391 ވަގު ފޯމު ހުށަހަޅާފައިވާކަމަށް ބުނީ ރިޔާސީ އިންތިޚާބު ވަގަށް ނަގަން: ޕީޕީއެމް

އިދިކޮޅު ކޯލިޝަނުން ނޫސްވެރިންނާ ބައްދަލު ކުރަނީ -- ސަން ފޮޓޯ/ އަހްމަދު އައިމަން އަލީ

އިދިކޮޅު ޕީޕީއެމްއިން 391 ސައްޙަ ނޫން ފޯމު ހުށަހަޅާފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން (އީސީ) އިން ބުނީ 2023 ގެ ރިޔާސީ އިންތިޚާބު ވަގަށް ނެގުމަށް ސަރުކާރާއި ސަރުކާރާ ވާގިވެރިވާ ބޭފުޅުން ރުއްސުމަށް ކަމަށް އެ ޕާޓީން ބުނެފިއެވެ.

އީސީން ވަނީ މީހުންނަށް ނޭނގި ސިޔާސީ ޕާޓީތަކަށް ވައްދާފައި ވުމާ ގުޅިގެން 2018 ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށް ލިބިފައިވާ ޝަކުވާތަކުގެ ތަފާސް ހިސާބު އާންމުކޮށްފައެވެ.

އެކަމާ ގުޅިގެން ޕީޕީއެމް އިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ސަރުކާރުން ސިދާ ނުފޫޒު ފޯރުވައިގެން ޕީޕީއެމް ބަދުނާމުކުރުމަށް އިލެކްޝަންސް ކޮމިޝަނުން ދައްކަމުން ގެންދާ ވާހަކަތައް ކުށްވެރި ކުރާ ކަމަށެވެ.

ޕީޕީއެމް އިން ބުނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ އެކަކުން ފެށިގެން އެޕާޓީގެ 5000 އަށް ވުރެ ގިނަ މެންބަރުން ވަގަށް ނަގައި އެހެން ޕާޓީތަކަށް ބަދަލުކޮށްފައިވާ މައްސަލަ އީސީއަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެކަމަށް އިންސާފު ހޯދުމަށް އެ ކޯލިޝަނުން ކުރަމުން ގެންދާ މަސައްކަތަށް ހުރަސް އަޅައި އެވާހަކައިގެ މިސްރާބު އެހެން ދިމާއަކަށް އަނބުރާލުމަށް މަސައްކަތް ކުރާތީ ކަންބޮޑުވާ ކަމަށް ޕީޕީއެމްއިން ބުންޏެވެ.

ޕީޕީއެމް އިން ވަނީ އެ އަދަދަށް އެޕާޓީން ސައްޙަ ނޫން ފޯމު ހުށަހަޅާފައިވާ ކަމަށް އީސީ އިން ބުނެފައިވަނީ ކިހާވަރަކަށް ބަލާފަތޯ ސުވާލު އުފައްދާފައެވެ. އެއީ ކޮން އަސާސެއްގެ މައްޗަށް ބުރަވެ ދައްކާ ވާހަކައެއްތޯ އަދި އެ އަދަދު ހާމަކޮށްފައި އެވަނީ އެކަމުގެ ޖިނާޢީ ތަޙުޤީޤެއް ހިންގުމަށް ފަހުތޯ ނުވަތަ އެ މީހުންގެ ފިންގާޕްރިންޓް ވެރިފައި ކުރުމަށްފަހުތޯ ޕީޕީއެމް އިން ސުވާލު ކޮށްފައިވެއެވެ.

އެ ޕާޓީން ބުނީ އެ މައުލޫމާތުތައް ދިވެހި ރައްޔިތުންނަށް ހާމަކޮށްދިނުމަށް އީސީ އަށް ގޮވާލާ ކަމަށެވެ. މީގެ އިތުރުން ޝަކުވާ ހުށަހަޅާފައިވާ މީހުންގެ މައުލޫމާތާއި އެމީހުން ހުށަހަޅާފައިވާ ޝަކުވާތައް އަށް ފޮނުވާދިނުމަށް ވެސް އެދިފައިވެއެވެ.

ޕާޓީތަކުގެ މެންބަރުން ވަގަށް އެހެން ޕާޓީތަކަށް ވައްދާކަން އީސީގެ ސަމާލުކަމަށް ގެނެސް އެކަން ހައްލު ކުރުމަށް އެއްބާރުލުން ދީ އެންމެ ބޮޑު މަސައްކަތެއް ކުރާ ޕާޓީއަކީ ޕީޕީއެމް ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.

"[ޕީޕީއެމް އާއި] މެދު ޒާތީވެ ބަދުނާމު ކުރަން ފަށާފައި މިވަނީ މިކަމުގެ ހަގީގަތް ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން އަންގައިގެން ކަމަށް މި ކޯލިޝަނުން ގަބޫލު ކުރަން." ބަޔާނުގައި ވެއެވެ.

ޕީޕީއެމް އިން ބުނީ ޕާޓީގެ މެންބަރުން ވަގަށް ނަގާފައިވާ މައްސަލައިގެ ޖިނާއީ ތަހުގީގެއް ހިންގައި، ވަގަށް ނަގާފައިވާ މެންބަރުން އިތުރު ފޯމެއް ފުރުމެއް ނެތި އަނބުރާ ދަފްތަރުގައި ހިމަނައިދިނުމަށް އެދޭ ކަމަށެވެ.

comment ކޮމެންޓް