ހައިކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލެއްވީ ހުޒައިފާއާއި ޝުކުރުﷲ

ހައިކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލެއްވި ފެމިލީ ކޯޓުގެ އިސް ގާޒީ ހުޒައިފާ މުޙައްމަދު އަދި ޕީޖީ އޮފީހުގެ ކުރީގެ ގާނޫނީ ވަކީލު ޝުކުރުﷲ ޝަކީލް ---

ހުސްވެފައިވާ ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް އިއުލާނުގެ ސުންގަޑި ހަމަވިއިރު ދެ ބޭފުޅަކު ކުރިމަތިލައްވައިފިއެވެ.

މިއަދު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްއީ) އިން ބުނީ ހައިކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައި ކޮށްފައިވާ އިއުލާނުގެ ސުންގަޑި ހަމަވިއިރު އެ މަގާމަށް ކުރިމަތިލާފައިވަނީ ހުޒައިފާ މުހައްމަދާއި ޝުކުރުﷲ ޝަކީލް ކަމަށެވެ.

އެ މަގާމަށް ކުރިމަތިލި ބޭފުޅުންގެ ތެރެއިން ހުޒައިފާ އަކީ މިހާރު ފެމިލީ ކޯޓުގެ އިސް ގާޒީއެވެ. އޭނާ އެ މަގާމަށް އައްޔަނު ކޮށްފައިވަނީ މިދިޔަ މާޗު މަހުގެ 30 ވަނަ ދުވަހުއެވެ. އަދި އޭނާ އަކީ ސުޕީރިއާ ކޯޓުތަކުގެ ތެރެއިން ކޯޓެއްގެ އިސް ގާޒީ ކަމަށް އައްޔަން ކުރި ފުރަތަމަ އަންހެން ބޭފުޅާއެވެ.

މީގެ އިތުރުން ޝުކުރުﷲ އަކީ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގައި ދައުލަތުގެ ވަކީލެއްގެ ގޮތުގައި ފަސް އަހަރު މަސައްކަތް ކުރެއްވި ބޭފުޅެކެވެ. ޝުކުރުﷲ އަކީ މީގެ ކުރިންވެސް އެކި ކޯޓުތަކުގެ ފަނޑިޔާރު ކަމަށް ކުރިމަތިލެއްވި ބޭފުޅެކެވެ.

މިހާރު އިއުލާންކޮށްފައި ވަނީ ހައިކޯޓުގެ ފަނޑިޔާރު އަލީ ސަމީރު އިސްތިއުފާ ދެއްވުމުން އެ މަގާމަށް ބޭފުޅަކު ހޯދުމަށެވެ.

ހައިކޯޓަށް އަދި އިތުރު ދެ ފަނޑިޔާރުން ބޭނުންވާނެއެވެ. އެއީ އެ ކޯޓުގެ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހީމް އިސްތިއުފާ ދެއްވުމުންނާއި އެ ކޯޓުގެ ފަނޑިޔާރު އަބްދުﷲ ހަމީދު ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާތީއެވެ.

ފަނޑިޔާރު ހަމީދު ހައި ކޯޓުގެ ފަނޑިޔާރު ކަމުން ވަކި ކުރަން ފާސްކުރީ ޤާނޫނު އަސާސީގެ 152ވަނަ މާއްދާއާ ޚިލާފަށް މަޖިލީހުގެ އެއްވެސް ދައުރެއް ނެތި، ސީދާ ސަރުކާރުން އިނާޔަތެއްގެ ގޮތުގައި ދިން ފްލެޓުތަކަކާ ހަވާލުވި ކަމަށް ޖޭއެސްސީން ނިންމި ނިންމުމާ ގުޅިގެންނެވެ. އެ އަމަލަކީ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ޚިލާފު އަމަލެއް ކަމަށް ބުނެ ޖޭއެސްސީން ފަނޑިޔާރުކަމުގެ މަގާމުން ހަމީދު ވަކި ކުރަން މަޖިލީހަށް ހުށަހެޅީ މިދިޔަ މަހުގައެވެ.

ޖޭއެސްސީން ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރުމަށް ހަމީދުގެ އިތުރުން ފަނޑިޔާރު އަބްދުއް ރައޫފް އިބްރާހީމް ގެ ނަންވެސް މަޖިލީހަށް ހުށަހެޅިއެވެ. ނަމަވެސް ފަނޑިޔާރު ރައޫފް ވަނީ އަމިއްލަ ފުޅަށް މަގާމުން އިސްތިއުފާ ދެއްވާފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް