އެމްއެންޕީގެ ރަޖިސްޓްރާ، ވަގު ފޯމަކާއެކު އެމްއާރުއެމްއަށް ވައްދަން ހުށަހެޅި މައްސަލައެއް ފެންމަތިވެއްޖެ

އެމްއެންޕީގެ ރަޖިސްޓްރާ މުހައްމަދު ޝިހާބު

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރަޖިސްޓްރާ, މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އަށް ވައްދަން ވަގު ފޯމެއް ހުށަހެޅި މައްސަލައެއް ފެންމަތިވެއްޖެއެވެ.

"ސަން"އާ ވާހަކަ ދައްކަވަމުން އެ ޕާޓީގެ ރަޖިސްޓްރާ މުޙައްމަދު ޝިހާބު ވިދާޅުވީ އެމްއާރްއެމްއަށް އޭނާ ވައްދަން ވަގު ފޯމެއް ހުށަހެޅިކަން އެނގުނީ އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ކަމަށެވެ. އަދި މިހާރު އޭނާއަށް އެ ކޮމިޝަނުން އެ ފޯމު ހަވާލުކޮށްފައިވާކަމަށް ވެސް ޝިހާބު ވިދާޅުވިއެވެ.

"އެއީކީ އަޅުގަނޑުގެ ފިންގާ ޕްރިންޓެއް ނޫން. އަޅުގަނޑުގެ ސޮއެއްވެސް ނޫން. އަޅުގަނޑުގެ ސޮއި ވަރަށް ބޮޑުވާނެ،" އޭނާ ވިދާޅުވިއެވެ.

މި މައްސަލައިގައި އިތުރަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް އެމްއެންޕީން މިހާރު ކުރިއަށް ގެންދާކަމަށް ޝިހާބު ވިދާޅުވިއެވެ.

"މިކަމުގެ ގޮތުން މިއީ ވަރަށް ދެރަކަމެއް. މިކަމާ ދެކޮޅަށް އެންމެ ބޮޑަށް އަޑު އުފުލި އެއް ޕާޓީ އެމްއާރްއެމް މީ،" އޭނާ ވިދާޅުވިއެވެ.

ސިޔާސީ ޕާޓީތަކަށް ވަގަށް މީހުން ވެއްދުން ހުއްޓުވުމަށްޓަކައި އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން ޕާޓީއަށް ވަނުމަށް އެދި އެ ކޮމިޝަނަށް ފޯމް ހުށަހެޅުމުން، އެ މީހަކު ޕާޓީގައި ރަޖިސްޓްރީ ކުރުމުގެ ކުރިން އޭނާގެ ނަމާއި އައިޑީކާޑު ނަންބަރުގެ ފަހު ތިން އަކުރު ކޮމިޝަނުގެ ވެބްސައިޓުގައި އާންމުކުރާނެއެވެ.

އަދި ޕާޓީއަށް ވަނުމަށް ފޯމުގައި ސޮއިކުރިތޯ ޔަގީންކުރުމަށްޓަކައި އެ ކޮމިޝަނަށް ލިބޭ ކޮންމެ މެމްބާޝިޕް ފޯމެއްގައިވާ މޯބައިލް ނަންބަރަކަށް މެސެޖް ވެސް ކުރާނެއެވެ.

ޕާޓީއަށް މެމްބަރުން އިތުރުކުރުމަށް ވަގު ފޯމު ހުށަހަޅާކަމުގެ ތުހުމަތު އެމްއެންޕީ، އަދާލަތު ޕާޓީ އަދި އެމްޑީޕީއަށްވެސް މީގެކުރިން ވަނީ ކޮށްފައެވެ.

އަދި ޕީޕީއެމްގެ ގިނަ އަދަދެއްގެ މެންބަރުން އެ މީހުންނަށް ނޭނގި އަދާލަތު ޕާޓީ އަށާއި އެމްއެންޕީއަށް ވައްދާފައިވާ މައްސަލަތަކެއް އެ ޕާޓީން ވަނީ ފެންމަތިކޮށްފައެވެ. އޭގެތެރޭގައި އެ ޕާޓީގެ ޓިކެޓުގައި އިންތިޚާބުވެފައިވާ ބައެއް ކައުންސިލްތަކުގެ ރައީސުން ވެސް ހިމެނެއެވެ.

މީގެއިތުރުން ޕީޕީއެމަށް ވެސް ގިނަ އަދަދެއްގެ ބަޔަކު ވަގަށް ވައްދާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ.

ނަމަވެސް އެ ހުރިހާ ޕާޓީތަކުން ވެސް އެކަމަށް އިންކާރު ކުރެއެވެ.

comment ކޮމެންޓް