއް އެބައޮތް ނޫންހެއްޔެވެ؟ އޭނައަކީ ހަގީގަތުގައި އާއިލާއެއްނެތް ކުއްޖެއްކަން އެމީހުންނަށް އެނގޭނީވެސް ކިހިނެއްހެއްޔެވެ؟ ހާމިދުއާއި އަމީރާ އެހެން މީހުންގާތު އަލްވާއަކީ އެމީހުންގެ އުފަން ދަރިއެއް ނޫނޭ ކިޔާ ވާހަކަދައްކަނީއެއްވެސް ނޫނެވެ. އަލްވާ ބޯ ހޫރުވައިލިއެވެ. އޭނައަށް ބަޔަކު ފާރަލާނެ ގޮތަކީ ނެތްގޮތެކެވެ. އޭނައަކީ އުފާވެރި އާއިލާއެއްގެ އުފާވެރި އަންހެންކުއްޖެކެވެ.

އަލްވާ މޭރީގެ ގެއިން ނިކުމެގެން ހިނގައިގަތްއިރު ސޯފިއާގެ މަރުގެ ހަގީގަތް ހޯދުން އެންމެ މުހިއްމު ކަމެއްގެ ގޮތުގައި ދެކި އެކަމަށް އަޒުމް ކަނޑައެޅިއެވެ. ދުނިޔޭގައި އެއްވެސް އާއިލާއެއް ނެތް އެކަނިވެރި މޭރީއަށްޓަކާވެސް ސޯފިއާއަށް އިންސާފު ހޯދަދޭން އެބަޖެހެއެވެ. އަލްވާއަށް އާ ވާހަކައަކަށް ޚިޔާލެއްވެސް ލިބުނެވެ. މަރުވާ އަދި ގެއްލިގެންދާ ކުދިންގެ ވާހަކަތައް ލިޔެ މީހުން ހޭލުންތެރިކުރުވިދާނެއެވެ.

އެހާ ހައިރާންކުރުވަނިވި އަދި ގަޔާވަނިވި ކަމެއް ފެނުމުން އަލްވާ އަވަސްވެގަތީ މެހެކް ހުރިތަނެއް ހޯދުމަށެވެ. އެނގުނުހާ މައުލޫމާތެއް މެހެކްއާއި ހިއްސާކުރާހިތުން ކެތްކުރެވުނީއެއް ނޫނެވެ. އެންމެ ގާތް އެކުވެރިޔާއަކީ އޭނަގެ ސިއްރެއްވިއްޔާ ހިއްސާނުކޮށް ނުހުރެވޭނެ މީހެކެވެ. އޭނަ މި ކޭސް ހައްލުކުރަން ވެއްޖެއްޔާ މެހެކްގެ އެހީތެރިކަމަށް ކޮންމެހެންވެސް ބޭނުންވާނެއެވެ. މެހެކްއަކީ ޔަގީނުންވެސް ސްމާޓް އަންހެންކުއްޖެކެވެ. އެކަމަކު އޭގެ ކުރިން މެހެކް އަލްވާ ހުރިތަނަކުން ހޯދިއެވެ. ދުވެފައި އައިގޮތަށް އަލްވާގެ ކޮނޑުގައި ހިފާ ދަމައިގަތުމުން ލިބުނު ސިހުމާއެކު ހަޅޭއްވެސް ލަވައިގަނެވިއްޖެއެވެ. އެއީ މެހެކްވެސް އުއްމީދުނުކުރާފަދަ ކަމެކެވެ. ސަބަބަކީ އަލްވާއަކީ މަދުފަހަރެއްގައި ނޫނީ އެގޮތަށް ބިރުގަތް ކުއްޖެއް ނޫނެވެ.

"ހޭއި ކާމް ޑައުން...މަށޭ މިއީ. ކިހިނެއްވެފައި ތިހިރީ؟" މެހެކް ހަޅޭއްލަވައިގެންފާ އޭނަގެ މޫނު ދައްކާލިއެވެ. އަދި އެއަށްވުރެ ތޫލިކޮށް ހަޅޭއްލަވައިގެންފާ ނާކިއާ ވިހޭކަމުގެ މައުލޫމާތު ދިނެވެ. އަދި އެންމެންވީ ހޮސްޕިޓަލުގައިކަމުގައިވެސް ބުނެލިއެވެ. މެހެކްވެސް މިއައީ އަލްވާ ގޮވައިގެން އަލްވާއާއެކު ހޮސްޕިޓަލަށް ދިޔުމަށް އޭނަ ހޯދުމަށެވެ.

ނުނިމޭ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު